ކޮންމެ ކަމަކަށްވެސް ޚިޔާލުތަފާތުވާ ބައަކު އުޅޭނެއެވެ. އެހެންކަމާއިއެކުވެސް ޤަބޫލުކުރަން މިއަދު ޖެހޭނެ އެއްކަމަކީ އިސްލާމް ދީނަށް ދަޢުވަތު ދިނުމުގައިވެސް އަންހެނުން ހޯދަމުން އަންނަ ކާމިޔާބީއެވެ. ޘާބިތުކަމާއިއެކު ކުރިމަތިލައި ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތަކެވެ. އަންހެނުންނަކީ އެކަނބަލުން ކުރަން ކުރިމަތިލި ކަމެއްގައި ފަސްޖެހޭނެ ބައެއް ނޫނެވެ. އެކަން އެންމެ ކުރީގެ ޒަމާންތަކުގައިވެސް އޮތީ ހަމައެގޮތަށެވެ.
މިޙަދީސާއަށް ވިސްނައިލިނަމަވެސް ގައިން ހީބިހި ނުނަގާނީ ކާކުގެ ގައިންހެއްޔެވެ؟
އެއީ ޙަރަމްފުޅު ކައިރީގައި ރަސޫލް ﷺ ސަޖިދައަށް އޮންނަވަނިކޮށް އަބޫޖަހުލުގެ ބަހަށް ލޭތަކާއިއެކު ޖަމަލެއްގެ ގޮހޮރާއި ބައިތައް ރަސޫލް ﷺ ގެ ކަނދުރާފުޅު މައްޗަށް އަޅައިލި ދުވަހެވެ. އެއިރު މުސްލިމުންގެ އަދަދު މަދުވެފައި ނިކަމެތިކަމުން އެނަޖިސްތައް ކަނދުރާފުޅުމަތިން ނަގަން ކައިރިވާން ކެރުނު ޞަޙާބީއަކު ނެތެވެ.
އެކަމާއިވީ އުފަލުން އަބޫޖަހުލާއި ޤުރައިޝުންގެ ބޮޑުން ހެމުންގޮސް ފުރަގަހަށް ނުވެއްޓިތިބީ ކިރިޔާއެވެ!
ބައަކު ގޮސް އެކަމުގެ ވާހަކަ ރަސޫލް ﷺ ގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ދެންނެވިއެވެ. އެއިރު އެކަމަނާއަކީ ތުއްޕުޅު ބޭކަނބަލެކެވެ. ނަމަވެސް ސާބިތުކަމާއިއެކު ވަޑައިގެން ބައްޕާފުޅު، ރަސޫލް ﷺ ގެ ކަނދުރާފުޅަށް އަޅާފައިވާ ނަޖިސްތައް ނެންގެވިއެވެ. އަދި ޤުރައިޝުންނާއި ކުރިމަތިލައްވައި ބަސްފުޅު ވިދާޅުވިއެވެ.
މިހިރީ މުޝްރިކުންގެ ކުރިމަތީގައި އެކަމަނާ ދެއްކެވި ސާބިތުކަމެވެ. އުންމަތުގެ ހުރިހާ ކަނބަލުންނަށް ދެއްކެވި ކޮންފަދަ ފުރިހަމަ ނަމޫނާ މިސާލެއް ހެއްޔެވެ؟
ލޮބުވެތި ކަނބަލުންނޭވެ! މިހާދިސާއިން ހިތްވަރުލިބިގަންނާށެވެ! އަންހެނަކަށްވުމަކީ އިސްލާމް ދީނަށް ނަޞްރުދޭން މަސައްކަތްކުރަން އެއްވެސް ވަރަކަށް ފަސްޖެހެންވީ ސަބަބެއް ނޫނެވެ. އަދި ކުޑަ ކުއްޖަކަށްވުމަކީ ވެސް ބިރުގަނެ ފަސްޖެހެންވީ ސަބަބެއް ނޫނެވެ! އިސްލާމް ދީނަށް ނަޞްރުދީ މަތިވެރިކުރަން ކުރާ މަސައްކަތުގައި ތިއަ ކަނބަލުންނަކީ އަންހެނަކަށްވީތީ ފަހަތަށް ޖެހެންވީ ސަބަބެއްވެސް ނޫނެވެ. ސާބިޮތުކަމާއިއެކު ކުރިއަށްދާށެވެ! ﷲ ތަޢާލާ މިންވަރުކުރައްވަވާނެ ބޮޑު ރަޙްމަތަށް އުންމީދުކުރާށެވެ!
- މައުލޫމާތު: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން