މިހާރަކަށް އައިސް ބައެއް ކާފިރުން ކުރާ ސުވާލެއް ފާހަގަކޮށްލާނަމެވެ. "އަންހެނުންނަށް ނުލާހިކު ރީތި މޫނެއް ދެއްވަވަނީ ކަލާނގެއެވެ. އެހެންވީއިރު އެމޫނު ފޮރުވަންޖެހެންވީ ކީއްވެގެން ހެއްޔެވެ؟"
އިސްލާމް ދީނަށް ގޮވާލައްވަމުން ގެންދެވި ބޭކަލަކަށް މިސުވާލުކުރުމުން އޭނާވެސް ކުރެއްވީ ސުވާލެކެވެ. "ތިބާގެ އަނބިމީހާގެ އުރަމަތި ތިބާއަށް ރީތިހެއްޔެވެ؟ ރީތި ނަމަ ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟"
ﷲ ތައާލާގެ ކޮންމެ އަމުރުފުޅަކަށްވެސް ޢަމަލުކުރަންޖެހޭނެ ވާހަކަ ބުނުމުން ޤަބޫލުނުކުރާނެ މީހުންގެ ގާތުގައި ވާހަކަދައްކާނަމަ ދައްކަން ޖެހޭނީ އެމީހުންނަށް ޤަބޫލުކުރެވޭނެ ފެންވަރުންނެވެ. ދައްކަން ޖެހޭނީ އޭނާއަށް ޤަބޫލުކުރެވޭނެ ފަދަ ޙުއްޖަތާއި ދަލީލުތަކެވެ. ވީމާ އެބޭކަލަކު އެދެއްކެވީ ވަރަށް ފުރިހަމަ މިޘާލެކެވެ.
މުސްލިމަކަސް ކާފިރަކަސް އެމީހަކަށް އެންމެ މުހިންމު ތަކެތި ގެންގުޅޭނީ އެންމެންނަށް ހާމަކޮށްގެނެއް ނޫނެވެ. ބަހައްޓާނީ އެންމެންނަށް ފެންނަ ގޮތަކަށް ނޫނެވެ. މިޘާލަކަށް ކާފިރުންނަށް އެމީހުންގެ އަޢުރަ މުހިންމުނުވެފައި ގުނަވަންތަކުގައި އެއްވެސް އަގެއް ހުންނަކަން ޤަބޫލުނުކުރެވޭތީ އެންމެންނަށް ދައްކައި އިޝްތިހާރުކުރި ނަމަވެސް އެމީހުން ގެންގުޅޭ ފައިސާ ގެންގުޅޭނީ ވީހާބޮޑަކަށް ރައްކައުތެރިކޮށްގެންނެވެ. ރަނާއި ޖަވާހިރުވެސް ގެންގުޅޭނީ ފޮރުވައިގެންނެވެ. އެއީ އެއްޗެތީގައި އަގެއް ހުންނަކަން ޤަބޫލުކުރެވޭތީއެވެ.
އިސްލާމް ދީނަށް ބަލައިފިނަމަ އަންހެނުންގެ މޫނު ފޮރުވުމަކީ ނުވަތަ މޫނުބުރުގާއެޅުމަކީ މަޖުބޫރުކަމެއް ނޫނެވެ. އެއީ އޭނާގެ އިޚްތިޔާރުގައި އޮތްކަމެކެވެ. ޤަބޫލުކުރަންޖެހޭނެ ކަމަކީ އަންހެނުން ނިވާވުމުގެ އެންމެ މަތީ ދަރަޖައަކީ މޫނުބުރުގާއެޅުންކަމެވެ. ވީމާ މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. އަދި އެއީ އެހެން މީހަކު ފާޑުކިޔަން ޖެހޭނެވެސް ކަމެއް ނޫނެވެ.
އަހުރެން މިރޭވެސް ބުނެލަން ބޭނުންވާ އެއްވާހަކައަކީ އެމީހާ ފަދައިން ސުވާލުކުރާނެ މީހުން ވަރަށް ގިނަވާނެއެވެ. ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވީ ކުރެވޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ދެވޭފަދަ ދީނުގެ ކަންކަމަށް ހޭލުންތެރި މީހަކަށް ވުމަށެވެ. ތިމާއަށް ޘާބިތުކަމާއިއެކު ޖަވާބު ނުދެވޭނެ ސުވާލުތަކަށް ޖަވާބު ނުދޭށެވެ. ނުއެނގިހުރެ ޖަވާބު ދިނުމުން ދީނަށް ލިބޭނީ ގެއްލުމެވެ. ނުއެނގޭ ކަމެއްގައި ނަމަ ފަހުން ޖަވާބު ދޭނެކަމަށްބުނެފައި އެނގޭ މީހެއްގެ ކިބައިން އޮޅުންފިލުވައިގެން ޖަވާބުދޭށެވެ. ނޫންނަމަ އެނގޭ ފެންވަރުގެ މީހަކާއި އޭނާއާއި ގުޅުވައިދޭށެވެ. އެއިރުންވެސް އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން