ކައިވެނީގެ ޚުޠުބާއާ ޙައްޖަތުލްވަދާޢުގެ ޚުޠުބާ ވަރަށް އެއްގޮތް- ބިރުވެތިވެ ސަމާލުކަން ދީފިނަމަ ކައިވެނި ބާއްޖަވެރިކުރުވޭނެ!: އިން ޝާ ﷲ. މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ކައިވެނީގެ ޚުޠުބާއާ ޙައްޖަތުލްވަދާޢުގެ ޚުޠުބާ ވަރަށް އެއްގޮތް- ބިރުވެތިވެ ސަމާލުކަން ދީފިނަމަ ކައިވެނި ބާއްޖަވެރިކުރުވޭނެ!: އިން ޝާ ﷲ. މުފްތީ މެންކް

މިޒަމާނުގައި ކޮންމެ ދެމީހަކުވެސް ކައިވެނި ކުރަނީ ވަރަށް ގިނަ ކަންތައްތަކަކަށް އެއްބަސްވެގެންނެވެ. ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އުންމީދުތަކެކޭ ބުނުމަށްވުރެ ބޮޑަށް ރަނގަޅުވާނީ ޔަޤީންކަމާއިއެކުގައި ކަމަށް ބުނިއްޔާއެވެ. އެހެނަސް މައްސަލައަކީ ދާދި އަވަހަށް ހުރިހާ ކަންކަން ބޮއްސުންލައިގެންދާކަމެވެ.

ކައިވެނި ބޮއްސުންލައިގެން ދިއުމުން ނުވަތަ ދިރިއުޅުން ބަނގުރޫޓުވުމުން ކަންބޮޑުވެއެވެ. ނަމަވެސް ބުނަން އޮތީ ކައިވެނި ފޭލްވުމުން ނުވަތަ ކަންކަން ބޮއްސުންލައިގެން ދިއުމުން ކަންބޮޑުވާފަދައިން ރަސޫލް (ﷺ) ދެއްވަވާފައިވާ އިރުޝާދުތަކަށް ކަންބޮޑުނުވާނަމަ ކައިވެނީގެ ޙަޔާތް ވެސް އަދި އަދި އަމިއްލަ ދިރިއުޅުންވެސް ކާމިޔާބެއް ނުކުރެވޭނެއެވެ.

ފުރަތަމަ ކަންބޮޑުވާންވީ ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކަށެވެ. "މިވެނި މަގަކުން ހިނގައިފިނަމަ ވާނީ މިހެންކަމާ މިވެނި މަގަކުން ހިނގައިފިނަމަ ވާނީ މިހެންކަން" ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ޙަޔާތުގެ ހުރިހާ ކަމެއްވެސް ގޯސްވެގެންދަނީ ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ. ތަޤްވާވެރި ނުވެވޭތީއެވެ. ތަޤްވާވެރިވެ، ބިރުވެތިވެވޭނަމަ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ފައިދާ ކުރަމުންނެވެ.

ކައިވެނީގެ ޚުޠުބާއަކީ ހަމައެކަނި ކައިވެނި ކުރަން އަޑުއަހައިލާ އެއްޗަކަށް ނުހަދާށެވެ! އެ ޚުޠުބާއަކީ ޙަޔާތުގެ އެންމެ މުހިންމު ބިންގާ ކަމުގައި ހަދާށެވެ. އެ ޚުޠުބާއަށް ސަމާލުކަން ދީފިނަމަ އެކައިވެންޏެއް ރޫޅެން ޖެހެންވީ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. ދެމަފިރިންގެ ޙަޔާތް ދާނީ ބާއްޖަވެރިވަމުންނެވެ. ދުވަހުން ދުވަހަށް ކުރިއަރަމުންނެވެ.

މިއަދުގެ ޢާންމުހާލަތަށް ބަލާއިރު އެންމެ ގިނައިން އަޑުއިވެމުންދާ އެއް ޝަކުވާއަކީ ރޭގަނޑުގެ ބޮޑު ބައެއް ފާއިތުވަންދެން ފިރިން ގެއަށް ނުވަދެ ބޭރުގައި އުޅޭ ވާހަކައެވެ. އިތުރު އަންހެނުންނާއި ގުޅުން ބާއްވާ ވާހަކައެވެ. ފިރިންގެ ކިބައިން އިވޭ އަޑަކީ އަނބިން ނުކިޔަމަންތެރިވާ ވާހަކަ އާއި ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާ ވާހަކައެވެ.

ކައިވެނީގައި ކިޔައިދިން ޚުޠުބާ ކޮބައިހެއްޔެވެ؟ ރަސޫލް (ﷺ) ހައްޖަތުލްވަދާޢުގައި ދެއްވެވި ކުރު ޚުޠުބާގައި މީސްތަކުންނަށް ތަޤްވާވެރިވުމަށާއި ﷲ ތަޢާލާއަށް ބިރުވެތިވުމަށް ގޮވައިލެއްވެވި ވަރަށް ކައިވެނީގެ ޚުޠުބާތަކުގައި ވެސް އެކަމަށް ގޮވާލައި ނަޞޭޙަތްތެރިވެއެވެ. ބައެއް ޚުޠުބާތަކުގައި އެއަށްވުރެ ގިނައިންވެސް ގޮވައިލެވެއެވެ. ނަމަވެސް ހިތާމައަކީ ކައިވެނީގެ މަޖިލިސް ނިމިގެން ބޭރަށް ނުކުންނައިރު އެކަންކަން ހަނދާނުގައި ނުހުންނަ ކަމެވެ. އެގޮތަށް އެކަން ކުރާ ސަބަބަށް ވިސްނައި ބިރުވެތި ނުވެވޭ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން