ނިކަމެތި ޙާލުގައި ތިބޭ އަންހެނުންނަށް އެހީތެރިވެދީފަ އެކަމުގެ ބަދަލު ހޯދުމަކީ ކޮންކަހަލަކަމެއްތޯ؟
ކިޔުންތެރިޔާގެ މިސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބޭނެކަމަށް އުންމީދުކުރަމެވެ.
ކައިވެނި ކުރާނެ ހެޔޮ ލަފާ ބައިވެރިއަކު ނުލިބިގެން ކައިވެނި ނުކުރެވި ތިބި އަންހެނުންގެ ޢަދަދު ވަރަށް ގިނައެވެ. މީގެތެރެއިން އެންމެ ދަތިޙާލުގައި އުޅެންޖެހިފައިވަނީ އެކަނިވެރި މައިންނަށެވެ. އެއިގެ ތެރެއިން ގިނަ އަންހެނުންނަށް ބަލަން ޖެހިފައިވަނީ އެދަރިންގެ ބައްޕަ ދުނޔޭގައި ހުރެ ބައްޕަނެތިފައިވާ ކުދިންނެވެ. މާނައަކީ ބައްޕަގެ އެހީތެރިކަން ނުލިބޭ ކުދިންނެވެ.
އެހީތެރިވެދޭނެ ބައިވެރިއަކު ނެތުމުން ކާންބޯން ނުލިބޭ އަދި އަސާސީ ބޭނުންތައް ނުފުއްދި ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހިފައި ތިބި އެތައް ބައިވަރު އަންހެނުން އެބަ އުޅެއެވެ. އެފަދަ މީހަކު އެނގޭނަމަ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި އެމީހަކަށްއެހީތެރިވާށެވެ! ހެޔޮ ލަފާ، ތަޤްވާވެރި ބައިވެރިއަކު ހޯދައިދިނުމަކީވެސް އެމީހަކަށް ދިރިއުޅުމެއް ހޯދައިދިނުން ފަދަ މަތިވެރި އަޅުކަމެކެވެ. ޚާއްޞަކޮށް އެކަނިވެރި މައިންނަށެވެ. ހުވަފަތް އަންހެނުންނަށެވެ.
އެއްވެސް މީހަކަށް އެހީތެރިވުމުގެ ގޮތުން ކޮށްދޭ އެއްވެސް ކަމެއް ގެއްލިގެން ނުދާނެއެވެ. އެކަމުގެ ސަބަބުން އެމީހަކަށް ގިނަގުނަ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ
ކަންކަމަށް ބޭނުންވެގެން ތިބޭ މީހުންގެ ބޭނުންތައް ކޮންމެ މީހަކަށް ފުއްދައި ނުދެވިދާނެއެވެ. ނަމަވެސް ދަތި ހާލެއްގައި ހުރި މީހަކަށް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކައިދިނުމަކީވެސް ނުހަނު ގިނަ ސަވާބާއި ދަރުމަ ދެއްވަވާނެ އަޅުކަމެކެވެ. މީހުންނަށް ވަޒީފާ ނުދެވިދާނެއެވެ. ނަމަވެސް ވަޒީފާއެއް ލިބުމަށް އެހީތެރިވުމުން ވެސް ވަޒީފާއެއް ހަމަ ދިން ފަދައެވެ. މިހިރީ ހަމަ ނުހަނު ގިނަގުނަ، މަތިވެރި ޘަވާބު ހޯދެންހުރި ނުހަނު ލުއި ފަސޭހަ ކަންކަމެވެ.
ބުނަން ލަދުގަތް ނަމަވެސް އަހަރެމެންގެ ތެރޭގައި މިއަދު އާދައަކަށްވެފައި މިއޮތީ ނިކަމެތި ޙާލުގައި ހުރި އަންހެނަކާއި ބައްދަލުވެއްޖެނަމަ އޭނާގެ ކިބައިން ކޮންމެވެސް ނާޖާއިޒު ފައިދާއެއް ނެގުމެވެ. ﷲ ތަޢާލާއަށްޓަކައި އެނާއަށް އެހީތެރިވުމުގެމަތިން ހަނދާން ހުންނަނީވެސް ވަރަށް މަދު މީހެކެވެ.
އެއްބަސްނުވެދާނެއެވެ. ނަމަވެސް ނިކަމެތި ޙާލުގައި ހުރި އަންހެނަކަށް އެހީތެރިވެދީފިނަމަ ކޮންމެވެސް ސިފައެއްގައި އެކަމުގެ އަގު އެއަންހެނާގެ ކިބައިން ހޯދަން މަސައްކަތްނުކުރާ މީހަކު ހަމަ ވަރަށް މަދެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން