ހަތްދިހައިގެ އަހަރުތައް ގުނަމުން ދާ ފާރޫގް އޮތީ ގެޔާވަކިން ފަނުން ހަދާފައިވާ ޖިފްޓިގަޑެއްގައެވެ. ތަންމަތިފާރު އަޅާފައިވުމުގެ ސަބަބުން ގައިގެ އެތައް މިތަނުން ފާ ދޮސްތައް ފައިބަމުންދިޔައެވެ. ކުނަލެއްހާ މިންވަރުވެސް ނެތް ރޯނުފުރި އެނދުގެ ޖާޓްވަނީ ބުރަކަށީގައި ކުރެހިފައެވެ. އެ ކުޑަ ޖިފްޓިގަޑުގެ ތެރޭގައި ދުވާ ތަންމުޑުވަހުން ނޯ ދަމާލަންވެސް ނުކެރެއެވެ.
ޓީބީގެ ނުރައްކާތެރި ބަލީގެ ސަބަބުން އިރުއިރުކޮޅާ ކެއްސާލައެވެ. ޓީބީގެ ވޭނަށްވުރެ ހިތުގައި އަޅަމުންދިޔަ ވޭން މާ ބޮޑެވެ. ފަސްދަރިން ތިބި އިރުވެސް މުސްކުޅިވި ދުވަހު ވަނީ އަޅާލާނެ މީހަކު ނެތި ނިކަމެތިވެފައެވެ.
މީގެ ބާވީސް އަހަރު ކުރިން އެންމެ ހަގު ޖައުފަރު ވިހެއުމުގެ ތެރޭގައި އަބިމީހާ ހައްވަ މަރުވުމާ އެކު ކުދިން ބެލުމުގެ ބުރަ މައްސޫލިއްޔަތު އެޅުނީ ފާރޫގުގެ ބޮލުގައެވެ. ދަރިންނަށް ދޮންމަންމައަކު ހޯދައި ދޭން ބޭނުން ނުވީ އެ ދަރިންނާމެދު އަޅާލުންކުޑަވެ އެހެން މީހެއްގެ ފަރާތުން އެދަރިންނަށް ގެއްލުމެއް ލިބިދާނެތިއެވެ. ދިހަ އަހަރުން ދަށުގެ ފަސްކުދިން ބަލަމުންދިޔައީ އެއްވެސް ބުރަކަމެއް ޝަކުވާއެއް ނެތިއެވެ. ދަރިންނަށް ރަގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ހޯދައި ދިނުމަށްޓަކައި ހޭބޯނާރާ މަސައްކަތް ކުރަމުންދިޔައެވެ. ވަރުބަލިކަމެއްނެތި އެކުދިންނަށް ހިދުމަތް ކުރުންމަތީ ދެމިހުއްޓެވެ.
މާޒިގެ ކަޅު އަދިރި ދުވަސްތައް ފަސްދީގޮސް ދަރިން ބޮޑެތިވެއްޖެއެވެ. ފާރޫގުގެ ގައިގެ ބާރުދޫވެ މުސްކުޅިވެއްޖެއެވެ. ނަމަވެސް އޭނާ ހުރީ އުފަލުންނެވެ. މަޔަކާ ނުލާ ދަރިންނަށް ރަގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދެވުނީމައެވެ. އެންމެ ދޮށީ ތިންބެއިންނަށް ސަރުކާރުގެ މަތީ ވަޒީފާތައް ލިބި އަމިއްލަ ދިރިއުޅުމެއް ފަށައިފިއެވެ.
ފާރޫގު ދެކުނުގޮތުގައި މި އޮތްފަދަ ތައުލީމީ ޒަމާނުގައި އަންހެން ކުދިންވެސް ކިޔެވުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެއެވެ. އެހެންކަމުން ހުރި ހަމައެކަނި އަންހެންދަރިފުޅު ޑޮކްޓަރުކަން ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. ދަކެ ފަރިތަ ގިނަ ރައްޓެހިންތައް ތިބެ ފާރޫގު އަކީ ރަށުމީހުން ގަދަރު ކުރާ މީހަކަށް ވުމުގެ ނަތީޖާ އަކީއެންމެ ހަގު ޖައުފަރަށް ރަށު ކައުންސިލަރުކަން ލިބުމެވެ. އެ ފަދަ ކާމިޔާބީއެއް ފާރޫގުގެ ހިތްވަރާ މިންނަތުން އޭނަގެ ދަރިއަކަށް ލިބުމުން އޭނަވަނީ ހިތްހަމަޖެހިފައެވެ.
އުމުރުގެ ފަހުދުވަސްތައް ގުނަމުންދާ ފާރޫގު ބާކީވީ ފާރޫގަށް ދެން ދަރިންނަށް ކޮށްދެވޭނޭ އެއްވެސް ކަމެއް ނެތުމުންނެވެ. ކެޔޮގަނޑު ކަނޑާލީމައި ގަހުގެ ބޭނުމެއް ނެތްފަދައިން މި އަދު އެދަރިންނަށް ފާރޫގުގެ ބޭނުމެއް ނެތެވެ. މުސްކުޅި ބަލީގެ ވޭނުގައި އުޅެމުން ދިޔަ ފާރޫގު ބަލާނޭ ދަރިއަކު ނެތެވެ. ކޮންމެ ދަރިޔަކުވެސް ފާރޫގު ބަލަންޖެހުމުން އުދަގޫވެފައިވާ ކަހަލައެވެ.
އެންމެފަހުން ބަލާނެ މީހަކުނެތުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މިހުން ބަލާ މަރުކަޒަށް ފޮނުވާލަން ނިންމިއެވެ. ކާކުގެ ނަސިބެއް ކަމެއް ނެގެއެވެ. ހަމަ އެދުވަސްކޮޅު 65 އަހަރު ވީ މީހުންނަށް އިނާޔަތް ލިބޭނެ ވާހަކަ ދެކެވެން ފަށައިފިއެވެ. ކޮންމެ ކުއްޖަކުވެސް ބެނުންވީ ފާރޫގު އެ ކުއްޖެއްގެ ގޭގައި ބަހައްޓާށެވެ. ފާރުގު ދެކެ ލޯބިވާތީ އެއް ނޫނެވެ. ފައިސާގެ ބޭނުމުގައެވެ. ނަމަވެސް އެ ނަސީބު ލިބުނީ ޖައުފަރަށެވެ. ފާރުގުއަށް ހާއްސަ ކޮޓަރިއެއް ދީ ފާރުގުގެ ހިދުމަތުގައި ބަންގްލަދޭޝް މީހަކު ބެހެއްޓިއެވެ. އެކަމުގެ އުޖޫރައެއްގެ ގޮތުން ކޮންމެ މަހަކު ފާރުގަށް ލިބޭ ދެހާސް ރުފިޔާ ދޭން ޖެހެނީ ޖައުފަރަށެވެ.
ކިހާ އިންސާފުވެރި ހެއްޔެވެ؟ ނުކުޅެދޭ ތުއްތު ތުއްތު ކުއްޖެއްގެ ގޮތުގައި ހުރި ދުވަހުން ފެށިގެން އުމުރުން އެކާވީސް އަހަރުވަންދެން ބަލާ ބޮޑުކޮށް ތައުލީމު ދިނުމުގެ އުޖޫރައެއް ނެތީ ހެއްޔެވެ. ބޭރު މީހާއަށްވެސް ފާރޫގު ބެލުން ބުރައަކަށެވެ. އަމިއްލަ ދަރިން ހިތުހުރި ގޮތަކަށް ކަންތައް ކުރިއިރު އެއްވެސް ގުޅުމެއް ނެތް ބޭރުމީހަކު ވަކި އަޅާލާނެ ހެއްޔެވެ؟ ޖައުފަރުގެ އަންހެނުންނަށް ފާރޫގުގެ ކެއްސުމުގެ އަޑާ ހަޅޭކުގެ އަޑުވީ ބަރުދާސްތު ކުރަން ދަތި ކަމަކަށެވެ. އެންމެ ފަހުން ގެއިން ދުރުގާ ވަކިން ތަނެއް ހަދާ އެތާގައި ފާރޫގު ބޭއްވީ ގެއިން ނެރެލައިގެން ފަރުޖެހެން ނެތުމުންނެވެ. ހިނގާ ހަރަދު ބޮޑުކަމުން ބޭރުމިހާ ފޮނުވާލީވެސް އޭނައަށް ލާރި ދޭންޖެހޭތީއެވެ.
މިއީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ޙާދިސާއެއްގެ ވާހަކަ ނަމަވެސް ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ ކިޔުންތެރިންނަށް ގެނެސްދިނީއެވެ. ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ. މިއަދު ރޯނުފުރި އެނދު ނެތި ހިނގައިދާނެއެވެ. ފަންޖިފުޓި ވެސް ނެތިދާނެއެވެ. ނަމަވެސް މިއަދުވެސް ހަމަ މިޙާލުގައި އެތައް ބައަކު އެބަތިބިކަން އެއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެކެވެ.
ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތި ނުވެވުނުތަނުގައި ތިމާ މުސްކުޅިވެ ނިކަމެތި ޙާލެއްގައި ޖެހިއްޖެނަމަ ތިމާއާއިމެދު މިފަދަ ގޮތެއް މެދުވެރިވެދާނެ ކަމާއިމެދުވެސް ވިސްނައިނުލެވޭކަން ކިހައި ދެރަތޯއެވެ!