ކުރިން ވާހަކަ ދެއްކީ ދަރިން މައިންބަފައިންނަށްވުރެ އެހެން މީހުން ދެކެ ލޯބިވެ ބަސް ޤަބޫލުކުރާ މައްސަލައިގައެވެ. މިހާރު މިބަލައިލަނީ ބައިވެރިޔާ ތިމާ ނޫން އެހެން މީހުން ދެކެ ނުވަތަ ތިމާއަށްވުރެ އެހެން މީހުން ދެކެ ލޯބިވެ ޒަވާޖީ ހަޔާތުގައި މައްސަލަތައް ކުރިމަތިވާ ސަބަބަށެވެ.
މިމައްސަލައިގައިވެސް މެދުވެރިވަނީ ހަމަ ދާދި އެއް ސަބަބެކެވެ. މެދުވެރިވަނީ ދާދި އެއް ސަބަބުތަކެކެވެ.
ކޮންމެ މީހަކީވެސް ލޯތްބާއި އަޅައިލުމާއި ސަމާލުކަން ބޭނުންވާނެ މީހެކެވެ. އެހީތެރިކަންވެސް ބޭނުންވާނެ މީހެކެވެ. ކޮންމެ އިންސާނަކީ މިކަންކަން ލިބުމަށް އިންތިހާއަށް ބޭނުންވާނެ މީހެކެވެ. އެހެންކަމުން ބައިވެރިޔާގެ ކިބައިން އެކަންކަން ނުލިބޭނަމަ އެކަންކަން ލިބޭ މީހާގެ ފަރާތަށް ބުރަވެވުމަކީ ޠަބީޢީ ގޮތުން ހިނގާނެ ކަމެކެވެ.
އެކަމަށް އޮތް ޙައްލަކީ ރުޅި އައުމެއް ނޫނެވެ. އެފަދަ ކަމެއް ކުރިމަތިވާނަމަ ބައިވެރިޔާ އާއިމެދު ތިމާއަށް އިހްމާލުވެވޭ ކަމާއިމެދު ވިސްނައިލާށެވެ. ތިމާގެ ކިބައިން އިޞްލާޙްކުރަން ޖެހޭ ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ.
ދަރިންނާއިމެދުގައިވެސް ބުނި ފަދައިން ބައިވެރިޔާއަށް ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކޮށްދެވުމަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލެއް ނޫނެވެ. ހޯދައިދެވޭ އެއްޗެއްސަށްވުރެ ބޮޑަށް ބޭނުންވާނީ ލޯތްބާއި އަޅައިލުމާއި އެހީތެރިކަމެވެ.
ހުރިހާ ކަމެއް ކިތަންމެ ރަނގަޅަކަށް ކޮށްދިން ނަމަވެސް މީހަކު ނުބައިމަގެއް އިޚްތިޔާރުކޮށްފާނެއެވެ. ނަމަވެސް އެއީ ގިނަ މީހުން ކަންކަން ކުރާނެ ގޮތެއް ނޫނެވެ. ޒަވާޖީ ހަޔާތަކަށް ފެށުމަށްފަހު ބައިވެރިޔާއަށް ތެދުވެރިވެ ވަފާތެރިވެ ލޯތްބާއި އަޅައިލުންދީ އެހީތެރިވާނަމަ ނުބައި މަގެއް އިޚްތިޔާރުކުރާނީ ވަރަށް މަދު މީހެކެވެ.
ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ލިބިލިބި ހުންނަން ބޭނުންވާ މީހާ މިބުނިމަގުން ޢަމަލުކޮށްބަލާށެވެ! އެއިރުން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. ކައިވެނި ރޫޅައިލާން ނުވެސް ޖެހޭނެކަމަށް ބުނެވޭ ވަރަށް ވަރީގެ މައްސަލަތައް މަދުވެގެންދާނެއެވެ. އިން ޝާ ﷲ
- އަލަފް