މިދުނިޔޭގެ ޙަޔާތުގައި އިންސާނުންނަށް އަބަދުވެސް ހިތްދަތިވެ މާޔޫސްވާން ޖެހޭ ޙާލަތުތައް ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގައި އެކަން ހިނގަމުންދާނެ ގޮތެވެ. ދުނިޔޭގެ ޙަޔާތަކީ އިމްތިޙާނެއްކަމުގައި ﷲ ތަޢާލާ ލައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ހީވެސް ނުކުރެވޭނެހައި ގޮތް ގޮތުން އިމްތިޙާންތައް ކުރިމަތިކުރައްވަވާނެކަން ވަޙީ ކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ.
ހިތާމައަކީ އެކަންކަން ޤަބޫލު ނުކުރެވި މާޔޫސްކަމުގައި މީހާ ފެތިގެންދާ ކަމެވެ. ބައެއް މީހުންނަށް މާޔޫސްވާ ވަގުތު ދިނާއި ދުރަށް ދެވެއެވެ. އެކަން އެގޮތަށް އެވަނީ ސީދާ ޝައިޠާނާގެ ސަބަބުންނެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. ސުވަރުގެ ނުލިބިދާނެ ކަމަށް ޤަބޫލުކުރެވެނީ ޝައިޠާނާގެ ވަސްވާސްތަކުންނެވެ. ވީމާ އެފަދަ ވަސްވާސްތަކަށް ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭނެއެވެ. ސުވަރުގެ ހައްދަވާފައިވަނީ ވަކިމީހަކަށްޓަކައެއް ނޫނެވެ. ޙާޞިލްކުރަން މަސައްކަތްކުރާ އެންމެންނަށްޓަކައެވެ.
އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްވުމެވެ. ތިމަންނާ އެދޭ މިވެނިކަމެއް ނުވެދާނެ ކަމާއިމެދު ކަންބޮޑުވުމެވެ. ތައުބާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމާއިމެދު ކަންބޮޑުވުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެހެން ދީނަކަށް އަޅުކަން ކުރަމުން އައި މީހަކު އިސްލާމްވެއްޖެ ނަމަ އެމީހަކު ކުރިން ކޮށްފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވަތެވެ. ވީއިރު އަހަރެމެން މުސްލިމުން ތައުބާވުމުން މާ ގިނަ އަދި މާ ބޮޑެތި އިނާޔަތްތައް ދެއްވަވާނެ ކަމަށް ޝއްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟
ވަކި ރެއަކު ނޫނެވެ. ކޮންމެ ރެއެއްގެ ފަހުބައިގައި ތިން ވަނަ އުޑަށް ކުއްތަންވެވޮޑިގެން މީސްތަކުންގެ ތެރެއިން ފާފަ ފުއްސެވުމަށް އެދި ދަންނަވާ މީހަކީ ކޮބައިތޯ ﷲ ތަޢާލާ އެބަ ސުވާލުކުރައްވަވަތެވެ! އެއްވެސް މީހަކު ތައުބާ ނުވިނަމަވެސް ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ ޛައްރެއްގެ މިންވަރުގެ އުނިކަމެއް ނެތް އިރުގައިވެސް މެއެވެ. ނަރަކައިގަ ޖާގަ ނުފުރޭނެ އިރުވެސް މެއެވެ.
ﷲ ތައާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސް ވާނީ ކީރިތި ޤްރްއާނަށް އީމާން ނުވެވޭ މީހުންނެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެކަލާނގެ ރަހްމަތްފުޅާއިމެދު މާޔޫސް ނުވުމަށް ވަޙީ ކުރައްވަވައި އަންގަވައިފައެވެ. ވީމާ އަހަރެމެން އަބަދުވެސް ތިބެން ޖެހޭނީ އެކަމުގެ ޔަޤީންކަމުގައެވެ.
ﷲ ތަޢާލާއަށް އިތުބާރުކުރާ މީހާއަށް އޮތީ ސުވަރުގެ ނުވަދެވިދާނެތީ މާޔޫސްވުމެއް ނޫނެވެ. ނުވަދެވިދާނެތީ ކަންބޮޑުވުމެވެ. ކަންބޮޑުވާނަމަ ކުރަން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. އެއްވެސް ހާލެއްގައި މާޔޫސްވެ ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކާއި ދުރަށް ދިއުމެއް ނެތެވެ. ކައިރިވުމެވެ!
--ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން