ރީތިކަން ލިބިފައިވާ ގިނަ އަންހެނުންނަށް ރަނގަޅު ބައިވެރިން ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ ޏޫނީ ލަނޑު ލިބުން ގިނަވަނީ ކީއްވެގެން ހެއްޔެވެ؟
މިކަމަށް ވިސްނާނަމަ އުފެދޭނެ ސުވާލުތަކާއި ދެވިދާނެ ޖަވާބުތައްވެސް ވަރަށް ގިނައެވެ. އަހުރެން މިބުނަނީ އަހުރެންގެ ވިސްނުމެވެ.
އަންހެނަކު ރީތިނަމަ އޭނާގެ ވަށައިގެން އެނބުރޭ މީހުންގެ ޢަދަދު ގިނަވާނެއެވެ. އެއިގެ ތެރޭގައި ގިނަވާނީ ހުވަފެން ދައްކާ މީހުންނެވެ. ދޮގުހަދާ މީހުންނެވެ. ވަޢުދުތައް ނުފުއްދާ މީހުންނެވެ. އެހެންވެ ނުބައި މީހުންނާއި ގުޅެވެނީއެވެ. ކައިވެނިކުރުމުން ޙަޤީޤަތް އެނގެން ފަށައެވެ. ކުރެވުނު މޮޔަ ކަންތައް ވިސްނޭއިރު އޮންނަނީ ބޮނޑި ލިބި ނިމިފައެވެ.
އަހުރެން ދަންނަ ރީތި އަންހެނުންގެ ތެރޭގައި ގިނައީ ތަނަވަސް މީހުންނާއިއެކު ދިރިއުޅެން މަސައްކަތްކޮށް އެކަން ކާމިޔާބު ނުކުރެވިގެން މެދުމިނުގެ މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބު މިބަޔާންކުރީއެވެ.
އަދިވެސް ބުނެލާނަމެވެ. އަހުރެންގެ އެކުވެރިންގެ ތެރެއިން ސިފަހުތުރު އަންހެނުންގެ ޒަވާޖީ ޙަޔާތް މާކާމިޔާބެއެވެ. ސިފަހުތުރު ގިނަ އަންހެނުންގެ ކައިވެނި ނުރޫޅޭކަން ފާހަގަކުރެވެއެވެ. ސަބަބެއް ކަމަށް އަހުރެންނަށް ޤަބޫލުކުރެވެނީ ސިފަހުތުރު އަންހެނުންނާއި ކައިވެނިކުރަނީ ދިރިއުޅުމުގެ ނިޔަތުގައި ކަމަށްވާތީއެވެ. އަނބިމީހާގެ ބޭރުފުށުގެ ސިފަރީތިވުމަށްވުރެ އޭނާގެ ކިބައިން ލިބޭނެ ލޯތްބާއި އަޅައިލުމާއި ވަފާތެރިކަމަށް ބަލައިގެން ކައިވެނިކުރާތީއެވެ.
ވީމާ އަހުރެން ބުނާނީ ކާމިޔާބު އުފާވެރި ޒަވާޖީ ޙަޔާތެއް ބޭނުންނަމަ ރީތީގެ ރާނީންގެ ފަހަތުން ދުވުމެއް ނެތެވެ. ފަތުން ދުވަންވީ އަޚްލާޤް ރީތި ރާނީންގެއެވެ.
މިއީ އަމިއްލައަށް ކުރެވުނު ދިރާސާތަކަށް ބަލައި އަހުރެންގެ ވިސްނުމެވެ. އެހެން މީހުންގެ ވިސްނުން ތަފާތުވެސް ވެދާނެއެވެ.
- އަލަފް