އުންމު ނަވާރު
"ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ." މިއީ މުސްކުޅިބަހެކެވެ. މިބަސް ބޭނުން ކުރަނީ އަޅުގަނޑުމެން ރުހޭ މީހާގެ ކިބައިން ގޯހެއް ނުފެންނާނެއޭ ބުނުމުގެ ގޮތުންނެވެ.
އަލުގަނޑުމެން މުޖުތަމައުން ފެންނަމުންދާ ކަންތައްތަކުގެ އަލީގައި މިއީ ވަރަށްވެސް ބޮޑު ހަގީގަތެކެވެ. ކުޑަ ކުޑަ މިސާލެއް ބަޔާން ކޮށްލާނަމެވެ. އަޅުގަނޑުމެން މި ޤައުމުގައިވެސް މި ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ވަރަށް ގިނަ ސިޔާސީ ޕާޓީތައްވަނީ އުފެދިފައެވެ. ކޮންމެ މީހަކުވެސް އެމީހަކު ހިތްހަމަޖެހޭ ސިޔާސީ ޕާޓީއަކަށް ތާއީދު ކުރަމުންދަނީއެވެ. ތާއީދުކުރާ ޕާޓީގެ ފަރާތުން ފެންނަ ގޯސް ކަންތައްތައް ނުފެންނަ ވަރަށް ގިނަ މީހުންގެ ލޯތައްވަނީ ކަނުވެފައެވެ. އެބައިމީހުންގެ ސިޔާސަތުގައި ދީނާ ހިލާފް އެތައްކަމެއް އޮންނަ އިރުގަވެސް މި ކަންތައްތައް އެއީ އެބައިމީހުން އޯގާތެރިކަމުންނޭ ބުނެ ވާހަކަ ކުރުކޮށްލެވެއެވެ. ގިނަ ފަހަރު މިހެން މިދިމާވަނީ އެބައިމީހުންގެ ފަރާތުން ލިބޭ ފައިދާތަކެއްގެ ސަބަބުންނެވެ. ތިމާ އެކަމާ ހިތްހަމަޖެހެ ރުހެވޭތީއެވެ. ކޮންމެވެސް ހިސާބަކުން ތިމާއަށް އެބައިމީހުންގެ ފަރާތުން ލިބެމުންދާ ފައިދާތައް މެދުކެނޑި އެބައިމީހުންދެކެ ހިތްހަމަ ނުޖެހޭގޮތް ވުމުން އެބައިމީހުންދެކެ ނަފްރަތު ކުރެވޭގޮތްވެއެވެ. ދެން އެބައިމީހުން ކުރާ ހުރިހާކަމެއް ފެންނާނީ ގޯސް ކަންތައްތަކެއްގެ ސިފައިގައެވެ.
ބައެއް ފަހަރު މީހަކުދެކެ ރުހެވުމަކީ އޭނާ ކުރާ ގޯސް ކަންތައްތައް މަނާނުކުރެވޭ ކަމެއްކަމުގައި ވަނީ ވެފައެވެ. މީހެއްދެކެ ރުހެވެއްޖެނަމަ އޭނާ ކުރާ ކޮންމެ ކުށެއްވެގެންދަނީ ހެޔޮ އަމަލަކަށެވެ. އޭނަ ދައްކާ ކޮންމެ ވާހަކައެއް ވެގެންދަނީ މާމުތައް ވުރެން ފޮނި އެއްޗަކަށެވެ. މީހެއްދެކެ ރުހޭ އިރުގައިވެސް ވަކި މިންތަކެއްގައި ހިފަހައްޓާށެވެ. މީހަކު ކުރާ ކުށެއް ނުފެންނަ ވަރަށް ތިމާގެ ލޯ މަރާނުލާށެވެ.
ރުހުމުގެ އިދިކޮޅު ސިފައަކީ ނަފްރަތެވެ. މީހަކާމެދު ތިމާގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅު ދިއްލެއްޖެނަމަ، ހައްޤުން އެއްކިބާވެ ނުހައްޤު އެމީހަކާ ދޭތެރޭ ކަންތައް ކުރެވޭ ގޮތްވެއެވެ. އެމީހަކު ތިމާއަށް ކޮށްދޭ ހޮޔޮކަންތައްތައް ނުފެންނަ ވަރަށް ދެލޯ ކަނުވެގެންދެއެވެ.
މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ހައްލަކީ އަބަދުވެސް މެދުމިނުގައި ހިފުމެވެ. ތިމާ މީހަކާ މެދު ރުހޭ ރުހުމަކީ އެއީ ތިމާގެ ލޮލުގައި ބަނދެވޭ ފަރުދާއެއް ކަމުގައި ނުހަދާށެވެ. އަދި އެއީ ތިމާ ހޮޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންތައްތަ ނަހީ ނުކުރެވޭ ކަމެއް ކަމުގައި ނުހަދާށެވެ. ހަމަ އެފަދައިން މީހަކުދެކެ ތިމާއަށް ކުރެވޭ ނަފްރަތަކީ ތިމާ ހައްޤުން އެއްކިބާވެ އަމަލު ކުރެވޭ ކަމެއްކަމުގައި ނުހަދާށެވެ. އިސްލާމް ދީނުގެ ރިވެތި އާދަތަކުގައި ގަދަޔަށް ހިފަހައްޓާށެވެ.
- ލިޔުނީ: އުންމު ނަވާރު