އަނބިން ތިމާއާއި ދުރުހެލިވާކަމަށް ޤަބޫލުކުރެވި ފިރިން މާޔޫސްވެއެވެ. ކަންބޮޑުވެއެވެ. އެކަން އެގޮތަށް ކުރިމަތިވާކަމަށް ޝައްކުކުރެވޭނަމަ ބަލައިލަންޖެހޭނެ ބައެއް ކަންކަން އެބަހުއްޓެވެ. އެކަންކަމުގައި ތިމާގެ އަމިއްލަ އިހްމާލެއް ވޭތޯ ނުވަތަ ނޫންތޯ ވިސްނައިލާށެވެ.
ގިނަ ފަހަރު އަނބިންނަށް ފިރިމީހާ އާއި ދުރުހެލިވާން ފެށެނީ ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން އޭނާ ބާކީވާން އުޅޭކަމަށް ޤަބޫލުކުރެވެން ފެށުމުންނެވެ.
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. އޮފީހުގައި ނުވަތަ މަސައްކަތުގައި އުޅެންޖެހޭ ވަޤުތުތައް ފިޔަވައި އެހެން ވަޤުތުތަކުގައި އަނބިމީހާ އާއިއެކ ކާން ގެއަށް ނުދާނަމަ ޝައްކު އުފެދޭނެއެވެ. ގެއަށް އައިސް އަނބިމީހާއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފޯނަށް ސަމާލުކަންދޭނަމަވެސް ޝައްކު އުފެދޭނެއެވެ. އެކުގައި ބޭރަށް ދިއުން މަދުކުރާނަމަވެސް ޝައްކު އުފެދޭނެއެވެ.
ހެޔޮލަފާ ރަނގަޅު އަންހެނުން ކައިވެނިކުރުމަށްފަހު އެމީހުންގެ ހުރިހާ އެއްޗެއް ކަމަށް ބަލާނީވެސް ފިރިމީހާއެވެ. އެމީހުން ތިބެ އަބަދުހެން އިންތިޒާރުކުރާނީ ފިރިމީހާއަށެވެ. ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ލިބެން އިންތިހާއަށް ބޭނުންވާނެއެވެ.
ޔޫރަޕްގެ ޤައުމުތަކުގައި އެކަން ތަފާތުވާނެއެވެ. ދެމަފިރިންކުރެ އެކަކަށްވެސް އަނެކަކު އެހައި މުހިންމެއް ނުވާނެއެވެ. ރޭގަނޑުވުމުން ދެމީހުންދާނީ ދެ ކްލަބަކަށެވެ. އެނބުރި އަންނާނީ ހިތްފުރައިގެންނެވެ. ވީމާ ބައިވެރިޔާގެ ކިބައިން އެދެންޖެހޭނެ ކަމެއް ނުއޮންނާނެއެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުންނަކަށް އެގޮތެއް ކަމަކުނުދާނެއެވެ. މައްސަލަ ޖެހެން މެދުވެރިޔާ ސަބަބަކީ މުސްލިމުންގެ ގޮތުގައި ތިބެ ޔޫރަޕްގެ ދިރިއުޅުން އުޅެވޭތީއެވެ. އަހުރެމެންނަކީ މުސްލިމުން ކަމުގައިވާއިރު ދިރިއުޅުމުގެ ހުރިހާ ކަންކަންވެސް އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނަމަ މައްސަލަތައް މަދުވާނެއެވެ. ދެމީހުންނަށް އުފަލުގައި ތިބެގެން އެކުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ
- އަލަފް