މީހަކަށް ނަފްރަތުކުރެވޭނަމަ އެމީހަކު ދެކެ އިންތިހާއަށް ރުޅިއާދެވެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ގެއްލުމެއް ދިނުމަށްފަހު އަދިވެސް އިތުރަށް ގެއްލުންދޭން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ އެކަކަށް ގެއްލުމެއް ދިނުމަށްފަހު ހިތްނުފުރިގެން ވީހާގިނަބައަކަށް ގެއްލުންދޭން މަސައްކަތް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟
މިކަންކަން މިހިނގަނީ ޝައިޠޯނާ ބޭނުންވާ ގޮތަށެވެ. ﷲ ތަޢާލާ އާދަމްގެފާނަށް ސަޖިދަކުރަން އިބިލީހަށް އަމުރުފުޅު ކުރެއްވެވުމުން ނުކޮށް ހިތުގައި ޙަސަދަލީ އާދަމްގެފާނަށެވެ. ދެން ޙައްވާގެފާނަށެވެ. ދެކަނބަލުން ނަރަކައަށް ވައްދުވަން ކުރި މަސައްކަތް ފޭލްވުމުން ދެން ޙަސަލަވީ އެދެކަނބަލުންގެ ދަރިފަސްކޮޅަށެވެ.
ޝައިޠޯނާގެ ހިތްފުރޭނީ ހަމައެކަކު ނަމަވެސް ސުވަރުގެ ނުވައްދަވައި އާދަމްގެފާނުގެ ދަރިފަސްކޮޅު އެކުގައި ނަރަކައަށް ވެއްދުވިއްޖެނަމައެވެ. ޝައިޠޯނާ ގަދައަޅައި މަސައްކަތްކުރަމުން އެގެންދަނީ އެކަމަށެވެ. އެހެންވެ އެނުބައި ސިފަ އިންށާނުންގެ ކިބައިގައިވެސް ހަރުލަނީއެވެ.
ވިސްނާށެވެ! ޝައިޠޯނާގެ ހިތުގައި މީސްތަކުންނަށް ހަސަދަލުމުން ވީގޮތް ތިމާއަށް ނުވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ޝައިޠޯނާގެ ނުބައިކަން އިންތިހާއަށް ބޮޑުވެގެން ދިއައީ ﷲ ތަޢާލާ އެއެއްޗަށް ލަޢްނަތް ލައްވަވައިފިކަން އެންގެވުމުންނެވެ. ނަރަކައިން މިންޖުނުވާނެކަމުގެ ޔަޤީންކަން ލިބުމުންނެވެ.
އަހުރެމެން ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާގެ ރަޙްމަތަށް އެދިއެދި ތިބިބައެކެވެ. ދުޢާކުރަމުން މިގެންދަނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅުންގެތެރޭގައި ނުލެއްވެވުން އެދިއެވެ. ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވެއްދެވުން އެދިގެންނެވެ.
ވީމާ އަހުރެމެން މުސްލިމުން މަސައްކަތްކުރަންވާނީ އެއްވެސް މީހަކަށް އެއްވެސް ދެރައެއް ނުދިނުމަށެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށެވެ. މީސްތަކުންނަށް ކުރިމަތިވާ ދަތިތަކާއި ތަކްލީފްތަކުން ސަލާމަތްކުރުމަށެވެ. އެހެން މީހުންނަށް އެހީތެރިވުމަށެވެ.
މިކަންކަމަކީ ސުވަރުގެ ވަނުމަށް ހޯދޭނެ ޓިކެޓްތަކެވެ. ސުވަރުގެ ވައްދަވަން މަގުފަހިވެގެންދާނެ ކަންކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން