ނާއުންމީދާ މާޔޫސްކަމުން ސަލާމަތްވެގެން ހުންނަން ބޭނުން މީހުން ޔަޤީންކުރަންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނާއުންމީދާ މާޔޫސްކަމުން ސަލާމަތްވެގެން ހުންނަން ބޭނުން މީހުން ޔަޤީންކުރަންވީ ބައެއް ކަންކަން-

ގިނަ ބައަކަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބޭ އެއް ސަބަބަކީ އެމީހަކު ޙާޞިލްކުރަން މަސައްކަތްކުރާ ކަންކަން ޙާޞިލް ކުރެވުން ލަސްވުމެވެ. ގިނަ ބައަކު ނާއުންމީދުވެ ދިރިއުޅުންމަތިން ނުވަތަ އެކަމެއް ޙާޞިލްކުރަން މަސައްކަތްކުރުންމަތިން ފޫހިވެސްވެއެވެ. 

މިބާވަތުގެ ކަންކަމާއި ގުޅިގެން ސުވާލުކުރާ މީހުންގެ ގާތުގައި އަހުރެން ބުނަނީ އެއްވާހަކައެކެވެ. އެއީ "އަބަދުވެސް ޔަޤީންކުރާށެވެ! ޙާޞިލުކުރަން ތިއަ މަސައްކަތްކުރާ ކަންތައް ޙާޞިލުނުކުރެވި ލަސްވެގެންއެދަނީ ތިބާ ބޭނުންވެގެން ތިއައުޅޭވަރަށްވުރެ މާބޮޑަށް، މާފުރިހަމައަށް ތިބާއަށް އެކަން ހިންމަވައިދެއްވަވަންވެގެންނެވެ. އެކަމަކުން ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަޤުތު އައިސް ޖެހުމުން ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ. އެކަން ހިންމަވައި ނުދެއްވެވިނަމަ އެއަށްވުރެ މާފައިދާހުރި ކަމެއް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ" 

އަދިވެސް ވިސްނައިލާށެވެ! ތިބާ ކަމަކަށް އެދޭއިރަށް ވަޤުތުން އެކަމެއް ހިންމަވައި ދެއްވަވާނަމަ ތިބާއަށް އަބަދުވެސް ހުރެވޭނީ ޣާފިލުކަމެއްގެ މަތީގައެވެ. ﷲ ތަޢާލާ އާއިމެދު ވިސްނައިލެވޭ މިންވަރު އެތައް ތަނަކުން ކުޑަވެގެންދާނެއެވެ. އެއިރުން ތިބާއަށް ދެވުން ގާތީ ޝައިޠޯނާ ދައްކާ މަގުންނެވެ. ހެއްލެވުން ގާތީ ޝައިޠޯނާ ދައްކައިދޭ ޒީނަތްތެރިކަމަށެވެ. 

އެންމެ ދެރަވާންޖެހޭ ކަމަކީ އެދޭ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ވަރުގަދަކުރައްވަވާނެކަން އެނގޭއިރުވެސް ޝަކުވާކުރުމުގެ ބަސްތައް ބުނެވޭކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަތުގައި ކިތަންމެ ގިނައިން ފައިސާހުރިނަމަވެސް، އަދި މުދަލާއި ވަސީލަތްތައް ހުރިނަމަވެސް، އަދި ބާރާއި ނުފޫޒުހުރިނަމަވެސް އެމީހުން ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން ކަންބޮޑުވާން ނުޖެހެނީހެއްޔެވެ؟ ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން އުޅެނިކޮށް ދުނިޔެއާއި ވަކިވާން ނުޖެހެނީހެއްޔެވެ؟ 

މިފަދަ ހުރިހާ ކަންކަމަކުން އަންގައިދެނީ އަހުރެމެންގެ ހުރި ނިކަމެތިކަން ބޮޑުކަމެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުން ކަމެވެ. އެކަން ޤަބޫލުނުކުރެވޭ މީހުން އަބަދުވެސް ތިބޭނީ ހާސްވެ ކަންބޮޑުވެގެންނެވެ. ނާއުންމީދުވެގެންނެވެ. އެކަން ޤަބޫލުކުރެވޭ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން