ދުނިޔޭގައި ތިބި މީހުންނަށް ބަލައިފިނަމަ މިފެންނަނީ ދެ ބާވަތެއްގެ މީހުންނެވެ. އެއީ އަންހެނުންނާއި ފިރިހެނުންނެވެ. އަނހެނުން ފިރިހެނުންނަށް ބޭނުންވެއެވެ. ފިރިހެނުންނަށް ބޭނުންވެއެވެ. ކޮންމެ މީހެއްގެވެސް ދިރިއުޅުން ފުރިހަމަކުރެވެން މިއަންނަނީ ބައިވެރިއަކު ހުރެގެންނެވެ.
ފިރިހެނަކަށް ބޭނުންވާނީ އަންހެނެކެވެ. އަންހެނަކަށް ބޭނުންވާނީ ފިރިހެނެކެވެ. އަންހެނަކާއި ފިރިހެނަކު ކައިވެނިކުރަނީ އެހެންވެގެންނެވެ.
ފިރިހެނަކަށް އަންހެނަކު ބޭނުންވަނީ ކީއްވެގެންތޯ އެބަ ސުވާލުކުރެއެވެ. އެސުވާލު އަނެއްކޮޅަށް ނުކުރަންވީ ސަބަބެއްވެސް ނުވިސްނެއެވެ. އަނހެނަކަށް ފިރިހެނަކު ބޭނުންވާ ސަބަބުތަކެއްވެސް ހުންނާނެތާއެވެ. މިފަހަރު މިބަލައިލަނީ ފިރިހެނަކަށް އަންހެނަކު ބޭނުންވާ ސަބަބުތަކަށެވެ.
މައުޟޫޢު ހުޅުވާލައިފިނަމަ އެތައް ބައިވަރު ސަބަބުތަކެއްގެ ވާހަކަތަކެއް ދެއްކިދާނެއެވެ. އެހެންވެ ވަޤުތު ސަލާމަތްކުރުމުގެ ގޮތުން އަހުރެން ބަލައިލާނީ ބުއްދިވެރި، ހަރުދަނާ ފިރިހެނަކު އަންހެނަކަށް ބޭނުންވާނެ އެންމެ މުހިންމު 3 ސަބަބަށެވެ.
ފުރަތަމަ ސަބަބަކީ އޭނާއާއިއެކު ލޯބިން ދިރިއުޅޭނެ ވަފާތެރިއަކަށް ބޭނުންވާނެ ކަމެވެ. އޭނާއަށް ބޭނުންވާނެ ކަންކަން ކޮށްދޭނެ އެހީތެރިއަކަށް ބޭނުންވާނެ ކަމެވެ.
ދެވަނަ ސަބަކަށްވާނީ ދިރިއުޅެން އޭނާ ކުރާ މަސައްކަތުގައި ބައިވެރިވެ ހިތްވަރުދޭނެ މީހަކަށް ބޭނުންވާނެ ކަމެވެ. ލަފާދީ ނަޞޭޙަތްތެރިވާނެ ބައިވެރިއަކަށް ބޭނުންވާނެ ކަމެވެ.
ތިންވަނަ ސަބަބަކަށްވާނީ ދީނުގެ ކަންކަން، އަޅުކަންކުރަން ހިތްވަރުދީ އަޅުކަން ކުރާކަން ބަލާނެ ފާރަވެރިއަކަށް ބޭނުންވާނެ ކަމެވެ.
ކޮންމެ އަންތބަކުވެސް މި 3 ކަންތަކުގައި ފިރިމީހާއަށް ތެދުވެރިވެ އިޚްލާޞްތެރިވާނަމަ ދިރިއުޅުން ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
މިހެން ބުނާއިރަށް ތިމަންނާ އެކަންކަމުގައި ވަރަށް އިޚްލާޞްތެރިވިން ކަމަށާއި ނަމަވެސް ޖެހުނީ ކަރުނައަޅަންކަމަށްވެސް އަންތބަކު ބުނެފާނެއެވެ. އެމީހުންނަށް ބުނެލަން އޮތީ އަހުރެން މިދެއްކީ ދިރިއުޅުމުގެ މުހިންމުކަމަސް ވިސްނާ، ރަނގަޅު، ހަރުދަނާ ފިރިހެނުންގެ ވާހަކައެވެ.
ދިރިއުޅުމަކީ ކުޅޭ ކުޅިވަރަކަށް ހަދައި ލާހޫރެމުން ދުވާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. އެފަދަ ފިރިހެނަކަށް އޭނާގެ ހަވާ ނަފްސް އެދޭ ގޮތް، ހަވާ ނަފްސް އެދޭ ކަންކަން ނޫން އެހެން ކަމެއް މުހިންމެއް ނުވާނެއެވެ. ދިރިއުޅުމުގެ މުހިންމު ކަމާއިމެދު ނުވެސް ވިސްނާނެއެވެ.
ދެން ބުނެލަން ބޭނުންވަނީ މި 3 ސަބަބަކީ އަނބިމީހާގެ ކިބައިގައި ހުރުމަށް ދީނުގައިވެސް ބަޔާންވެގެންވާ ސިފަތައް ކަމަށެވެ. މިސިފަތައް ހުރި އަންތބަކަށް ފިރިމީހާ ދެރައެއް ދީފިނަމަ އެކަމާ ދެރަނުވެ އުފާކުރާށެވެ. ތިބާގެ ކިބައިގައި ހުރި ރަނގަޅުސިފަތަކަށްޓަކައި ﷲ ތަޢާލާ ތިބާއަށް ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެ ކަމާއިމެދު ޝައްކުވެސް ނުކުރާށެވެ. އިން ޝާ ﷲ
- އަލަފް