ފާފަކުރުން ހުއްޓައިލެވޭކަން ގިނަ ބައަކަށް ތަޖުތރިބާއިން ޔަޤީންކުރެވިފައިވާ 3 ކަމެއް-! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ފާފަކުރުން ހުއްޓައިލެވޭކަން ގިނަ ބައަކަށް ތަޖުތރިބާއިން ޔަޤީންކުރެވިފައިވާ 3 ކަމެއް-! އިން ޝާ ﷲ

އަޅުގަނޑު ނަމާދުވެސް ކުރަމެވެ. ނަމަވެސް ބައެއް ފާފަ އެބަކުރެވެއެވެ. އެކަންކަން ކުރުން ހުއްޓާލަން ވަރަށް ބޮޑަށް މަސައްކަތްވެސް ކުރަމެވެ. އެކަމަކު އަދި ކާމިޔާބެއް ނުކުރެވެއެވެ. 

މިކަމުގައި އަޅުގަނޑަށް އެހީތެރިކަން ލިބޭނެ މަގެއް ބުނެދީފާނަންތަ؟ 

ފާފަކުރެވުން ހުއްޓާލަން ކިޔުންތެރިޔާ ކުރާ މަސައްކަތަށް ތަޢްރީފްކުރަމެވެ. މަރުޙަބާ ކިޔަމެވެ. ހިތްވަރުދެމެވެ. އަދި ކާމިޔާބު މިމންބވަރުކުރެއްވެވުން އެދި ދުޢާކުރަމެވެ. 

ކިޔުންތެރިޔާއަށް ކުރެވޭ ފާފަ އާއި އެކަމަށް ކުރިމަތިވާ ސަބަބު އަދި ފާފަކުރެވޭ މާޙައުލު އަންގާލައިފިނަމަ އިތުރަށް އެހީތެރިވެދޭން ފަސޭހަވާނެއެވެ. އިން ޝާ ﷲ އަދި ތިރީގައިވާ ލިޔުމުގައިވާ ކަންކަން ނިކަން ތަޖުރިބާކޮށްލަބަލާށެވެ. 

ނަތީޖާ އަންގާލަދިނުން ވަރަށް ބޮޑަށް އެދެމެވެ. (7788020 މިއަދުނޫސް: ) 

ފާފަކުރުން ހުއްޓާލަން ގިނަ ބައަކު ބޭނުންވެއެވެ. ފާފަކުރުން ހުއްޓާލަން ބޭނުންވި ނަމަވެސް އެކަން ކުރަން އުނދަގޫތަކެއް ހުންނަކަން ފާހަގަކޮށް އެކަން ކުރެވޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން ފާފަކުރުން ހުއްޓައިލަން ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. ހެޔޮ އަމަލުތައް ކުރުން ގިނަ ކުރާނަމަ ފާފަކުރެވުމާއި ދުރުހެލިވާނެއެވެ. ފާފަ ނުކުރަން އަމިއްލަ ނަފުސު އެމީހަކަށް ބުނަން ފަށާނެއެވެ. ނަފުސު އެގޮވާލާ ގޮވާލުންތަކަށް އިޖާބަ ދެވެން ވެސް ފަށާނެއެވެ. 

ގިނަ މީހުންނަށް ގިނައިން ފާފަ ކުރެވޭނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އެފަދަ މީހުން އަޖުމަ ބަލައިލަންވެސް މަޣްރިބްނަމާދަށް މިސްކިތަށްދާގޮތަށް މިސްކިތުގައި މަޑުކުރުމަށްފަހު ޢިޝާ ނަމާދާއި ވިތުރިކޮށްގެން ފައިބަން ފަށައިބަލާށެވެ! އެވަރު ނުކުރެވޭނަމަ އެންމެ ކުޑަމިނުން މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމާއަތުގައި ކުރަން އާދަކޮށްބަލާށެވެ! ވަރަށް ބޮޑު ތަފާތެއް ފެންނާނެއެވެ. މިއީ ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއެކެވެ. ތަޖުރިބާއިން ރަނގަޅު ނަތީޖާ ފެނިފައިވާ ތަޖުރިބާއެކެވެ. 

(ދެނަމާދު ދޭތެރޭގައި މިސްކިތުގައި މަޑުކޮށްލަން މިބުނަނީ އެއީ މިސްކިތުގައި މަޑުކޮށްލަން  ވަރަށް ފަސޭހަވާނެ ވަޤުތަކަށްވީމައެވެ. އެވަޤުތު އަޅުކަމުގައި ހޭދަނުކޮށް ބޭކާރު ގޮތުގައި ހޭދަކުރާނަމަ ޢިޝާ ނަމާދުގެ ޖަމާޢަތަށް ދާން ހުރަސް އެޅޭނެއެވެ. އަދި އެވަޤުތު އަޅުކަމުގައި މަޑުކޮށްލާނަމަ އެރެއަށް ފުއްދައިލެވޭނެ މިންވަރަށް ޤުރްއާން ކިޔަވާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެތީއެވެ.) 

މިވަރުންވެސް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުފެނުނު ނަމަ ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ދެ ނަމާދު ދޭތެރެ މިސްކިތުގައި ހޭދަކުރުމަށްފަހު ގެއަށް ގޮސް ކައިބޮއި ހެދުމަށްފަހު ގެއިން ބޭރަށް ނުނުކުތުމެވެ. ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ އަނބިމީހާ ނުވަތަ ޢާއިލާގެ ވަރަށް ގާތް މީހަކާއިއެކުނޫނީ ނުނުކުތުމެވެ.  އެފަދަ މީހަކާއިއެކު ނޫނީ ގެއިން ބޭރަށް ނުދިއުމެވެ. ޚާއްޞަކޮށް އަންހެނުން އެކަނި ބޭރަށް ނުދިއުމެވެ. 

ހަމަ އެއާއިއެކު އަންނަ ފޯނުތަކަށް ސިއްރުން ވާހަކަދެއްކުން ހުއްޓައިލަންވާނެއެވެ. ސިއްރުން މެސެޖުކުރުން ފަދަ ކަންކަން ވެސް ހުއްޓައިލަންވާނެއެވެ. ރަނގަޅީ ކޮންމެހެން ބޭނުމެއް ނުޖެހޭ ނަމަ ފޯނާއި ދުރުހެލިވުމެވެ. 

ޚުލާޞާ:

1 ދެނަމާދުދޭތެރޭ މިސްކިތުގައި މަޑުކުރުން

2 ޢިޝާ ނަމާދަށްފަހު ތިމާގެ މައްޗަށް ބާރުފޯރުވައި އިޞްލާޙްކުރެވޭނެ ވަރުގެ މީހަކާއިއކު ނޫނީ ގެއިން ބޭރުގައި ނޫޅުން

3 ފޯނުން ސިއްރުން ޗުކްޗުކްލެއްވުން ހުއްޓާލުން 

މި 3 ކަންތައް ފުރިހަމަކުރުމުން އެމީހެއްގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ނައި މީހެއްގެ ވާހަކަ އަދި މިހައިތަނަށް އަޑު އިވިފައެއް ނެތެވެ. ވާހަކަ ދެކެވުނު އެންމެންވެސް ބުނެފައިވަނީ މި 3 ކަންތަކަށް އަމަލުކުރަން ފެށުމުން ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ރަނގަޅު ނަތީޖާ ފެނުނު ކަމަށެވެ. އެހެންކަމުން މި 3 ކަންތަކަކީ ރޭގަނޑު ފާފަކުރެވުން ހުއްޓައިލެވޭނެ މުޖައްރިބް 3 ކަންތައް ބުނުމުގެ ފުރުޞަތު އެބައޮތެވެ. 

ހަމަ އެއާއިއެކު ފާހަގަކޮށްލާނަމެވެ. މަޖުބޫރުވެގެން ނޫނީ ރޭގަނޑު މަސައްކަތް ނުކުރާށެވެ! ރޭގަނޑަކީ މަސައްކަތްކުރަން އޮތް ވަގުތެއް ނޫނެވެ. ރޭގަނޑު މަސައްކަތް ކުރާނަމަ ބޭރުގައި އުޅެން ޖެހެއެވެ. އެކަމުގެ ސަބަބުން ނުބައި އެތައް އަމަލަކަށް މަގުފަހިވެގެންދެއެވެ. ޢިޝާ ނަމާދަށްފަހު ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ހޭލައި ނުއުޅެ ނިދަން އިސްލާމް ދީނުގައި އޮންނަނީ މި ސަބަބަށްޓަކައެވެ. 

ފާފަކުރުން ހުއްޓައިލަން ބޭނުން މީހާއަށް ކޮންމެހެން ކުރަން ޖެހޭ އެއްކަމަކީ ތިމާއަށް ކުރެވޭ ފާފައިގައި ބައިވެރިވާ ނުވަތަ އެފަދަ ފާފަތައް ކުރާ ހުރިހާ ރައްޓެހިންނާއި މުޅިން ދުރުހެލިވުމެވެ. އެފަދަ މީހަކަށް ނުވެސް ފެނި އުޅުމެވެ. ބައްދަލުވި ނަމަވެސް ސަމާލުކަން ނުދިނުމެވެ. ރަނގަޅަށް ވިސްނައިލުމަށްފަހު ބުނެބަލާށެވެ! އެފަދަ މީހުން ލޮލަށް ފެނުމުންވެސް ފާފަކުރަން ޝައުޤްވެރިކަން އިތުރު ނުވޭހެއްޔެވެ؟ އިތުރުވާނެއެވެ. އެއީ ނުވެ ނުދާނެ ކަމެކެވެ. 

މިބިޔާންކުރި މަގުން ޢަމަލުކުރުމުން ކަންކަން ކުރުމުން ޢަމަލުތައް އިޞްލާޙް ނުކުރެވުނު ނަމަ މިއަދުނޫސް (7788020) މެދުވެރިކޮށް އަންގައިލަދޭށެވެ. އިތުރު އެހީތެރިކަން ފޯރުކޮށްދޭނަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން