ގިނަގިނައިން ﷲ ތަޢާލާއަށް ދުޢާކުރުމުން ލިބޭ ފައިދާ މިހާ ބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގިނަގިނައިން ﷲ ތަޢާލާއަށް ދުޢާކުރުމުން ލިބޭ ފައިދާ މިހާ ބޮޑުކަން އެނގޭތަ؟

ފުރަތަމަ ދުނިޔަވީ މިޘާލެއް ދައްކާނަމެވެ. ކޮންމެ މީހަކުވެސް ދަންނަ ވަރަށް ގިނަ ބައަކު ތިބޭނެއެވެ. ދަންނަ އެންމެންނާއި ގުޅުން އޮންނަނީ އެއްވަރަކަށް ނޫނެވެ. ގުޅުން އިތުރަށް ބަދަހިކޮށްދޭ ވަސީލަތަކީ ދެމީހުންގެ މެދުގައި މުޢާމަލާތުކުރުމެވެ. ކުރެވޭ މުޢާމަލާތުތަކެވެ. މުޢާމަލާތުކުރުން ގިނަކުރެވޭ ވަރަކަށް ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ. 

ދެން ބަލައިލަންވީ އެންމެ އުފާވެރިކަންމަތީގައި ދިރިއުޅެވޭ ދެމަފިރިންނަށެވެ. އެންމެ އުފާވެރިކަންމަތީގައި ދިރިއުޅެވެނީވެސް އެންމެ ގިނައިން މުޢާމަލާތުކުރާ ދެމަފިރިންނަށެވެ. އެފަދަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. މައްސަލައެއް ޖެހުނަސް ޙައްލުކުރަންވެސް ފަސޭހަވާނެއެވެ. އަދި އަނެކާގެ ބޭނުންތައް ދެނެގަންނަންވެސް ފަސޭހަވެގެންދާނެއެވެ. 

ދެން ބަލައިލަންވީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި މުޢާމަލާތުކުރުމަށެވެ. އެކަން އަހުރެމެން މިކުރަނީ އަހުރެމެންގެ ދުޢާގައެވެ. ކޮންމެ ކަމަކަށް ބޭނުންވިއަސް ދުޢާކުރަން ދީނުގައި އޮތީ އެހެންވެގެންނެވެ. އަދި ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ކީރިތި ޤުރްއާން ކިޔަވައި ޢަމަލުކުރުމަކީވެސް މުޢާމަލާތުކުރުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ހަޟްރަތާއި ތިމާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާނަމަ، ދުޢާކުރުން ގިނަކުރާށެވެ. އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުމާއި ރުހިވޮޑިގަތުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ 

ދުޢާކުރަންޖެހޭ ޚާއްޞަ ކަމެއް ނެތްނަމަ ފާފަފުއްސަވައި ދެއްވެވުން އެދިނަމަވެސް ދުޢާކުރުން ގިނަކުރާށެވެ! ގިނަގިނައިން އަސްތަޣްފިރުﷲ ކިޔަމުން ގެންދާށެވެ! އެކަމުގެ ފައިދާ އެމީހަކަށް އޮއްސަވާނެތެވެ. ދެދުނިޔޭގައިވެސްމެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން