ރަޙްމަތުގެ މަގުފެނުމުން ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންތަ؟ މީހުން ދައްކާ ބިރަށް ޙިޖާބް ނެގުމުން ﷲ ތަޢާލާ ލައްވަވާ ކޯފާ މާވަރުގަދަވާނެ!: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރަޙްމަތުގެ މަގުފެނުމުން ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންތަ؟ މީހުން ދައްކާ ބިރަށް ޙިޖާބް ނެގުމުން ﷲ ތަޢާލާ ލައްވަވާ ކޯފާ މާވަރުގަދަވާނެ!: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު

މުސްލިމުންގެ މުޖުތަމަޢުތަކުގައިވެސް ޙިޖާބް އަޅައިގެން އުޅޭ އަންހެނުންނަށް ހުރަސްތައް އެބަހުއްޓެވެ. އަދި މުސްލިމް ނޫން މުޖުތަމަޢުތަކުގައި ހުރި ހުރަސްތައް ބޮޑެތިވެފައި ގިނައެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އޮތީ އުފާކުރުމެވެ. އެކަންކަމަށް ކުރިމަތިލައި ކާމިޔާބުކުރަން މަސައްކަތްކުރުން ވާނީ ﷲ ތަޢާލާގެ ދީނުގައި ޘާބިތުވެ ހުރުމަށް ކުރެވޭ ޖިހާދަކަށެވެ. ވީމާ ފުރުޞަތު ލިބިއްޖެނަމަ އޮތީ ޖިހާދުކުރުމެވެ. 

ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ﷲ ތަޢާލާގެ ދީނުގައި ޘާބިތުވެ ހުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ މަތިވެރި ޖިހާދެކެވެ. އެހެނަސް އެކަންކަން ނުވިސްނޭ ބައަކުވެސް ތިބޭތީ މިކިޔައިދެނީ ދާދިފަހުން ހިނގާފައިވާ ވަރަށް ހިތާމަވެރި ކަމެއްގެ ވާހަކައެވެ. 

އޭނާއަކީ ޙިޖާބް އަޅައިގެން އުޅޭ އަންހެނެކެވެ. އޭނާގެ ކާރަށް ކެމިކަލެއް ޖަހައި ގެއްލުން ދިނުމުން އެކަމަށް ބިރަށް އަމާންދީ ޙިޖާބް ވަނީ ނަގައިފައެވެ. ސުބްހާނަﷲ! 

ކާރު ދެއްވެވި ފަރާތަށް ޝުކުރުވެރިވުން ކޮބައިހެއްޔެވެ؟ ބިރުވެތިވުން ކޮބައިހެއްޔެވެ؟ އޭނާއަށް ދެއްވެވި ހުރިހާ ތަނަވަސްކަމެއް އަނބުރައި ގެންދެވުން ﷲ ތަޢާލާއަށް އެއްވެސް ކަމަކަށްވާނީ ހެއްޔެވެ؟ 

ލޮބުވެތިކަނބަލުންނޭވެ! އިސްލާމް ދީނަށް ޢަމަލުކުރަން މަސައްކަތްކުރާނަމަ ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ތަކްލީފްތައް އުފުލަންޖެހޭނެއެވެ. ގެއްލުންތައްވެސް ލިބޭނެއެވެ. އަމިއްލަ ޢާއިލާގެ ތެރެއިންވެސް އަދި ފިރިމީހާގެ ކިބައިންވެސް ބައެއް ފަހަރު މިފަދަ ކަންކަން ބައެއްފަހަރު ކުރިމަތިވެދާނެއެވެ. 

އެފަދަ ކަންކަން ކިތަންމެ ވަރަކަށް ކުރިމަތިވި ނަމަވެސް އަޅައިވެސްނުލާށެވެ! ޖެހިލުން ނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަން ކުރިމަތިއެވަނީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވުމުންނެވެ. ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައި އެކަންކަން ކުރިމަތިކުރައްވަވަނީއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑަށް ނިވާވާށެވެ! ކެތްތެރިކަމާއިއެކު ނަމާދުކުރުމުގައި ސާބިތުވާށެވެ! ނިކަމެތިކުރެވޭނެ މީހަކު ނުހުންނާނެއެވެ!

 

- މައުލޫމާތު: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން