ނަމާދުކުރުމަކީ ފާފަކުރަން ހުއްދަލިބޭ ކަމެއް ނޫން! ނަމާދުކުރުމަކީ މީޒާނުގަ ޢަމަލުތައް ކިރަން ނުޖެހޭނެ ކަމެއް ކަމަށް ހީކޮށްގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ނަމާދުކުރުމަކީ ފާފަކުރަން ހުއްދަލިބޭ ކަމެއް ނޫން! ނަމާދުކުރުމަކީ މީޒާނުގަ ޢަމަލުތައް ކިރަން ނުޖެހޭނެ ކަމެއް ކަމަށް ހީކޮށްގެން ނުވާނެ!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ބައެއް މީހުން ފަރުޟު 5 ނަމާދުކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރަން ފަހެއް ނުޖެހެއެވެ. ބަނގުރާ ބުއިމާއި ފާޙިޝް ޢަމަލުތައް ކުރުމާއި ދޮގުހެދުމާއި މީސްތަކުންނަށް މަކަރު ހެދުން ފަދަ އެތައް ކަމެއް އެބަކުރެއެވެ.

މިއީ އިޞްލާޙް ކުރަންޖެހޭނެ ކަންކަމެވެ. ފާފަކުރަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާނެއެވެ. ވީމާ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް އެކިވަރުގެ މުޞީބާތްތައް ކުރިމަތިވާނެއެވެ.

ކޮންމެ މުސްލިމެއްގެ މައްޗަށް ނަމާދުކުރުން ވަނީ ފަރުޟު ކުރައްވަވާފައެވެ. ނަމާދުކުރާކަން އެއީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވާކަން އަންގައިދޭ ކަމެކެވެ. އަދި ސުވަރުގެ ދާން ބޭނުންވާކަންވެސް އަންގައިދޭ ކަމެކެވެ. ވީމާ އެމީހަކީ ހެޔޮ މަގަށް ޢަމަލުކުރަން މަސައްކަތްކުރާ މީހަކު ކަމަށް ބުނެވިދާނެއެވެ. 

ދެން އޮތީ މީހާގެ ޢަމަލުތައް އިޞްލާޙްކުރުމެވެ. މީހާގެ ޢަމަލުތައް އިޞްލާޙް ނުކުރާނަމަ އެމީހާ ކުރާ ހެޔޮ ޢަމަލުތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިޘާލަކަށް ނަމާދުކުރިނަމަވެސް އޭނާ ކުރި ޢަމަލުތައް މީޒާނުގައި ކިރަން ނުޖެހިއެއް ނުދާނެއެވެ. ވީމާ ތިލަފަތުގައި ފާފައިގެ ކޮޅަށް ބަރުވިއަނުދޭން މަސައްކަތްކުރަންޖެހޭނެއެވެ. 

ކޮންމެފަދަ ނުބައި ޢަމަލެއް ކުރެވޭކަމުގައިވީނަމަވެސް ނަމާދުކުރަން ޖެހޭނެއެވެ. ހަމައެއާއިއެކު ކުރެވޭ ނުބައި ޢަމަލުތައް ކުރުން ހުއްޓާލަން މަސައްކަތްކުރަންވެސް ޖެހޭނެއެވެ. ނަމާދުކުރާ މީހާއަށް އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. ނަމަވެސް އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. 

ކުރެވޭ ފާފަތަކަށް ބިރުވެތިވާށެވެ! ތައުބާވުން ގިނަކުރާށެވެ! އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން