މާރުކޭޓުން ވިޔަފާރިކުރުމުގަވެސް ޘަވާބު ލިބޭގޮތަށް ބާޒާރުކުރައްވާ ޝައިޚްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މާރުކޭޓުން ވިޔަފާރިކުރުމުގަވެސް ޘަވާބު ލިބޭގޮތަށް ބާޒާރުކުރައްވާ ޝައިޚްގެ ވާހަކަ-

އިސްލާމް ދީނުގައި ކަންކަން ލައްވަވާފައިވަނީ ވަރަށް ފުރިހަމައަށެވެ. މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތަށެވެ. ކުރާ ކޮންމެ ހެޔޮ ޢަމަލަކުން ޘަވާބު ހޯދޭނެ ގޮތަށެވެ. އަދި ކުރާ ކޮންމެ ޢަމަލަކީ ހެޔޮ ކަމަކަށް ހެދޭނެވެސް ގޮތަށެވެ.

ޝައިޚަކު މޭވާ ކޮޅެއް ބައްލަވައިގަތުމަށްޓަކައި އެއް ދުވަހަކު މާރުކޭޓަށް ވަޑައިގެންނެވިއެވެ. މާރުކޭޓަށް ގޮސްތިބި އެންމެންވެސް މޭވާ ގަންނަމުން ދިއައީ އެންމެ ތާޒާކޮށް މޭވާ ލިބެންހުރި ސްޓޯލުންނެވެ. އެތަން ބައްލަވަން ހުންނަވާފައި ޝައިޚް ވަޑައިގަތީ އެންމެ މީހުން ވިޔަފާރި ނުކުރާ ސްޓޯލަށެވެ. މޭވާ ބައްވަލައިގަތީ އެތަނުންނެވެ.

ޝައިޚް އަރިހުން އެކަމާއި ސުވާލުކުރުމުން ވިދާޅުވިއެވެ. "އެ ސްޓޯލުގައި ހުރި މޭވާ ތަންކޮޅެއް ދެރަކޮށް ހުރީމާ މިގަތީ މަދުންނެވެ. ހަމައެކަނި މާދަން ބޭނުންކޮށްލާ ވަރަށެވެ. އޭނާ ވެސް ކައި ބޮއި ހަދަން ޖެހޭނެއެވެ. ވީމާ ކޮންމެވެސް މީހަކު އެމީހާގެ އަތުންވެސް އެއްޗެއް ގަންނަން ވާނެ ނޫން ހެއްޔެވެ؟"

ވީމާ ޝައިޚް ބާޒާރުކުރެއްވުމުގައި ވެސް ޢަމަލު އެކުރެއްވީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބް ލިބިވަޑައިގަންނަވާނެ ގޮތަށެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ އަޅުކަންކުރަން ކަމަށް އޮތީ ކުރާ ކޮންމެ ކަމެއް ވެސް ޘަވާބު ލިބޭނެ ގޮތަށް ކުރުމުން އަޅުކަމަކަށްވާނެތީއެވެ. ހަމައެފަދައިން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކުރުމުންވެސް ޘަވާބުދެއްވަވާނެތީއެވެ. އިން ޝާ ﷲ

ޝައިޚް އެ ޢަމަލުކުރެއްވީ ވަރަށް ޙިކުމަތްތެރި ގޮތަކަށެވެ. އަދި އެވިދާޅުވި ބަސްފުޅަކީވެސް ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. އެބަސްފުޅަށް ޢަމަލުކުރާނަމަ މާރުކޭޓްތަކުން އުކާލަންޖެހޭ ތަކެތި މަދުވެ އިސްރާފްވާބައި ވެސް ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.

އިސްރާފް ނުކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު އިސްލާފް ވިއަނުދޭން ަމސައްކަތްކުރުމުން ދެއްވަވާނެ ޘަވާބަށް ދަހިވެތިވުން ކީއްހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން