އަންހެނުންގެ ލޯބި ފައިސާއަށް ނުގަނެވުނަސް ގަނެލެވޭނެ ގޮތެއް އެބަ އޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަންހެނުންގެ ލޯބި ފައިސާއަށް ނުގަނެވުނަސް ގަނެލެވޭނެ ގޮތެއް އެބަ އޮތް!

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަ އެއް ކަމަކީ އަންހެނުން ގަނެލަން އެންމެ ފަސޭހަ ވަސީލަތަކީ ފައިސާ ކަމަށެވެ. އެކަމަކު އެއީ ކުށް ހީއެކެވެ. ފައިސާއަށް ވިކޭނެ ބައަކުވެސް އުޅޭނެއެވެ. ނަމަވެސް ޙަޤީޤީ އަންހެނުން ފައިސާއަކަށް ނުވިކޭނެއެވެ.

އެކަމަކު ހަމަ ހުރިހާ އަންހެނުންހެން ވިކޭނެ އެއްކަމެއް ވެއެވެ. އެކަމަކު އެއީ ފައިސާއެއް ނޫނެވެ. އެއީ ފިރިހެނުންނަށް ބޭނުންވާ ކަންކަން ދެމަފިރިންގެ ލޯތްބަށާއި، ގުޅުމަށާއި އަނބިމީހާއަށްޓަކައި ޤުރްބާންކުރުމެވެ. މަޑުޖައްސާލަންޖެހޭ ޙާލަތުގައި މަޑުޖައްސައިލުމެވެ. 

މިސިފަ ހުންނަ ފިރިހެނުންނަށްޓަކައި ނުވިކޭނެ އަންހެނަކު ހަމަ ވަރަށް މަދުވާނެއެވެ. އެހެން މިބުނަނީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ކައުންސިލިން ހޯދަން އަންނަ މީހުންގެ ޚިޔާލަށް ބަލައެވެ. 

ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވަޤުތުން ވާންޖެހޭނެ ކަމަށް ޤަބޫލުކުރާ ފިރިހެނުން ވަރަށް ގިނަވާނެއެވެ. ގެއަށްދާއިރު ފުރިހަމަވެފައި ހުންނަން ބޭނުންވާ ކަންކަން ފުރިހަމަނުވެހުރިނަމަ އަނބިމީހާ ހޫނު ގޮނޑިއަށް ވައްޓައިލަނީ އެހެންވެގެންނެވެ. އަނބިމީހާގެ ޞިއްޙީ ޙާލަތަށާއި އެދުވަހު ކުރި ބުރަ މަސައްކަތަށް ނުބަލައި ރުޅިވެރި ބަސްތައް ބުނަނީ އެހެންވެގެންނެވެ. 

އެހެންވެ ދިރިއުޅުމާއިމެދު ވިސްނާ، ތަންދޮރު ވިސްނޭ އަންހެނުން ދިރިއުޅެން ބޭނުންވާނީ މިބުނި ފަދައިން އަނބިންނާއިމެދު ވިސްނައި ދޫދޭ ފިރިންނާއިއެކުގައެވެ. މިއީ ފިރިހެނުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު ސިފައެކެވެ. އެކަން ކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ އެސިފަ ތިމާގެ ކިބައިގައި ހަރުލައްވަން މަސައްކަތްކުރުމެވެ. 

މިކަންކަން ނުވިސްނޭ އެތައް ސަތޭކަ ބައަކާއި މިމައުލޫމާތު ޙިއްޞާކޮށްފީމެވެ. ކާމިޔާބުނުވިކަމަށް ބުނެފައިވަނީ ވަރަށް މަދު މީހެކެވެ. ސަތޭކައަކުން މީހަކުހައި މަދުމީހެކެވެ. ވީމާ އަހުރެން ބުނާނީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން މިއީ މުޖައްރިބް ފަނޑިތައެއް ކަމަށެވެ. 

މިއީ އަޅުގަނޑަށް މީހަކު ފޮނުވި ވީޑިއޯއެއްގައި ހިމެނޭ މައުލޫމާތުކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ މައުލޫމާތުކޮލަކަށްވާނެކަމަށް ޔަޤީންކުރެވޭތީ ޙިއްޞާކޮށްލީއެވެ. 

- އަލަފް

މިއަދު އޮންލައިން