ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާ މީހުން އިތުރަށް ވިސްނާލަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާ މީހުން އިތުރަށް ވިސްނާލަންޖެހޭ ކަމެއް!

ދޮގުބުނުމަށް ދެވިހިފާ މީހުން ގިނަވަމުންގޮސް ވާހަކައެއް ދައްކާނަމަ ދޮގު ނުހަދާ ވާހަކަ ނުދެއްކޭ މީހުން މިހާރު ބައިވަރެވެ. ދޮގު ހެދުމަކީ އެހައިވެސް ޢާންމު ކަމަކަށްވެއްޖެއެވެ. ދޮގުހަދަން ބިރުގަންނަނީ މަދުމީހެކެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަން އެނގޭއިރުވެސްމެއެވެ. 

ސައިންސުގެ ހޯދުންތަކުން މިއަދު އެނގޭ ގޮތުގައި އިންސާނާ ދޮގުހަދަނީ ސިކުނޑީގެ ބައިތަކުގެ ތެރެއިން ނިތްކުރިއާއި ދިމާއަށް އިންނަ ބައި ބޭނުންކޮށްގެންނެވެ. އެކަންވެސް ކީރިތި ޤްރުއާނުން އެނގެން އެބައޮތެވެ. 

"ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟" 

"ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކައަށް ގެންދަވާހުށީމެވެ." 

"އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ."

(އަލްޢަލަޤް: 14،15،16)  

ދޮގު ހެދިދާނެއެވެ! އެނގޭ ކަންކަން ނުއެނގޭ ކަމަށް ހަދައިގެންވެސް ހުރެވިދާނެއެވެ. އެނގޭ ކަންކަން ނުއެނގޭ ކަމަށްވެސް ބުނެވިދާނެއެވެ. އެއީ އެކަންކަން ކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައިވާތީއެވެ. ދޮގު ހަދާއިރު ކިތަންމެ ރީތި ޢިބާރާތުން ވާހަކަ ދެއްކި ނަމަވެސް އެ ހަދަނީ ދޮގުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ދޮގުހަދާ މީހުންނާއިމެދު ﷲ ތަޢާލާ އަމަލުކުރައްވަވާނެ ގޮތް އެއޮތީ ބަޔާން ކުރައްވަވައިފައެވެ. 

ދޮގުހެދުމަކީ ކުރަން ވަރަށް ފަސޭހަ ފާފައެކެވެ. އެހެންކަމުން ބައެއް މީހުންނަށް އެއީ ފާފައެއް ކަމަށް ޤަބޫލުވެސް ނުކުރެވެނީއެވެ. ނަމަވެސް ދޮގު ހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ސަމާސައަށް ނަމަވެސް އަދި ކުދި ދަރިންގެ ގާތުގައި އެދަރިން ރުއްސަން ނަމަވެސް ދޮގު ހެދުމަކީ ހަމަ ޙަރާމް ކަމެކެވެ. އެހެންކަމާއިއެކުވެސް ދޮގުބުނަން ޖެހިލުން ނުވާ އެތައް ބައަކު އެބަ އުޅެއެވެ. ދޮގު ހެދުމަށް ދެވި ހިފާފައި ތިބި އެތައް ބައަކުވެސް އެބަ އުޅެއެވެ. 

މީސްތަކުންނޭވެ! "ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކައަށް ގެންދަވާހުށީމެވެ." ވަޙީކުރައްވަވާފައިވާ ބަސްފުޅަށް ބިރުވެތިވާށެވެ! އެފަދަ ޙާލަތު ކުރިމަތިވެއްޖެ ނަމަ ސަލާމަތްވާން ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން