ދަރިން ބަލައި ބޮޑުކޮށް ކައިވެނިކޮށްދިނުމުންވެސް މައިންބަފައިންނަށްވުރެ ބޮޑަށް އަނބިމީހާގެ ބަސް ޤަބޫލުކޮށް މައިން ބަފައިން ނިކަމެތިކުރަނީ ކީއްވެގެންތޯ؟
ކިޔުންތެރިޔާގެ ގާތުގައި ބުނެލަން އޮތީ އެގޮތަށް ކުރާދަރިން ތިބޭފަދައިން އެގޮތަށް ކަންތައް ނުކުރާ ދަރިންވެސް ތިބެއެވެ.
މިހަރަކަށް އައިސް ދަރިން މައިންބަފައިން ނުބެލުމާއި ނައިންބަފައިން ދަރިންނަށް އަޅައިނުލުމުގެ ޝަކުވާތައް ދަނީ ގިނަވަމުންނެވެ. ކިތަންމެ ވަރަކަށް ލޯތްބާއި އަޅައިލުން ދީގެން ގެންގުޅެ ބޮޑުކުރާ ދަރިން މައިންބަފައިންނާއި އަޅައިނުލާ ކަމުގެ ޝަކުވާތައްވެސް އަންނަނީ އިތުރުވަމުންނެވެ.
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ވަރަށް ބޮޑު ތަފާތެއް ވިސްނިލައްވަވާނެއެވެ. އިން ޝާ ﷲ
އިބްރާހީމްމެންގެ ކައިވެންޏަށް 3 ވަނަ އަހަރު ފިރިހެން ދަރިއަކު ލިބުނެވެ. ދެމަފިރިން ނުހަނު ލޯބިން ދަރިފުޅު ބަލައި ތަރުބިއްޔަތުކުރަމުން ދަނިކޮށް ކައިވެންޏަށް 10 ވަނަ އަހަރު އަނބިމީހާ ނިޔާވުމުން ދެފަރާތުގެ ޢާއިލާޢިންވެސް އިބްރާހީމަށް ހިތްވަރުދިނީ އިތުރު ކައިވެންޏަށް ކުރުމަށެވެ.
ނަމަވެސް އެކަމަށް އިބްރާހީމް ދެކޮޅު ހެދިއެވެ. އިބްރާހީމް ބުނަމުން ގެންދިއައީ އިތުރު ކައިވެންޏަށް ކުރަން ބޭނުން ނޫން ކަމަށާއި އޮތް ހަމަ އެކަނި ބޭނުމަކީ ދަރިފުޅު މާލިކް ރަނގަޅު ގޮތުގައި ބަލައިބޮޑުކުރުން ކަމަށެވެ.
މާލިކް ބޮޑުވެ ކައިވެނިކުރާ އުމުރަށް އެޅުމުން މާލިކްގެ ކައިވެނީގެކަންކަން މާލިކް ބޭނުންވިގޮތަށް ކޮށްދިނެވެ. އަދި އިބްރާހީމްގެ ވިޔަފާރި ހިންގުމުގެ ހުރިހާ ކަންކަން ދަރިފުޅާއި ޙަވާލުކުރުމަށްފަހު އަރާމުކޮށްލަން މަޑުކޮށްލިއެވެ.
ދުވަސްކޮޅެއްފަހެވެ. އިބްރާހީމް ހެނދުނުގެ ސައިބޯން އިނދެފައި ބިސްގަނޑަކަށް އެދުމުން މާލިކްގެ އަނބިމީހާ ބުނީ ގޭގައި އެވަގުތު ބިސް ނެތްކަމަށެވެ. އިބްރާހީމް އަޅައިނުލާ ހުރިއެއްޗަކާއިއެކު ސައިބޮއިގެން ދިއައީއެވެ.
އިރުކޮޅަކުން އިބްރާހީމް މޭޒުކައިރިން ދިއައިރު ފެނުނީ މާލިކްގެ ދެމަފިރިން ބިސްގަނޑުއަޅައިގެން ސައިބޯން ތިއްބައެވެ. އިބްރާހީމް މޭޒުމައްޗަށް ބަލައިލިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން މާލިކަށް ވިސްނިގެން އަނބިމީހާ ޢާއި ސުވާލުކުރުމުން ކަންތައް ވީގޮތް ކިޔައިދިނެވެ. އަދި ބުންޏެވެ. "އެންމެ 4 ބިސް އޮތީމަ އެހެން ބުނީއެވެ. އެންމެ ދުވަހަކު ބިސްނުކެޔަސް ބައްޕައަށް ކަމެއް ނުވާނެ ނޫން ހެއްޔެވެ؟"
މާލިކް ޖަވާބު ނުދީ ހުރެފައި އެރޭ ބައްޕަ ގާތު ބުންޏެވެ. "ބައްޕަ ކައިވެނިކުރަންވެއްޖެއެވެ." އަންތބަކަށް ބޭނުންނުވާކަމަށް ބުނުމުން އިބްރާހީމް ބުނީ މިއުޅެނީ އަންތބަކު ހޯދައިދޭން ނޫން ކަމަށާއި ބިސްގަނޑު އަޅައިދޭނެ އަންހެނަކު ހޯދައިދޭން ކަމަށެވެ. އަދި ބުންޏެވެ. "މާދަމާ އަހަރެމެން އެހެން އެޕާޓްމަންޓަކަށް ބަދަލުވާނަމެވެ. އަދި ދެން މަސައްކަތްކުރާނީ ބައްޕަގެ މުވައްޒިފެއްފަދައިން މުސާރަ ނަގައިގެން ލިބޭ މުސާރައިންނެވެ. ލިބޭ އާންދަނީ މަދުކޮށްލައިގެން ނޫނީ ބައްޕައަށް ބިސްގަނޑު އަޅައިދޭންޖެހޭނެކަން އަނބިމީހާއަށް ވިސްނައެއް ނުދެވޭނެއެވެ. އެއިރު ގޭގައި އޮތީ 4 ބިހެވެ. ބައްޕަ ބޭނުންވީމާ އެތަނުން 2 ބިސް ބައްޕައަށް ދީފައި އަހަރެމެން މީހަކު ބިހެއް ކެއިނަމަވެސް ފުދޭނެކަން އަނބިމީހާއަށް ނުއެނގުނުކަމުގެ މައްސަލަ ޙައްލުކުރެވޭނީ މިފަދަ ކަންކަން ކޮށްގެންނެވެ."
ދަރިފުޅުގެ ނިންމުމާއިމެދު އެއްވެސް ބަހެއް ބުނަން ބައްޕަ ބޭނުމެއް ނުވިއެވެ.
ވިސްނާލަންވި އެއްކަމަކީ އިބްރާހީމް އޭނާގެ ދަރިފުޅަށް ދީފައިވާ ހަރުދަނާ ތަރުބިއްޔަތަށެވެ. ދެން ވިސްނާލަންވީ ދަރިން ނަމަވެސް ޅީދަރިންނަމަވެސް މައިންބަފައިންގެ ބޭނުންތަކަށް ސަމާލުކަންދޭންޖެހޭނެ މިންވަރެވެ. މިކަންކަމަށް ސަމާލުކަންދެވިއްޖެނަމަ ދުނިޔޭގައި އުފާވެރިކަން ލިބުމުގެ އިތުރުން އާޚިރަތުގައި ބާއްޖަވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ