މިބުނާ ހަމަ އެންމެ ކަންތައް ދެމަފިރިންވެސް އިޞްލާޙްކޮށްލައިފިނަމަ ޒަވާޖީ ހަޔާތް ހާދަ އުފާވެރިވާނެއޭ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މިބުނާ ހަމަ އެންމެ ކަންތައް ދެމަފިރިންވެސް އިޞްލާޙްކޮށްލައިފިނަމަ ޒަވާޖީ ހަޔާތް ހާދަ އުފާވެރިވާނެއޭ! އިން ޝާ ﷲ

ޒަވާޖީ ޙަޔާތް ކުރިއަށް ގެންދާއިރު ދެމީހުންނަށްވެސް ކުރެވޭ ވަރަށް އާދައިގެ ކުށްތަކެއް ހުރެއެވެ. އެއިގެ ތެރެއިން އަންހެނުންނަށް ކުރެވޭ ވަރަށް ޢާންމު ކުށެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. އެއީ ފިރިމީހާގެ ކިބައިން ބޭނުންވާ ގޮތް ބުނަން ފަސްޖެހުމެވެ. ފިރިމީހާއަށް ވިސްނިގެން މިވެނިކަމެއް ކޮށްދޭނެކަމަށް، ނުވަތަ މިވެނި އެއްޗެއް ދޭނެ ކަމަށް ނުވަތަ މިވެނި ކަމެއް އިޞްލާޙްކުރާނެ ކަމަށް ހީކޮށް ނުބުނެ ހުރުމެވެ.  

ބުނަންހެއްޔެވެ؟ އެޒަމާން ފާއިތުވެއްޖެއެވެ. އެޒަމާނަކީ ކޮންމެހެން ދައްކަން ޖެހިގެން ނޫނީ ދެމަފިރިން ވާހަކަ ނުދައްކައިތިބި ޒަމާނެވެ. މިޒަމާނަކީ ދެމަފިރިން ވީހައި ގިނައިން ވާހަކަދައްކަންވީ ޒަމާނެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ކޮންމެ ކަމެއްވެސް ކުރަންޖެހޭނެ ޒަމާނެވެ.  

އަހުރެންގެ އެކުވެރި އަންހެނަކު އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އޭނާގެ އޮފީސް ނިމޭ ގަޑިއަށް ފިރިމީހާ ބަލައި ނުގޮސް ލަސްކުރާ ކަމުގެ ޝަކުވާއެވެ. ކިތަންމެ ލަސްވިޔަސް ލަސްވެގެން ގުޅައިވެސް ނުލައެވެ. އިންތިޒާރުކޮށްގެން ހުންނަނީއެވެ.  

މިއީ އެއްވެސް ޙާލެއްގައި ޢަމަލުކުރަން ރަނގަޅު ގޮތެއް ނޫނެވެ. ލަސްވީމާ ނުގުޅާނަމަ، އެކަމުގެ ވާހަކަ ނުދައްކާނަމަ ފިރިމީހާއަށް ޤަބޫލުކުރެވޭނީ ކަންކަން މިކުރެވެނީ ހަމަ ރަނގަޅަށް ކަމަށެވެ. އަނބިމީހާ އެހުންނަނީ ހަމަ ހިތްހަމަޖެހިގެން އުފަލުގައި ކަމަށެވެ.  

ފިރިންނަށްވެސް ވާހަކައެއް ބުނެލާނަމެވެ. އަނބިން ކައްކާ އެއްޗެއްސަށް އަބަދު ރަހަކިޔުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ލޮނުގަދަ ނަމަ ފެންފޮދެއް އަޅާލައި ރަހަ ހެޔޮވަރުކޮށްލީމާ ރަނގަޅުވާނެއެވެ. އެކަމަކު ކާކޮންމެ ފަހަރަކު ފެންއަޅަން ޖެހޭނަމަ އަނބިމީހާ ގާތުގައި އެވާހަކަ ބުނެލައިގެން ލޮނު ބޭނުންކުރާވަރު މަދުކުރުވަން ވާނެއެވެ.  

ޚާއްޞަކޮށް ވިސްނަންޖެހޭނެ ކަމެއްވެސް އެބަ އޮތެވެ. އެއީ ލޮނު ގަދަކޮށް ކާނަމަ ލޭމައްޗަށް ދިއުން ގާތްވާނެއެވެ. އެއިރުން ދެމަފިރިންގެ ގުޅުމަށް ކުރާނެ އަސަރަށް ވިސްނާށެވެ! އަބަދުވެސް އުޅެންޖެހޭނީ ބިމަށް ނުފޭބިގެން ނޫންހެއްޔެވެ؟  

މިބުނި ހަމައެންމެ ކަންތައް (އަނެކާގެ ކިބައިން އިޞްލާޙްކުރަންޖެހޭ ކަންކަމުގަ ދެމަފިރިންވެސް ވާހަކަދެއްކުން) ދެމަފިރިންވެސް އިޞްލާޙްކޮށްލައިފިނަމަ ޒަވާޖީ ހަޔާތް ހާދަ އުފާވެރިވާނެއެވެ! އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން