އުންމު ނަވާރު
ހިކި ކެއްސުމަކަށް ކެއްސުން މިއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ގިނަ ފަހަރު މިގޮތަށް ކެއްސަނީ އަރިދަފުސް ރޯގާ ޖެހި ރަނގަޅުވާ ދުވަސްވަރުއެވެ. އެސެޑް ރިފްލަކްސް ( މަތިން އަރާ ބަލި) ހުންނަ މީހުންވެސް ބައެއް ހާލަތްތަކުގައި ހިކު ކެއްސުމަކަށް ކެއްސަފާނެއެވެ. އަދި އަޅުގަނޑުމެން ދިރިއުޅޭ ވެށީގެ ތެރޭގައި ދައުރު ވަމުންދާ ކުނިބުނީގެ ސަބަބުންވެސް ބައެއް ފަރާތްތަކުން ހިކު ކެއްސުމަކަށް ކެއްސައެވެ. ބައެއް ހާލަތްތަކުގައި ޑޮކްޓަރުންނަށްވެސް ހިކި ކެއްސުމަކަށް ކެއްސަނީ ކީއްވެކަށް ދެނަނުގަނެވެއެވެ. މަދުން ނަމަވެސް ޞިއްހީ އިތުރު ބައްޔަކާ ގުޅިގެންވެސް ހިކި ކެއްސުމަކަށް ކެއްސާގޮތްވެއެވެ.
- ހިކި ކެއްސުމަށް ގޭގައި ފަރުވާ ކުރަންވީ ކީއްވެ؟
ހިކި ކެއްސުމާއި ކެއްސުން ފަދަ ރޯގާތަކަށް ފަރުވާކުރަން ނަގާ އޯޓީސީ ބޭސްތަކުގެ ތެރެއިން ބައެއް ބޭސްތަކަކީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމަށް އެހީތެރިވެދޭ ބޭސްތަކެކެވެ. ކެއްސުން ހުއްޓުވުމަށް ނަގާ ކެއްސުން ސަޕްރެސެންޓްސް ބޭހަކީ ކެއްސުން ހުއްޓުވުމަށްޓަކައި ރަނގަޅު ބޭހެކެވެ. ނަމަވެސް މި ބޭސް ނެގުމުން ތަފާތު އިތުރު އުނދަގޫތަކާ ގިނަ ފަހަރު ތަހައްމަލު ކުރަން ޖެހެއެވެ. އެގޮތުން އެނބުރުން އަރާ މޭނުބައިކޮށް ހޮނޑުލެވުމާއި އަދި ދުވާލު މާ ގަދައަށް ނިދި އައުން އެކަށީގެންވެއެވެ. ހިކި ކެއްސުމަށް ގޭގައި ނަގާ ފަރުވާތަކުގައި ކެމިކަލްސް ނުހިމެނޭނެއެވެ. ވީމާ ފަރުވާ ނެގުމުން އިތުރު އުނދަގުލަކާއި ގިނަ ފަހަރު ކުރިމަތިލާން ނުޖެހޭނެއެވެ.
- ހިކި ކެއްސުމަކަށް ކެއްސާނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންކަން
ފިޔާ ޖޫސް
ދިރާސާތަކުން ދައްކާ ގޮތުގައި ފިޔާ އެކްސްޓްރެކްޓަކީ އެންޓި-އިންފްލެމޭޓަރީ އަސަރު ހުންނަ އަދި ޓްރެކިއާ (ފުއްޕާމެއާއި އަޑު ފޮށި ގުޅުވައިދޭ ހޮޅި) އަށް ލުޔެއް ގެނެސްދޭ އެއްޗެކެވެ. މިހެންވުމުގެ ސަބަބުން ކެއްސުން ކުޑަކޮށްދީ ނުވަތަ ހުއްޓައިދޭނެއެވެ. ފިޔާ ޗަސްކޮށްލުމަށްފަހު އޭގެން ދިޔަ ނަގާށެވެ. ފިޔާގެ ދިޔަ ހުރި މިންވަރަށް މާމުތް ފިޔާގެ ދިޔަ ތެރެއަށް އަޅާ އެއްކޮށްލާށެވެ. ދުވާލަކު 2 އިރު ނުވަތަ 3 އިރު މޭޒުމަތީ ސަމްސަލެއްގެ ފިޔާ ޖޫސް ބޯށެވެ.
އިނގުރު ބޭނުންކުރުން
އިނގުރަކީ އާޔުރްވެދިކް ބޭސްވެރިކަމުގައި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ މުހިއްމު އެއްޗެކެވެ. އަދި އިނގުރަކީ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރާ ބާވަތެކެވެ. އިނގުރުގައި އެކުލެވޭ އެންޓި-އިންފްލެމޭޓަރީ އަދި އެންޓިމައިކްރޯބިއަލް އިފެކްޓްސް ގުޅިފައި ވަނީ އިނގުރުގައި ހިމެނޭ އެކްޓިވް ކޮމްޕޯނެންޓްސް ކަމަށްވާ ޖިންޖަރޯލްސް ކިޔާ މާއްދާއަކާއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގުރު ބޭނުންކުރުމުން ނޭވާހޮޅީގެ މަސްތައް ހަމަޖައްސައިދެއެވެ. މިހެންވުމުގެ ސަބަބުން ކެއްސުން ކުޑަކޮށްދީ ނޭވާލާން އުނދަގޫވުން ކުޑަކޮށްދެއެވެ. އިނގުރު ކެއުމުގައި ހިމަނާލުމަށްޓަކައި ސައި ކައްކާއިރު އިނގުރު އަޅައިގެން ކެއްކިދާނެއެވެ. ނުވަތަ އިނގުރު ޗަސްކޮށްލުމަށްފަހު އޭގެ ދިޔަ ކޮޅު ބޯލާށެވެ.
މާމުތް ބޭނުންކުރުން
ދިރާސާތަކުން ދައްކާ ގޮތުގައި ކެއްސާނަމަ އޯޓީސީ ބޭސްތަކަށްވުރެން މާމުތް ރަނގަޅެވެ. އަޅުގަނޑުމެންގެ ދީނުގައިވެސް މާމުއީގައި ބަލިތަކަށް ޝިފާއެއްވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަހްލް ސޫރަތުގެ 69 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. " ދެން ހުރިހާ ވައްތަރެއްގެ މޭވާއިން ކައިހަދާށެވެ! އަދި ތިބާގެ ربّ ގެ ކިޔަމަންތެރިކުރެވިފައިވާ މަގުތައް إختيار ކޮށް އެމަގުތަކުން ދަތުރުކުރާށެވެ. އަދި އެމާމުއި ކުޅަނދުރުގެ ބަނޑުން ތަފާތު ކުލަކުލައިގެ ބުއިމެއް (މާމުއި) ނުކުންނާނެއެވެ. އެމާމުއިގައި މީސްތަކުންގެ ބަލީގެ شفاء އެއްވެއެވެ. ބަލީގެ ބޭހަކަށްވެއެވެ. ހަމަކަށަވަރުން ކަންކަމަށް ފިކުރުކޮށް ވިސްނާބަޔަކަށް އެކަމުގައި دليل ވާކަންކަށަވަރެވެ" ވީމާ ކޮންމެ ދުވަހަކު މާމުއި ސަމްސަލެއް ބޯލުން ރަނގަޅެވެ.
ދިޔާތަކެތި ބޯ މިންވަރު އިތުރު ކުރުން
ހިކި ކެއްސުމަކަށް ކެއްސާނަމަ ގިނައިން ދިޔާތަކެތި ބޯން އާދަކުރާށެވެ. ކަރު ތެރެ ހިކުމުން އިތުރަށް ކެއްސުމުގެ އުނދަގޫ ބޮޑުވެދާނެއެވެ. ދިޔާ އެއްޗެއް ނުބޮއި ގިނައިރު ނުކުރާށެވެ.
މަތީގައި ބަޔާން ކުރެވިފައިވާ ކަންތައްތައް ކުރުމުންވެސް ކެއްސުން ހުއްޓާނުލާ ގިނަ ދުވަސްތަކެއް ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާލަންވާނެއެވެ. ޞިއްހީ ގޮތުން އިތުރު ބައްޔަކާހެދިވެސް ބައެއް ފަހަރު ހިކި ކެއްސުމަކަށް ކެއްސައެވެ. ޑޮކްޓަރީ އިތުރު ބޭހެއް ނަންގަވާ ނުވަތަ އިތުރު ޞިއްހީ މައްސަލައެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ މަތީގައި ބުނެފައިވާ އެއްޗެހި ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދާލަން ވާނެއެވެ. އަދި މަތީގައި ބަޔާން ކުރެވިފައިވާ އެއްޗެހި ބޭނުންކުރުމުން އިތުރު އުނދަގުލެއް ވާކަން ފާހަގަ ކުރެވެއްޖެނަމަ ހުއްޓާލުމަށްފަހު ޑޮކްޓަރަށް ދައްކާލަން ވާނެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
ލިޔުނީ: އުންމު ނަވާރު
މައުލޫމާތު ނެގީ
Dr. Surya bhagwati (2022) 10 best ayurvedic home remedies for Dry Cough: Medicine of Dry Cough. Dr Vaidya's
Dry cough with chest tightness: Causes & treatment. Cleveland Clinic