އަމިއްލަ އުފަލަށްޓަކާ ދަރިން ނިކަމެތިކުރިނަމަ ފަހުން ކަރުނައަޅަން ނުޖެހިއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އަމިއްލަ އުފަލަށްޓަކާ ދަރިން ނިކަމެތިކުރިނަމަ ފަހުން ކަރުނައަޅަން ނުޖެހިއެއް ނެތް!

ތަންކޮޅެއް ކުރީގެ ޒަމާންތަކަށް ބަލައިފިނަމަ ކައިވެންޏަށްފަހު އަނިޔާވެރިވާ މީހަކު މުޖުތަމަޢުން ބާކީކޮށްލައެވެ. އެމީހެއްގެ ސަބަބުން 2 ވަނަ ކައިވެންޏެއް ރޫޅޭ ހިސާބުން މުޖުތަމަޢުގައި އޭނާ ބްލެކްލިސްޓްކުރެއެވެ. އެކަން އެއިރު އެގޮތަށް ކުރެވުނީ މުޖުތަމަޢުތައް ކުޑަވެފައި މުޖުތަމަޢުތަކުގައި ހިނގާ ކަންކަން އެންމެންނަށްވެސް އެނގޭތީއެވެ. 

މިއަދު މުޖުތަމަޢުތައް މިވަނީ އާބާދީ އިތުރުވެ ބޮޑުވެފައެވެ. ގޭބިސީތައް ގިނަވެ ކުދިކުދި ސަރަޙައްދުތައް އެތައް މޭލަކަށް ފެތުރިފައެވެ. އެކަކު އަނެކަކަށް އެނގެނީ މަދުމީހަކަށެވެ. އެހެންކަމުން މީސްމީހުންގެ ޙަޤީޤަތް އޮންނަނީ ނުއެނގިފައެވެ. 

ވިސްނާލަންޖެހޭ ކަމަކީ އެއިރުވެސް ކައިވެނީގެ ތެރެއިން ޙާޞިލްކުރަން ބޭނުންވި ކަންކަމަށް މިއަދުވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ ދަރިން ލިބުމުން ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެއަށްވުރެ މުހިންމު ހަމަ އެއްވެސް ކަމެއް ނެތެވެ. އެއިރުވެސް މިހާރަކުވެސް ނެތެވެ. މިއީ ހެޔޮ ގޮތުގައި ކަންކަމަށް ވިސްނާ ހަމައެކަކުވެސް ދެބަސްވާނެ ކަމެއް ނޫނެވެ. 

ދަރިން ލިބުމުން ދަރިންނަށްޓަކައި ޤުރްބާންކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރޭގައި ތިމާގެ އަމިއްލަ ބައެއް އުފާތައް ހިމެނެއެވެ. އަމިއްލަ ހިތްހަމަޖެހުމުން ބައެއްވެސް ހިމެނިގެންދެއެވެ. މިއަދު ވެގެން މިއުޅޭ ގޮތަކީ ދަރިން ނިކަމެތިކޮށްލައި މަގުމަތިކޮށްލާފައިވެސް އަމިއްލަ އުފާތަކަށް އިސްކަން ދެވެނީއެވެ. 

އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިއްޖެ ޙާލުގައި ކައިވެނި ރޫޅައިނުލާކަށް ނުބުނާނަމެވެ. ނަމަވެސް ކައިވެނި ރޫޅައިލާ ސަބަބަކީ ތިމާއަށް އުފާވެރިކަން ހޯދުން ކަމުގައި ހަދައިފިނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށެކެވެ. އެހެން ބުނަން މިޖެހެނީ އަމިއްލަ އުފަލަށްޓަކައި ދަރިން ނިކަމެތިކުރާ މީހުންގެ ތެރެއިން ހާހަކުން މީހަކަށްވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭތީއެވެ. ފަހުން ހިތާމަކޮށް ކަރުނައަޅަން ޖެހޭތީއެވެ. 

ދެން އޮތީ ކުރިން ބުނިފަދައިން ސަބަބުތައް ގިނަވެ ދެން އެހެން ގޮތެއް ނެތިގެން ކައިވެނި ރޫޅައިލަންޖެހޭ ޙާލަތުގައި ދަރިންގެ މައްސަލައެވެ. އެފަދަ ޙާލަތެއްގައި ކައިވެނި ރޫޅައިލި ނަމަވެސް ދަރިންނާއި ވަކިނުވާށެވެ. ދަރިންގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ބަލަހައްޓާށެވެ! އެއީ ގަދަ އަމުރުފުޅަކުން އަހުރެމެން އެންމެންގެ މައްޗަށް އޮތް އަމުރެކެވެ. ކިޔަމަންތެރިވެ ޢަމަލުކޮށްފި މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން