މިހާރަކަށް އައިސް އަޅުގަނޑުގެ ފިރިމީހާ އަބަދުހެން ހުންނަނީ މޫނުހަދައިގެންނެވެ. އެއީ އޭނާ ކުރިން ހުންނަ ގޮތެއް ނޫނެވެ. ބައެއް އެކުވެރިން ބުނަނީ އެއީ ދެމަފިރިން ދުރުކުރަން ހަދާފައިވާ ސިޙުރަކުން ކަމަށެވެ. އެކަން ދެނެގަންނާނީ ކިހިނަކުންތޯއެވެ؟
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ދެމަފިރިން ދުރުކުރަން ސިހުރުހަދައެވެ. ސިހުރު ޖެހެންވެސް ޖެހެއެވެ. ނަމަވެސް ގިނަ ކައިވެނިތައް ރޫޅިގެންދަނީ ސިހުރުގެ ސަބަބަކުންނޫނެވެ. ޝައިޠޯނާގެ މަޅީގައި ޖެހެވޭތީއެވެ.
މިސާލަކަށް:
ފާޑުފާޑުގެ ބިރުވެރިހުވަފެންތައް ފެނިދާނެއެވެ. ޖިންނި، ހިޔަނި ނުވަތަ ހަރުފަ ފަދައެއްޗެއް ގައަށް އަރާތަންވެސް ފެނިދާނެއެވެ.
ފިރިން ގެއަށް ވަންނަން ފޫހިވެދާނެއެވެ. އަނބިމީހާ ފެނުމުން މޫޑް ގޯސްވެދާނެއެވެ. ރުޅި އާދެވިދާނެއެވެ. އަވަސްއަވަހަށް ގެއިން ނުކުމެގެންދާހިތްވެދާނެއެވެ. ގެއިން ބޭރުގައި ގިނަ ވަގުތުތައް ހޭދަކުރަން ބޭނުންވެދާނެއެވެ.
އަނބިންނަށްވެސް މިފަދަ ގޮތްތައް މެދުވެރިވެދާނެއެވެ. ގިނަވަގުތު އެކަނި ކޮޓަރީގައި އިންނަން ބޭނުންވުމަކީވެސް އަނބިންނަށް ގިނައިން މެދުވެރިވާ ކަމެކެވެ.
މިފަދަ ކަންކަން މެދުވެރިވުމުން ބައެއް މީހުންނަށް އެއީ ސިހުރުންކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް 99 އިންސައްތަ މިފަދަ ކަންކަން މެދުވެރިވަނީ ސިހުރަކުން ނޫނެވެ. ޝައިޠޯނާގެ ސަބަބުންނެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް އުފައްދައި ދުރުކުރުވަން ޝައިޠޯނާ ކުރާ މަސައްކަތުގެ ތެރެއިންނެވެ.
މީހަކު ސިހުރު ހަދާކަމަށް ޝައްކުކުރެވިއްޖެނަމަ ރުޤްޔާކުރާށެވެ! ރުޤްޔާގެ ފައިދާ ބޮޑަށް ކުރާނީ ދެމަފިރިން އެކަމުގައި ބައިވެރިވުމުންނެވެ. މިސާލަކަށް ސިހުރު ޖެހިފައިވަނީ އަނބިމީހާއަށް/ ފިރިމީހާއަށް ކަމަށްވާނަމަ ރުޤްޔާކޮށް ރަނގަޅުކުރުމަކީ ސިހުރުިޖެހިފައިވާ މީހާގެ އެކަނި ކަމެއް ކަމަށް ހަދައި ދޫކޮށްނުލާށެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ދެމީހުންވެސް ބައިވެރިވާށެވެ! އެކަކު އަނެކަކަށް ހިތްވަރުދޭށެވެ.
އަހަރެންގެ ތަޖުރިބާއިން ބުނަން އޮތީ ކާމިޔާބީގެ 80 އިންސައްތަ ގުޅިފައިވަނީ ޢާއިލާގެ ތެރެއިން ލިބޭ އެއްބާރުލުމާއިއެވެ. ފޯރުކޮށްދޭ އެހީތެރިކަމާއެވެ. އަދި ރުޤްޔާ އެންމެ ބޮޑަށް ކާމިޔާބުކުރެވެނީވެސް ޢާއިލާގެ މީހަކު އިސްކޮށް އެކަމުގައި ހުރުމުންނެވެ.
ސިހުރެއް ޖެހިއްޖެކަމަށް ޤަބޫލުކުރެވޭނަމަ އެނގޭ މީހެއްގެ ކިބައިން ލަފާހޯދާށެވެ. ކުރަންވީ ކަންކަން ދަސްކުރާށެވެ. އަމިއްލައަށް އެކަންކަން ކުރާށެވެ. އެހެނީ އެމީހަކަށް ކަމެއް ޖެހުމުން އޮތް އެންމެ ރަނގަޅު ގޮތަކީ އެމީހަކު އެކަމަށް މަސައްކަތްކުރުމެވެ. އެމީހަކު ދުޢާކުރުމެވެ. ހަމައެއާއިއެކު ޢާއިލާގެ އެންމެންގެ ހެޔޮދުޢާއަކީވެސް ހިންމަވައިދެއްވުން އަވަސްވެގެންދާ ސަބަބެކެވެ.
ކުރިން ބަޔާންކުރިފަދަ ސަބަބުތަކުގައި ތާށިވެ ފިތިގެން ނުދާށެވެ. ޚާއްޞަކޮށް އެކަނި ގިނަވަގުތު ހޭދަނުކުރާށެވެ. މީހުންގެ ވިސްނުން ބަދަލުކުރުވަން ޝައިޠޯނާއަށް އެންމެ ބޮޑަށް ފަސޭހަވާނީ އެކަނި އިންނަ ވަގުތުތަކުގައެވެ. ވީމާ އެ ފުރުޞަތު ޝައިޠޯނާއަށް ނުދޭށެވެ.
--އަބޫ އިބްރާހީމް
(ރުޤްޔާކުރަން ޚާއްޞަ ސްޕެޝަލިސްޓެއް)