ބައިވެރިޔާ ސުވާލުތައް ކުރާތީ ކުނިމޫނު ނުދައްކާށެވެ! ސުވާލުތައް އެކުރަނީ ޙަޤީޤަތުގައިވެސް ލޯބިވާތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބައިވެރިޔާ ސުވާލުތައް ކުރާތީ ކުނިމޫނު ނުދައްކާށެވެ! ސުވާލުތައް އެކުރަނީ ޙަޤީޤަތުގައިވެސް ލޯބިވާތީއެވެ!

ޒަވާޖީ ޙަޔާތެއްގައި ދުވަސްތައް ހޭދަކުރަމުން ގެންދާއިރު ބައެއް އަނބިންގެވެސް އަދި ބައެއް ފިރިންގެވެސް ސުވާލުތައް ވަރަށް ގިނަވާނެއެވެ. ގެއަށް އައުން ލަސްވާނަމަ އިތުރު ސުވާލުތައް ކުރާނެއެވެ. ސުވާލުތައް ގިނަވުމުން އަނެކާއަށް ހީކުރެވެނީ ތިމާއަށް އިތުބާރު ނުކުރެވެނީ ކަމަށެވެ. ޝައްކުކުރަނީ ކަމަށެވެ. އެހެންވެ ވަރަށް ފޫހިވެސްވެއެވެ.

މިކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ މިއީ އެގޮތަށް ހިނގާ ކަމެއް ނޫނެވެ. ބައިވެރިޔާ ދެކެ ލޯބިވާވަރަކަށް ސުވާލުތައް ގިނަވާނެއެވެ. ކަންކަން އޮޅުންފިލުވަންވެސް ބޭނުންވާނެއެވެ. އެއީ އެއްވެސް ޙާލެއްގައި އަނެކާއަށް ޝައްކުކުރާތީއެއް ނޫނެވެ. ސުވާލުތައް އެކުރަނީ ތިމާއަށް ދޭންޖެހޭ ސަމާލުކަމާއި ތިމާއަށް ބޭނުންވާ ލޯބި ލިބޭނެކަން ޔަޤީންކުރާށެވެ. 

އެހެނަސް ގިނަފަހަރަށް ކަންކަން މެދުވެރިވަނީ އެހެނެއް ނޫނެވެ. ސުވާލުތައް ކުރާތީ ބޮޑެތި ތުހުމަތުތައްކުރަން ފަށަނީއެވެ. ސުވާލުކުރާތީ ރުޅިވެސް އައުދެވެނީއެވެ. ދުވަސްކޮޅަކުން ނަފްރަތަށް ބަދަލުވެ ކައިވެނި ރޫޅާލާ ހިސާބަށް ކަންކަން ދަނީއެވެ.

މިފަދަ މައްސަލަތަކަށް ތަންކޮޅެއް ފުންކޮށް ވިސްނައިލާށެވެ. ޙަޔާތުގެ ބައިވެރިޔާދެކެ ޙަޤީޤީ ލޯބިވެވޭނަމަ އޭނާ ގެއްލިގެންދާކަށް ބޭނުމެއް ނުވާނެއެވެ. ވީމާ ގެއްލިގެން ދިއަނުދޭން ކުރެވެންހުރި ކޮންމެ މަސައްކަތެއްވެސް ކުރާނެއެވެ. އެކަންކަމަށް އޮތީ ރުޅި އައުމެއް ނޫނެވެ. އުފާކުރުމެވެ. 

ބައިވެރިޔާ ދެކެ ޙަޤީޤީ ލޯބިނުވާނަމަ ސުވާލުތައް ކުރުން މަދުވާނެއެވެ. ގެއަށް އައުން ލަސްވެގެން ޝަކުވާއެއްވެސް ނުކުރާނެއެވެ. އެއީ ދެމީހުން އެކުގައި ވަޤުތު ހޭދަކުރަން ބޭނުން ނުވާތީއެވެ. ގިނައިން ފެންނަންވެސް ބޭނުންނުވާތީއެވެ. ވީމާ ތިމާގެ ކަންކަމަށް ވިސްނައި ގިނަގިނައިން ސުވާލުކުރާނަމަ އޮތީ އުފާކުރުމެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އެއްވެސް ކަމެއް އޮޅުން ފިލުވަން ބޭނުންވެގެން ބައިވެރިޔާ ސުވާލުކުރުމުން ރުޅި އައުދެވޭނަމަ ޝައްކުކުރެވޭނެއެވެ. އެކަން ތަކުރާރުވާނަމަ ޝައްކު ޔަޤީންކަމަށްވެސް ބަދަލުވާނެއެވެ. ރުޅި ނައިސް ހިނިތުންވެލައިގެންހުރެ ރިވެތި ބަހުރުވައިން ޖަވާބުދޭނަމަ އެމައްސަލަވެސް ޙައްލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ

 

- އަލަފް

މިއަދު އޮންލައިން