ދިވެހި ދައުލަތުން ޢަމަލުކުރިނަމަވެސް ނުކުރިނަމަވެސް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނެފައި އޮންނަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށެވެ. މިއީ ހަމައެކަނި މިހާރު ޢަމަލުކުރާކަމަށްބުނާ ފެހި ޤާނޫނު އަސާސީގައި އެކަނި ލިޔެވިފައި އޮތް ވާހަކައެއް ނޫނެވެ. ހުރިހާ ޤާނޫނު އަސާސީތަކެއްގައި ޒަމާނުންސުރެ ލިޔެވިފައި އޮތް ވާހަކައެކެވެ.
މުދަލު ޒަކާތް ނެގުމަކީ ﷲ ތަޢާލާއަށްޓަކައި ދައުލަތަށް ވާޖިބުވެގެންވާ ކަމެކެވެ. ތިރީގައިވާ ލިޔުމަށް މިހާރު 2 އަހަރު ފުރިގެންދިއައީއެވެ. އަދިވެސް އޮތީ ވާނުވާގައެވެ. ސަރުކާރުން ވަނީ މިދިއަ 2 އަަހރު ތެރޭގައި އެތައް ބައިވަރު ޓެކްސްތަކެއް ތަޢާރަފްކޮށް ނަގަން ފަށައިފައެވެ. ބިލް ފާސްކޮށް ޢަމަލުނުކުރެވިގެން މިއުޅެނީ ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ މުދަލު ޒަކާތް ނެގުމަށެވެ.
ޒަކާތާ ބެހޭ ބިލް ފާސްވާއިރު ވާޖިބުވާ މީހުންނަށް ޒަކާތް ދެއްކުން މަޖުބޫރުކޮށްފިނަމަ އިތުރު ޓެކްސް ނުނަގާ ދައުލަތް ހިންގޭނެ!
އިސްލާމިކް މިނިސްޓްރީން ޒަކާތާއި ބެހޭ ބިލެއް ޑްރާފްޓްކުރަމުންދާކަމުގެ ވާހަކަ އެބަ އަޑުއިވެއެވެ. އެހެންކަމުން ދަންނަވާލަން އޮތީ ޒަކާތާއި ބެހޭ ބިލް ފާސްވެގެން އަންނައިރު މުދަލު ޒަކާތް ދެއްކުން މަޖުބޫރުވާންޖެހޭނެ ކަމެވެ.
މީރާއަށް ދައްކަންޖެހޭ ޓެކްސްތަކަކީ ޤާނޫނަކުން އިންސާނުން އުފައްދައިގެން ނަގާ ޓެކްސްތަކެވެ. އެއިން އެއްވެސް ޓެކްސް އެއް ނެގުން އިސްލާމް ދީން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް ޒަކާތް ނެގުން ސަރުކާރަށް މަޖުބޫރުވާނެއެވެ.
މުދަލުޒަކާތަކީ ދައްކަން ބޭނުން މީހަކު ދައްކަން އޮތް އެއްޗެއް ނޫނެވެ. އެއީ ޒަކާތްވާޖިބުވާ ކޮންމެ މީހަކަށް އަދާކުރަންޖެހޭ ފަރުޟެކެވެ. ހަނގުރާމަކުރައްވައިގެންވެސް ޒަކާތް ނަންގަވާނެކަމަށް އަބޫބަކުރުގެފާނު ވިދާޅުވެފައިވުމުން ސަރުކާރުން ޒަކާތް ނެގުން މަޖުބޫރުވާކަން އެނގިގެންދެއެވެ.
މުދަލުޒަކާތް ނެގުމަކީ ތިޔާގިކަން އިތުރުވާ ކަމެއްކަން އިސްލާމީ ތާރީޚުން އެނގެން އެބައޮތެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މުދަލު ޒަކާތް ވާޖިބުވާ އެންމެންގެ އަތުން ނަގަން ފަށައިފިނަމަ އެހެން އެއްވެސް ޓެކްސްއެއް މީރާއަށް ނުނެގި ނަމަވެސް ތަނަވަސްކަމާއިއެކު ދައުލަތް ހިންގޭވަރަށް ދައުލަތަށް ފައިސާލިބޭނެއެވެ.
މިކަންކަން ބަޔާންކުރައްވައި ކުރީގެ އިސްލާމީ ވަޒީރުން ވަނީ ވާހަކަފުޅުވެސް ދައްކަވައިފައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
މިޚިޔާލަށް ކޮމެންޓެއް ހޯދަން އިސްލާމިކް މިނިސްޓަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކޮމެންޓެއް ވަނީ ނުލިބިފައެވެ.