ﷲ ތަޢާލާ ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ހުސްނުވާނެ ފައިސާތަކެއް ދެއްވަވައިފައެވެ!: ޝައިޚް ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ﷲ ތަޢާލާ ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ހުސްނުވާނެ ފައިސާތަކެއް ދެއްވަވައިފައެވެ!: ޝައިޚް ވައްހާޖް ޠަރިން

ﷲ ތަޢާލާ އަހުރެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ފައިސާތަކެއް ދެއްވަވައިފައެވެ. ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ހުސްވުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ ބޭނުންކުރިވަރަކަށް ވާނީވެސް އިތުރެވެ. 

ﷲ ތަޢާލާ އަހުރެންނަށް ވަނީ އެފައިސާ އަހުރެން ބޭނުންގޮތަކަށް ޚަރަދުކުރުމުގެ އިޚްތިޔާރުވެސް ދެއްވަވައިފައެވެ. ހަމައެކަނި ޝަރުޠަކީ ޢުމުރުހަމަވެ ﷲ ތަޢާލާގެ ޙަޟްރަތަށް އަނބުރައި އަހުރެން ގެންދެވުމުން އެއިގެ ބޭނުންހިފިގޮތް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. 

ދަންނަވަން މިޖެހެނީ މިއެއިން ގަތީ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ނުވަތަ ގަދަފަދަ ޢަޛާބު ދެއްވަވާނެ ނަރަކަ ކަމެވެ. އެކަމަށް އަމިއްލައަށް އިޢްތިރާފްވާން ޖެހޭނެއެވެ. ނަރަކައަށް ވައްދަވާ މީހުން ނަރަކައަށް ވަންނަނީ އެމީހުންގެ ކުށަށް އިޢްތިރާފްވެ ނަރަކަ އެމީހުންނަށް ޙައްޤުވާކަން ޤަބޫލުކޮށްތިބެގެން ކަމަށްވާކަމީ މިބުނި ބަހުގެ ދަލީލެވެ.  

މިހިސާބުން އުފެދޭނެ ސުވާލަށްވެސް ޖަވާބުދޭނަމެވެ. އެ ސުވާލަކީ އެފައިސާއަކީ ކޮބައިތޯ ކުރާނެ ސުވާލެވެ. އެސުވާލުގެ ޖަވާބަކީ އެ ފައިސާއަކީ އަހުރެންނަށް ދެއްވެވި ބުއްދިއެވެ. އަދި ސުވަރުގެ ނަރަކަ އާއި ދެތަނުން ބޭނުންތަނެއް އިޚްތިޔާރުކުރަން ދެއްވެވި އިޚްތިޔާރެވެ. ބުއްދީގެ ބޭނުންކޮށް އިޚްތިޔާރުގެ ބޭނުންކުރި ގޮތެވެ. 

ވަރަށް ކުރުކުރު ގޮތަކަށް މިބުނެދިން ވާހަކަކޮޅަށް ވިސްނާށެވެ! ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. ސުވަރުގެ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން