ނަމާދުނުކޮށްހުރެފައިވެސް ފާފައެއްކޮށްފައިވެސް އެއީ އިރާދަފުޅުން ކުރެވުނު ކަމެއްކަމަށް ބުނުމަކީ ކުރެވޭ އިތުރު ފާފައެއް! އެއީ އެންމެ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނަމާދުނުކޮށްހުރެފައިވެސް ފާފައެއްކޮށްފައިވެސް އެއީ އިރާދަފުޅުން ކުރެވުނު ކަމެއްކަމަށް ބުނުމަކީ ކުރެވޭ އިތުރު ފާފައެއް! އެއީ އެންމެ ބޮޑު ފާފައެއް!

ﷲ ތަޢާލާ މީސްތަކުން ދުނިޔޭގައި ލައްވަވާފައިވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. މިޘާލަކަށް ފާފައެއް ކުރަން ބޭނުންވެގެން އުޅޭނަމަ ﷲ ތަޢާލާ އެކަމަށް ހުރަހެއް ނުއަޅުއްވަވާނެތެވެ. އެކަންކުރުން އޮންނާނީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. ހަމައެފަދައިން ހެޔޮ ޢަމަލު ނުކުރަން ހުންނަ މީހަކަށް ހެޔޮ ޢަމަލުކުރަން މަޖުބޫރެއްވެސް ނުކުރައްވަވާނެތެވެ. ހެޔޮ ޢަމަލުތައް ވެސް ކުރުމާއި ނުކުރުން އޮންނާނީ އެމީހާގެ އަތްމައްޗަށް ދޫކޮށްލައްވަވައިފައެވެ. 

އެމީހަކަށް ދެއްވަޥާފައިވާ އިޚްތިޔާރުތަކުގެ ތެރެއިން އެމީހަކު ކުރާ ކޮންމެ ކަމެއްގެވެސް ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. މިޘާލަކަށް ނަމާދުނުކޮށް ދުނިޔޭގައި އުޅެފައި އެއީ ﷲ ތަޢާލާ އިރާދަކުރެއްވެވި ގޮތް ކަމަކަށް ނުބުނެވޭނެއެވެ. އަދި ފާފަތައްކޮށްފައި، ފާފަކުރެވުނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކަމަކަށްވެސް ނުބުނެވޭނެއެވެ. 

ސަބަބަކީ ނަމާދުކުރަން ބޭނުންވާ މީހާއަށް ނަމާދުކުރުމުގެ އިޚްތިޔާރުވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ނުކުރަނީ އެމީހަކު އަމިއްލައަށެވެ. ފާފަތައް ނުކޮށް ހުރުމުގެ އިޚްތިޔާރުވެސް ވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ފާފަކުރަނީ އެމީހަކު އަމިއްލައަށެވެ. 

އެހެންކަމާއިއެކުވެސް ނަމާދުނުކޮށް ހުރެފައި އެއީ އިރާދަކުރެއްވެވި ގޮތް ކަމަށް އެބަ ބުނެއެވެ. އެއިރުން އެކުރެވެނީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ. ހަނދާން ނެތުމުގައި މީހާގެ ކުށެއް ނެތެވެ. އެހެންވެ ހަނދާން ނެތިގެން ނަމާދުނުކުރެވުނަސް ހަނދާންވި އިރަކުން ކުރުމުން އެމީހާ ފާފަވެރިއެއް ނުވާނެއެވެ. ޤަޟާކޮށްލުމުން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެއެވެ. 

ދެން އޮތީ މިކުރެވެނީ ފާފައެއްކަން ނުއެނގި ކުރެވޭ ފާފަތަކެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އޮތީ އެކަމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއްކަން ޔަޤީންކުރުމެވެ. ޝައްކުގެ މަތީގައި ހުރެގެން ކޮށްފިނަމަ އެކުރެވެނީ ފާފައެކެވެ. މުސްލިމުން ކޮންމެ ޢަމަލެއްވެސް ކުރަންވާނީ މިކުރެވެނީ ހެޔޮ ޢަމަލެއްކަން ޔަޤީންކޮށްގެންނެވެ. ވީމާ ޝައްކުގެ މަތީގައި ހުރެގެން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ކިރިޔާވެސް ޝައްކެއް އޮތް ކަމެއް ނަމަ އެކަމުގެ ޙަޤީޤަތް ބުނެދެވޭވަރުގެ (އޮޅުންފިލުވައިދެވޭނެ ފެންވަރުގެ) ޢިލްމުވެރިއެއްގެ ގާތުގައި އަހައި އޮޅުންފިލުވައި ޔަޤީންކޮށްގެން ނޫނީ ނުކުރާށެވެ. 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން  

މިއަދު އޮންލައިން