ޒުވާނާއެވެ! ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން އިސްލާމް ދީނުގައި ވަނީ ޙަރާމްކުރައްވަވައިފައެވެ. އެއީ މީސްތަކުންނަށް ފައިދާއަކަށް އޮތް ޙުކުމެއް ކަމަށް ޤަބޫލުކުރަން ހެއްޔެވެ؟
ޒުވާނާގެ ޖަވާބަކަށްވީ އެއީ ރަނގަޅަކަށް އޮތް ޙުކުމެއް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.
ޒުވާނާއެވެ! ތިބާއަކީ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަ ޒުވާނަކީމުއެވެ. ތިބާދެކެ ނުހަނު ލޯބިވާ އަންތބަކު އެބައިނެވެ. ކައިވެނީގައި 2 ދަރިންވެސް ވަނީ ލިބިފައެވެ.
ތިބާ ހިލޭ އަންހެނުންނާއިއެކު ޖިންސީ ގުޅުން ހިންގާކަން އަނބިމީހާއަށް އެނގިގެން ވަރިވީއެވެ. ކައިވެނީގައި ލިބުނު ހިތު ތަޖުރިބާއަށް ބަލައި އަނބިމީހާ ފިރިހެނުންމަތިން ފޫހިވެ ދެވަަނ ކައިވެންޏެއް ނުކުރީއެވެ.
2 ދަރިން ބޮޑުވީ ތަރުބިއްޔަތެއް ނެތިއެވެ. އެކަކީ ވއްކަންކުރާ ކުއްޖެކެވެ. ދެވަނަ ދަރިފުޅު ބަދަލުވީ މަސްތުވާތަކެތި ބޭނުންކޮށް ޑްރަގް ޑީލްކުރާ ކުއްޖަކަށެވެ. 3 މައިން މުޖުތަމަޢުން ބާކީވީއެވެ.
ދެން ނިކަން ބުނެބަލާށެވެ! ހިލޭ އަންހެނުންނާއިއެކު ތިބާ ޖިންސީ ގުޅުން ހިންގިކަން އެއީ ރަނގަޅަށް ކުރެވުނު ކަމެއްކަމުގައި ވާނެ ހެއްޔެވެ؟
ޒުވާނާގެ ޖަވާބަކަށްވީ ނުވާނެއެވެ! އެކަން ކުރެވުނުކަން ވާނީ ހެދުނު ވަރަށް ބޮޑު ގޯހަކަށެވެ.
ޒުވާނާއެވެ! އިންސާނުން މިއަދު ޝައިޠޯނާގެ ބަހަށް ހެއްލި، ހަވާ ނަފްސަށް ހެއްލި، މަގުފުރެދި، އިންސާނާ އުފެއްދެވި، އިންސާނުންނަށް އެންމެ ފައިދާހުރި ގޮތް ދެނެވޮޑިގެންވާ، ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުނުކުރަނީއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުތައް މިއަދު މިދަނީ ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ.
އަހުރެން މި ބަޔާންކުރީ ވަރަށް ޢާދައިގެ މިޘާލެކެވެ. މައްސަލައިގައި ދައްކަން ހުރި ވާހަކަތައް ވަރަށް ގިނައެވެ. އެހެނަސް ތަފްޞީލުކޮށް ހުރިހާ ވާހަކަތަކެއް ދައްކަން މިބައްދަލުވުމުގެ ވަޤުތު ތަނެއް ނުދެއެވެ. މިއީ މެދުނުކެނޑި އެތައް ގަޑިއިރެއްވަންދެން ވާހަކަ ދައްކަން ޖެހިފައިވާ މައުޟޫއެކެވެ.
ޒުވާނާއެވެ! އަދި ހުރިހާ ޒުވާނުންނޭވެ! އަޑުއަހާށެވެ! ވިސްނާށެވެ! ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވަނީ ހަމައަހުރެމެންނަށް ފައިދާއަކަށެވެ. ދުނިޔޭގެ އެންމެން ފާޙިޝް ޢަމަލުތައް ކުރިނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުގެވިޔަސް އުނިކަމެއް އަންނާތީއެއް ނޫނެވެ. އަދި ދުނިޔޭގެ އެންމެން ފާޙިޝް ޢަމަލުތައް ނުކުރިނަމަވެސް ﷲ ތަޢާލާގެ ހަޟްރަތަށް ޛައްރެއްގެ މިންވަރުގެ ވިޔަސް މަންފާއެއް ލިބިވޮޑިގަންނަވާތީއެއްވެސް ނޫނެވެ.
މީސްތަކުންނޭވެ! ނަރަކައިން މިންޖުވެވި ސުވަރުގެ ވަދެވިއްޖެ ނަމަ އެކަމުގެ ފައިދާކުރާނީ ހަމަ އެމީހަކަށެވެ. ހޭލުންތެރިވެ ދުނިޔެއާއި އާޚިރަތް ލިބިގަންނަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން