ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދެރަވެ، ހިތްދަތިވާނީ އެންމެ ގާތް މީހުން ނަފްރަތުގެ ބަސްބުނީމަ! ޙައްލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދެރަވެ، ހިތްދަތިވާނީ އެންމެ ގާތް މީހުން ނަފްރަތުގެ ބަސްބުނީމަ! ޙައްލަކީ ކޮބާ؟

ކޮންމެ މީހަކަށްވެސް އެންމެ ބޮޑު އުފަލެއް ލިބޭނީ ޢާއިލާގެ މީހުންނާއި އެންމެ ގާތް މީހުން ހެޔޮއެދިގެން ބަސްބުނުމުންނެވެ. ހެޔޮ އެދިގެން ކަންކަން ކޮށްދިނުމުންނެވެ. އެހީތެރިވުމުންނެވެ. ނަމަވެސް އެކަންކަން ލިބުމަކީ މިއަދު ވަރަށް މަދުން ނޫނީ ޙާޞިލުކުރެވޭ ކަންކަމެއް ނޫނެވެ.

އެންމެ ދެރަވާނީވެސް ޢާއިލާގެ މީހުންނާއި އެންމެ ގާތް މީހުން ނަފްރަތުގެ ބަސްބުނެ ދެރަދިނުމުންނެވެ. ގިނައިން މިއަދު މެދުވެރިވަނީ އެގޮތެވެ، ނަފްރަތުކުރަނީވެސް ހެޔޮނޭދެނީވެސް ދެރަ ދެނީވެސް އެންމެ ގާތް މީޙުންނެވެ.

އެއީ އިންސާނުންގެ ހިތްތައް ހަސަދައިން ފޯވަމުންދާތީއެވެ. ކިތަންމެ ގާތް މީހަކަށް ނަމަވެސް ރަނގަޅު ގޮތެއް މިންވަރު ކުރެއްވެވުމަށް ނުއެދެވޭތީއެވެ. އެއީ ކިހައިވަރެއްގެ ބޮޑުފާފައެއްކަން އެނގޭއިރުވެސް ބިރުވެތިނުވެވޭތީއެވެ.

ޙައްލަކީ ޢާއިލާގެ މީހުންނާ އެންމެ ގާތް މީހުންގެ ކިބައިންވެސް ގިނައިން ލިބޭނީ ނަފްރަތުކަން ޤަބޫލުރުމެވެ. ދޭނީ ދެރަކަންވެސް ޤަބޫލުކޮށްގެން ހުރުމެވެ. ތިމާގެ އަމިއްލަ ނަފުސް ފިޔަވައި ތިމާއަށް އެދޭނެ މީހަކު ނެތްކަމަށް ޤަބޫލުކުރުމެވެ.

އެއްވެސް ޙާލެއްގައި މިބަހުގެ މާނައަކީ އެންމެންނާއި ގުޅުންކަނޑާލައި އެކަނިވެގެން ދުނިޔޭގައި އުޅުމެއް ނޫނެވެ. ކޮންމެ މީހެއްގެ ފަރާތުންވެސް، ކިތަންމެ ގާތްމީހެއްގެ ފަރާތުންވެސް ކޮންމެފަދަ ކަމެއްވެސް ކުރިމަތިވެދާނެކަމަށް ވިސްނައިގެން ހުންނަން ބުނުމެވެ.

ޙައްލަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި އެހީތެރިވެވޮޑިގަތުން ހޯދަން ކުރާ މަސައްކަތް އިތުރުކުރުމެވެ. އެމީހަކު ޙައްޤު ގޮތުގައި ހުއްޓައި އެއްވެސް ދެރަގޮތެއް އިރާދަ ނުކުރައްވަވާނެކަން ޔަޤީންކުރުމެވެ. ވީމާ ޙަޔާތުގެ ހުރިހާ މަރުޙަލާތަކެއްގައި އެންމެ ބޮޑު ސަމާލުކަމެއް ﷲ ތަޢާލާގެ ލޮބިވެވޮޑިގަތުން ލިބުމަށް ދީގެން ދިރިއުޅެމުން ގެންދާށެވެ. އެއިރުން އެއްވެސް ކަމަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން