ޤިޔާމަތްވުން ގާތްވަމުން އަންނަކަމުގެ ޢަލާމާތްތަކުގެ ތެރެއިން: "މީސްތަކުން އެކަކު އަނެކަކަށް ނުބައި އެއްޗެތިކިޔުން ގިނަވުން"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޤިޔާމަތްވުން ގާތްވަމުން އަންނަކަމުގެ ޢަލާމާތްތަކުގެ ތެރެއިން: "މީސްތަކުން އެކަކު އަނެކަކަށް ނުބައި އެއްޗެތިކިޔުން ގިނަވުން"

ދުނިޔެ ނިމެންދަނީއެވެ. ޤިޔާމަތްވުން ގާތްވަނީއެވެ. މިއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ފަހުޒަމާނުގެ ޢަލާމާތްތައް މިދަނީ ފައުޅުވަމުންނެވެ.

މިހާރުގެ ޙާލަތަށް ބަލައިފިނަމަ މީސްތަކުން ދައްކައި އުޅޭ އެންމެ ގިނަ ވާހައަކީ އެހެން މީހުންގެ ނުބައިކަމުގެ ވާހަކައެވެ. މީސްތަކުންނަށް ނުބައި ބަސްތައް ބުނުމެވެ. މީހެއްގެ ރަނގަޅުކަމުގެ ވާހަކަ ދައްކާނީ މަދު މީހެކެވެ.

ކިތަންމެ ރަނގަޅު މީހަކަށް ނަމަވެސް ނުބައިކޮށް އެންމެ ކަމެއް ކުރެވުނު ނަމަވެސް އަދި ނުބައި އެންމެ ބަހެއް ބުނެވުނު ނަމަވެސް އެކަން ފާހަގަކޮށް މީސްތަކުން އޭނާއަށް ނުބައިބަސްތައް ބުނެއެވެ. އޭނާ ކުރި ރަނގަޅު ކަންކަމާއި ބުނި ހެޔޮބަސްތަކުގެ މަތިން ހަނދާނެއް ނުކުރެއެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ މިކަމުން އަންގައިދެނީ ފަހުޒަމާން ގާތްވެއްޖެ ކަމެވެ. ސަބަބަކީ މިކަމަކީ ފަހު ޒަމާނުގެ ތެރެއިން ޢަލާމާތެއްކަން ޙަދީޘްފުޅުން އެނގެން އޮތުމެވެ.

މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ. ސަބަބަކީ އެންމެ ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭ އެއް ސަބަބަކީ އެމީހާގެ ދުލެވެ. ދުލުން ބުނެވޭ ނުބައި ބަސްތަކެވެ. މީސްތަކުންނާއިމެދު ދެއްކޭ ވާހަކަތަކެވެ. އެވާހަކަތަކަށް ޤިޔާމަތް ދުވަހުން ބަދަލުދޭންޖެހޭ ކަމެވެ.

މީހެއްގެ ސަބަބުން މުޅި މުޖުތަމައުއަށް ގެއްލުން ލިބޭ ކަންކަމުގައާއި ﷲ ތަޢާލާގެ ދީނަށް އުނިކަން އަންނަ ފަދަ ކަންކަމުގައި މެނުވީ މީހުންގެ ވާހަކަ ނުދައްކާށެވެ. އެފަދަ ކަންކަމާއި ގުޅިގެން ވާހަކަ ދައްކާއިރުވެސް ޙަޤީޤަތާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކާށެވެ!

ތިމާގެ އަބުރަށް އަރައިގަނެ ގެއްލުން ދިން ނަމަވެސް ޙައްޤު ނޫން ބަހެއް ނުބުނާށެވެ. ކެތްތެރިވެ ޤިޔާމަތް ދުވަހު ތިމާއަށް ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން