ގިނަ ކައިވެނިތައް އަވަހަށް ރޫޅިގެންދަނީ އަންހެން ކުއްޖާގެ ބައްޕަ ކުރަންޖެހޭ ކަންތައް ދަރިފުޅުކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ގިނަ ކައިވެނިތައް އަވަހަށް ރޫޅިގެންދަނީ އަންހެން ކުއްޖާގެ ބައްޕަ ކުރަންޖެހޭ ކަންތައް ދަރިފުޅުކުރާތީ!

ކިތަންމެ ލޯބިން އެކުގައި އުޅެފައި ކައިވެނިކުރިނަމަވެސް ދާދި އަވަހަށް ކައިވެނި ރޫޅިގެންދާ މައްސަލަތައް ގިނަވާކަން އެއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. މައްސަލައަކީ އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބުތަކަށް ވިސްނައިލުމުގައި ޖެހޭ މައްސަލައެވެ. 

މިޘާލަކަށް ފިރިހެނަކަށް އަންހެނަކު ރީތިވެ ކަމުގޮސްފިނަމަ ލޯބިވާކަމަށް އަންހެންކުއްޖާގެ ގާތުގައި  ބުނެފާނެއެވެ. އަންހެންކުއްޖާ އޭނާ އާއި ރުހިވެސްދާނެއެވެ. އެހިސާބުން އެއޮތީ ކައިވެނިކުރަން ދެމީހުންނަށްވެސް ރުހެވިފައެވެ. 

މައްސަލަ މިނުކުންނަނީ އެހިސާބުންނެވެ. ތިމާއަށް ލޯބި ހުށަހެޅި ފިރިހެންކުއްޖާއަކީ ކައިވެނިކުރަން ކަމުދާ ކުއްޖަކުކަން ބަލަން އަންހެންކުއްޖާ އަމިއްލައަށް އުޅޭތީއެވެ. ދެމީހުން އެކަކު އަނެކަކު ދެނެގަތުމުގެ ނަމުގައި ދެމީހުން އެކަހެރިކޮށް ބައްދަލުކޮށް ކަންކަން ކުރިއަށް ގެންދާތީއެވެ. 

ކައިވެނިކުރަން ބޭނުންވާ ކުއްޖާއަކީ ރަނގަޅު ކުއްޖަކުކަން ބެލުމަކީ އަންހެންކުއްޖާގެ ބައްޕަގެ ކަމެކެވެ. ވީމާ އެކަން ބައްޕައަށް ދޫކޮށްލާށެވެ. ދެމީހުން ރުހިއްޖެ ނަމަ ފުރަތަމަ ކަމަކަށްވެސް ފިރިހެންކުއްޖާގެ ގާތުގައި ބުނަންވީ ބައްޕަ އާއި ބައްދަލުކޮށް ރުހުން ހޯދާށެވެ. 

އެއިރުން އެ ކުއްޖަކު ބައްޕައާއި ބައްދަލުކޮށް އޭނާގެ އަންހެން ދަރިފުޅާއި ކައިވެނިކުރަން ބޭނުންވާކަން ހާމަކުރާނެއެވެ. އެހިސާބުން އެއީ ރަނގަޅު ކުއްޖެއްކަން ނުވަތަ ނޫންކަން ބައްޕަ ބަލާނެއެވެ. ބައްޕަ ބޭނުންވާ ގޮތަކަށް އޭނާގެ ކަންކަން ބެލުމަށްފަހު ބައްޕައަށް ފެންނަ ގޮތް ދަރިފުޅުގެ ގާތުގައި ބުނާނެއެވެ.

ބުނީމާ އިމްތިޙާނުން ފާސްވެއްޖެކަން ޤަބޫލުކޮށް ކައިވެނިކުރަން ބޭނުންވާނަމަ އަވަހަށް ކައިވެނިކުރާނީއެވެ. އިމްތިޙާނުން ފޭލްވިނަމަ އެހިސާބުން އެކަން ނިންމައިލާނީއެވެ. އަންހެން ކުއްޖާއަށް އޭނާގެ ޢިއްފަތްތެރިކަމާއި ޢަބުރާއި ޢިއްޒަތް ރައްކައުތެރިކޮށް ދީނުގެ އިންތަކުގެ ތެރޭގައި އިނދެގެން ކައިވެނިކުރެވޭނީ އެއިރުންނެވެ. އެއިރުން ކައިވެނީގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- އަލަފް

މިއަދު އޮންލައިން