އިޞްލާޙްވެބަލަ! ކުރާ ހުރިހާ ހެޔޮކަން ގެއްލި ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކީ އެމީހާގެ އަނބިދަރިންނަށް އަޚްލާޤް ނުބައިވުން!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އިޞްލާޙްވެބަލަ! ކުރާ ހުރިހާ ހެޔޮކަން ގެއްލި ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކީ އެމީހާގެ އަނބިދަރިންނަށް އަޚްލާޤް ނުބައިވުން!: ޝައިޚް އަބޫބަކުރު ޒައުދު

އެއް ބައަކު ދީނާއި ވެރިކަން ހިންގުން ތަފާތުކުރެއެވެ. އެކަމަށް މިކިޔަނީ ސެކިޔުލަރިޒަމްއެވެ. އެއީ ފާފައެކެވެ. އިސްލާމް ދީން ހުއްދަކުރާ ގޮތެއް ނޫނެވެ. ހަމަ އެއާއިއެކު ބައެއް މުސްލިމުން އަޅުކަން ކުރުމާއި އަޚްލާޤް ވަކިކުރެއެވެ. މިއީ ވެސް ހަމަ ކުރިން ބުނި ފަދަ ފާފައެކެވެ.

މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ކިތަންމެ ގިނަ އަޅުކަމެއް ކުރި ކަމުގައިވީނަމަވެސް އެމީހާއަކީ އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާއަށް އަދި މީސްތަކުންނަށް އަޚްލާޤް ނުބައި މީހަކު ކަމުގައި ވެއްޖެ ނަމަ އެމީހާ ކުރި ހުރިހާ ހެޔޮކަންތައް ގެއްލި ކާފިރުންގެ ތެރޭގައި ހިމެނި ނަރަކައަށް ވަންނަން ޖެހިދާނެ މީހަކު ކަމުގައި ވުމުގެ ބިރު ވަރަށް ބޮޑެވެ. ވީމާ އަޅުކަން ކުރުމަށް ސަމާލުކަން ދޭ ފަދައިން ތިމާގެ އަޚްލާޤް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ!

ބައެއް މީހުން ވަރަށް ފުރިހަމައަށް އަޅުކަން ކުރެއެވެ. ނަމާދުކުރެއެވެ. ރޯދަ ހިފައެވެ. ޒަކާތް ދައްކައެވެ. ޙައްޖުވެއެވެ. ގޭގައި އިނދެގެންވެސް ކަރުނަ އަޅަމުން ކީރިތި ޤްރުއާން ވެސް ކިޔަވައެވެ. ނަމަވެސް މިފަދަ ބައެއް މީހުން ޚަތިމް ބާއްވާފައި ތެދުވެ އަނބިދަރިންނާއި މައިންބަފައިންގެ ކުރިމަތީގައި ރުޅިއައިސްގެން ފުންމައިގެންދެއެވެ.

އަދި މިސްކިތުގައި ކިޔަވަން އިނދެފައިވެސް ތެދުވެ އެހެން މީހުންނާއި މުޢާމަލާތުކުރާއިރު ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތް ބޮޑު ޖާހިލެއްގެ ގޮތުގައެވެ. ޚުދު އަމިއްލަ އަނބިދަރިންނާއި މައިންބަފައިންނާއި މުޢާމަލާތުކުރުމުގައިވެސް މެއެވެ.

އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް އަޚްލާޤް ރަނގަޅުކަމުގައި ވުމުގެ ބޭނުންތެރިކަން ބޮޑުކަން މިހާރު ޤަބޫލުކުރެވެނީ މަދު މީހަކަށެވެ. މިހެން ބުނަން ޖެހެނީ އެހެން މީހުންނަށް އަޚްލާޤް ރަނގަޅު މީހަކަށް ހެދިގެން ހުރެ، ނުވަތަ އެހެން މީޙުންގެ ކުރިމަތީގައި ތިމާއަކީ އަޚްލާޤް ރަނގަޅު މީހަކު ކަމުގައި ދައްކަމުން ގޭތެރޭގައި އަޚްލާޤް ނުބައި މީހުން ގިނަވާތީއެވެ.

ދީނާއި އަޚްލާޤަކީ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ އެކައްޗެކެވެ. އިސްލާމް ދީން ﷲ ތަޢާލާ ބާވައިލައްވަވާފައިވަނީ އެގޮތުގައެވެ. ރަނގަޅަށް ވިސްނާށެވެ! މީސްތަކުން ކޮންމެ ދުވަހަކު ބައިބައަށް އިސްލާމް ދީނަށް ވަންނަމުންދަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. ހަމައެފަދައިން އިސްލާމް ދީނާއިމެދު ފޫހިވާ މީހުން ފޫހިވަނީވެސް ބައެއް މުސްލިމުންގެ ކިބައިން ފެންނަ ނުރަނގަޅު އަޚްލާޤީ ސިފަތަކުގެ ސަބަބުންނެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ނުރަނގަޅު އަޚްލާޤްގެ ސަބަބުން ތިމާ ކުރާ ހެޔޮ އަމަލުތައް، އަޅުކަން ނަގައި ނުލުމަށެވެ. މީހަކަށް ޞަދަޤާތެއް ދިނުމަށްފަހު އެކަމުގެ ވާހަކަ ދެއްކުމުން ޞަދަޤާތް ބާޠިލުވެގެންދަނީ އެމީހާ އެކުރި އަމަލަކީ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަމަކަށްވާތީއެވެ.

-- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން