ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ޅަކުދިންނާ ކައިވެނިކުރުމުން ހިތިތަޖުރިބާ ކުރަންޖެހޭއިރުވެސް ބޮޑު ތަނުން ހަގު ކުދިންނާ ކައިވެނިކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ޅަކުދިންނާ ކައިވެނިކުރުމުން ހިތިތަޖުރިބާ ކުރަންޖެހޭއިރުވެސް ބޮޑު ތަނުން ހަގު ކުދިންނާ ކައިވެނިކުރަނީ ކީއްވެ؟

އަޅުގަނޑުމެންގެ މަންމަ ނިޔާވުމުން ބައްޕަ ކައިވެނިކުރެއްވީ ބައްޕައަށްވުރެ 23 އަހަރު ހަގު އަންހެންކުއްޖަކާއެވެ. އެކުއްޖާގެ ބޭނުމެއް ކަމަށް ބެލެވެނީ ގޯތުންނާއި ބައްޕަގެ ތަނަވަސްކަމުން ބައެއް ހޯދުމެވެ.  

ކަންދިމާވިގޮތުން އެއިން އެއްވެސް ބޭނުމެއް ޙާޞިލުނުކުރެވެނީސް ބައްޕަ ބަލިވެއްޖެއެވެ. އެނދުމަތިވެއްޖެއެވެ. އެނދުމަތިމަތިވާއިރަށް އެހައިތަނަށް އޭނާއަށް ދީފައި ހުރި ހުރިހާ އެއްޗެއް ހިފައިގެން ދޮންމަންމަ ފިލައިފިއެވެ. ދިއަ ތަނެއްވެސް ނުއެނގެއެވެ.  

ބައްޕަ އެހާލުގައި އޮވެގެންވެސް އެދެނީ ދޮންމަންމަ ހޯދައިގެން ގެނެސްދިނުމަށެވެ. ޤަބޫލުކުރެވޭ ގޮތުގައި މިހާރު ބައްޕަގެ ވިސްނުންވެސް ރަނގަޅެއް ނޫނެވެ. ކޮންމެއަކަސް ދޮންމަންމަ ހޯދަން ކުރެވޭނެ އިތުރުކަމެއް ނެތެވެ. އޭނާގެ ފޯނަށް ގުޅެއެވެ. ހުރީ އިންޑިއާގައެވެ. ބުނަނީ އޭނާ މިހާރު ހުރީ ވަރިވެގެން ކަމަށާއި އަންނަން ބޭނުން ނޫން ކަމަށެވެ.  

އަޅުގަނޑުގެ ސުވާލަކީ ޢުމުރުން އެހައި ހަގު ކުދިންނާ ކައިވެނިކުރުމުން މިބާވަތުގެ މައްސަލަތައް އަބަދުހެން ޖެހެމުން އަންނައިރުވެސް ވިސްނާނުލައި ކައިވެނިކުރަނީ ކީއްވެގެންތޯ؟ 

ކިޔުންތެރިޔާގެ ސުވާލާއި އަދި ފައުޅުކުރެއްވި ކަންބޮޑުވުމާއި ގުޅިގެން ބުނެލަން އޮތީ ޢުމުރުން ދުވަސްވުމުންވެސް ގައިގެ ބާރު ހަމަ އެންމެ ޒުވާން ޢުމުރުގައިވެސް ހުރިވަރަށް ހުންނާނެކަމަށް ޤަބޫލުކުރެވުން އެއީ އެއް ސަބަބުކަމަށެވެ. ތިރީގައިވާ ލިޔުމަކީވެސް ހަމަ ތިއަ ފަދަ ހާދިސާތަކެއްގެ ޢިބްރަތްތެރި ވާހަކައެވެ.  

ޢުމުރުގެ ތަފާތު ބޮޑު ނަމަވެސް ކައިވެނިކުރެއެވެ. ދިރިއުޅުމުގެ ބޭނުންތައް ފުދެމުން އަންނަނަމަ އެކަން އެއީ މައްސަލައަކަށްވެސް ނުވެ އުފަލުގައިވެސް ދިރިއުޅެއެވެ. ނަމަވެސް މިފަދަ ކައިވެނިތަކުން ގިނަ ފަހަރަށް ފެނިގެންދަނީ ދުނިޔަވީ ބޭނުންތައް ޙާޞިލުނުކުރެވޭ ދުވަހެއް އަތުވެއްޖެނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައްޖެހި ކައިވެނިވެސް ރޫޅިގެންދާތަނެވެ.  

ހަމައެއާއިއެކު ގަދަކަމުން ކައިވެނި ރޫޅައިލުމަށްފަހު ހިތާމަކުރަންޖެހޭ މީހުންވެސް މަދެއް ނޫނެވެ. ފިރިހެނެއް އަދި އަންހެނެއް ނަމަވެސްމެއެވެ. މިބަޔާންކުރަނީ އަހަރެން ކިޔާފައިވާ ވާހަކައެކެވެ.  

ދަނޑުވެރި މުސްކުޅިއަކު އުޅުނީ ވަރަށް ޒުވާން އަންހެން ކުއްޖަކާއި ކައިވެނިކޮށްގެންނެވެ. އޭނާއަށް ލިބުނުހައި ފައިސާތަކެއް ޚަރަދުކުރީ އަންހެންކުއްޖާއަށް ގަހަނާ އާއި އެނޫންވެސް ތަކެތި ގަނެދިނުމަށެވެ. ނަމަވެސް ދަނޑުވެރިޔާގެ އުމުރުން ދުވަސްވެ މަސައްކަތް ނުކުރެވި އާމްދަނީ ލިބުން މަދުވުމުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ.  

އެގޮތުން އެއްރޭ ދެމަފިރިން ކުރި ޒުވާބު ވައްކަންކުރާ ވަގަކަށް އަޑުއިވުނެވެ. އަނެއް ދުވަހު ވަގުކަލޭގެ އަންހެން ކުއްޖާއާއި ބައްދަލުކޮށްފައި ބުންޏެވެ. "ރޭ ދެމަފިރިން ކުރި ޒުވާބު އަޑުއެހީމެވެ. ކޮންމެ ގޮތެއްވިނަމަވެސް އެހައި ބޮޑު މުސްކުޅިއަކަށް ތިބާ ފަދަ ޒުވާން އަންހެން ކުއްޖެއްގެ ބޭނުންތައް ފުއްދައެއް ނުދެވޭނެއެވެ. އަހަރެންގެ އަނބިމީހާވަނީ މަރުވެފައެވެ. އަތުގައި ފައސާ އެބަހުއްޓެވެ. ބޭނުންނަމަ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެވިދާނެއެވެ." 

ވަގުކަލޭގެ ދެއްކި ވާހަކަތައް ޤަބޫލުކޮށް އަންހެންކުއްޖާ، އޭނާއަށް ފިރިމީހާ ހޯދައިދީފައިވާ ގަހަނާތަކާއި ފިރިމީހާ ރައްކާކޮށްފައި ހުރި ފައިސާކޮޅުވެސް ވަގަށް ނަގައިގެން އެވަގުކަލޭގެ އާއިއެކު ދިއައީއެވެ.  

ކޯރެއްގެ އައްސޭރިއަށް ދެވުމުން ބުންޏެވެ. "ހުރަސްކުރެވޭނީ އެފަރާތުން ބޮއްކުރައެއް ގެނެސްގެންނެވެ. ބޮއްކުރައެއް ހިފައިގެން އަންނާނަމެވެ. އަތުގައި ތިއަހުރި އެއްޗެތި ދޭށެވެ. ނޫނީ އެކަނި މިތަނުގައި އިންދާ ވަގުން އައިސް ފޭރިގެންފާނެއެވެ."  

އަތުގައި ހުރި ހުރިހާ އެއްޗެއް ދިނުމުން ބޮއްކުރާ ބަލައި ދިއަ މީހާ އިރުއޮއްސި އަނދިރިވީއިރުވެސް އެނބުރި ނައުމުން އޭނާ ފިލީކަން ވިސްނުނެވެ. ހުސްއަތާ އެނބުރިދާންޖެހުނީ މުސްކުޅިޔާގެ ގެއަށެވެ.  

މިހުންނަނީ ވަރަށް ޢިބްރަތްތެރި ވާހަކަތަކެވެ. އެކުގައި ދިރިއުޅެމުން ގޮސް އެކަކު މުސްކުޅިވެ ބަލިކަށިވުމުން ނުވަތަ ބަލި ހާލުގައި ޖެހުމުން އެއްލާލާފައިދާން ހެޔޮނުވާނެއެވެ. އެއީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެފަދަ ކަމެއްކުރި މީހަކު ވާނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރެއިންނެވެ. ﷲ ތަޢާލާގެ ކޯފާ އެމީހަކާި އަރައި ހަމަކުރާނެތެވެ. ނުއެނގޭނީ އެކަން މެދުވެރި ކުރައްވަވާނީ ކޮން ދުވަހަކު ކޮން ސިފައެއްގައި ކަމެވެ.  

އަޅުގަނޑުގެ ބައްޕައަކީ މިއަދު މިފަދަ ބޮޑު ނިކަމެތިކަމެއް ލިބިފައިވާ މީހެކެވެ. 20 އަހަރުވަންދެން ބައްޕަ ކުރެއްވި މަސައްކަތް ހިފައިގެން ޒުވާން ދޮންމަންމަ ވަނީ ފިލައިފައެވެ. ދޮންމަންމަ ގާތު ބުނެލަން ބޭނުންވަނީ ގެންދިއަ އެއްވެސް އެއްޗެއްވެސް ފައިސާއެއްވެސް ބޭނުމެއް ނޫނެވެ. ބައްޕައަށް އެއްވެސް ކަމެއް ކޮށްނުދިންނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. އާދޭސްމިކުރަނީ ބައްޕަގެ ލޮލަށް ފެންނަ ހިސާބުގައި ބައްޕަ ގާތު ހުރެލަން އައިސްދިނުމަށެވެ.  

- ޒައުޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން