އެންމެ ތިރިން އެންމެ މައްޗަށް، ﷲ ތަޢާލާގެ ޙަޟްރަތަށް ފުރާނަ އުފުއްލަވާނެ ވަޤުތަށް ތައްޔާރުވެގެން ތިބުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެންމެ ތިރިން އެންމެ މައްޗަށް، ﷲ ތަޢާލާގެ ޙަޟްރަތަށް ފުރާނަ އުފުއްލަވާނެ ވަޤުތަށް ތައްޔާރުވެގެން ތިބުން-

ގިނަ ބައަކަށް އެންމެ ރީތި މަލަކީ ފިނިފެންމަލެވެ. ފިނިފެންމާ ގަހަށްވެސް އިރުގެ ހޫނާއި ފެންވެސް ބޭނުންވެއެވެ. އަދި ކީއްހެއްޔެވެ؟ ގަސްގަހާގެއްސަށާއި އިންސާނުންނަށް ރޭދުވާ ބޭނުންވެއެވެ. އެއަސްވުރެ ފުޅައުކޮށްލަން ބޭނުންވާނަމަ ހުރިހާ މަޚްލޫޤުންނަށްވެސް ރޭދުވާ ބޭނުންވެއެވެ. މާނައަކީ ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަންވެސް ބޭނުންވެއެވެ. 

މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ ދުނިޔޭގެ ޙަޔާތުގައި ކޮންމެ މީހަކަށްވެސް އުފާވެރިކަމާއި ހިތްދަތިކަން ކުރިމަތިވާނެކަމެވެ. ދިރިއުޅުން ދިރިއުޅުމަކަށްވާނީވެސް އެއިރުންކަމެވެ. 

މިއަދު އަހުރެމެން މިތިބީ ދުނިޔޭގައެވެ. އެއީ އެންމެ ތިރިއެވެ. ދުނިޔޭގެ ހަޔާތް ނިމުމުން އަހުރެމެންގެ ފުރާނަ އެންމެ މައްޗަށް، ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާނެތެވެ. އިން ޝާ ﷲ. އަހުރެމެން މިއަދު ވިސްނަންވީ ދުނިޔޭގެ އެންމެ ތިރީގައި ލައްވަވާފައިވާތީއެއް ނޫނެވެ. ކުރިން މިބުނި ފަދައިން އަހުރެމެންގެ ފުރާނަ އެންމެ މައްޗަށް އުފުއްލަވާނެ ވަޤުތަކަށެވެ. 

އެކަމަށް ސަމާލުކަންދޭނަމަ ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް އެދިގެން މަސައްކަތްކުރާނަމަ އެމީހަކަށް ތައުފީޤް ދެއްވަވާނެތެވެ. 

ނިކަން ވިސްނައިލަބަލާށެވެ. ބުނެވޭ ގޮތުން ނޫޙުގެފާނު ދުނިޔޭގައި 2000 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރެއްވެވެވިއެވެ. އެކަމަކުވެސް އަވަހާރަވުމުގެ ވަޤުތުގައި ވިދާޅުވީ ދުނިޔޭގައި ހޭދަކުރެއްވެވުނު މައްދަތާއިމެދު ވިސްނިވަޑައިގަންނަވަނީ ދާދިކުޑަކުޑަ ހިނދޮޅެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމަށްވާއިރު އަހުރެމެންނަށް ވިސްނޭނީ އަދި ކޮންގޮތަކަށް ހެއްޔެވެ؟ 

ބުނެލަން ބޭނުންވަނީ ހިތްދަތިޙާލުގައިވެސް އަދި އުފާވެރި ޙާލުގައިވެސް ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް ވީހައި ފުރިހަމައަށް އަދާކުރަމުން ގެންދާށެވެ. އެއިރުން މި އެންމެ ތިރިން އެންމެ މައްޗަށް ފުރާނަ އުފުއްލެވޭ ވަޤުތުގައި އެމީހަކު ވާނީ އުފަލުން ފޮޅިފައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން