މިކިޔައިދެނީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ކަމެކެވެ. އަޅުގަނޑުގެ އަނބިމީހާގެ ޓޮންސިލް ދުޅަވެ އޮޕަރޭޝަނެއް ކުރީމެވެ. އެކަމުން ރަނގަޅުވެ ދުވަސްކޮޅެއްފަހުން ކަރުން ދޮސް އަންނަން ފެށިއެވެ.
ޑޮކްޓަރަށް ދެއްކުމުން ފުރަތަމަވެސް ބުނީ ކާތަށި ވަކިކުރުމަށެވެ. އެހިސާބުން ޓެސްޓްތައް ހަދަން ފެށިއެވެ. ކަރުތެރެއިން ސާމްޕަލް ނަގައި ޓެސްޓްކުރަން ބޭރަށްވެސް ފޮނުވިއެވެ. ތުހުމަތުކުރަނީ ބޮޑު ބައްޔަކަށްކަން އެނގެއެވެ. ނަމަވެސް ކަނޑައެޅިގެން ވަކި ބައްޔެއް ނުބުނެއެވެ.
އަޅުގަނޑުމެން ދެމަފަރިންނަކީވެސް ވީހައި ގިނައިން އަޅުކަންކުރާ ދެމަފިރިންނެވެ. ދެމަފިރިންވެސް ދަމުނަމާދުވެސް ކުރަމެވެ. އަޅުގަނޑުމެން އައީ ދުޢާކުރަމުންނެވެ.
އެއްދުވަހަކު ހޮސްޕިޓަލުން ބައްދަލުވި ވަރަށް އެކުވެރި ޑޮކްޓަރަކު ސުވާލުކުރުމުން ޖެހިގެންއުޅޭ ކަންކަން ކިޔައިދިނުމުން ގެއަށް ގޮސްލާނެ ކަމަށް ބުންޏެވެ. ސަމާސާ މިޒާޖެއްގައި ބުނީ ސާމްޕަލް ނަގާނީ އަހަރެން ކަމަށެވެ.
ޑޮކްޓަރު ހަމަ އެރޭ ގެއަށް އައެވެ. ވަރަށް ރަނގަޅަށް ކަރުތެރެ ބަލާފައި ސުވާލުކުރީ ކުޑަ ހަނޑަހެއް ލިބިދާނެތޯއެވެ. ދިނީމާ ކަރުތެރެއަށް ބާނައިގެން އުޅެފައި ދަމައިގަތްއިރު ކޮޅުގައި ނަރުކޮޅެއް އޮތެވެ. އެނަރުކޮޅަކީ ކަރުތެރެ ފަހަން ބޭނުންކުރިތަނުން ނަރުކޮޅެކެވެ. (އެއިރު އަމިއްލައަށް ވިރޭ ނަރު ރާއްޖޭގައި ބޭނުމެއް ނުކުރެއެވެ.)
ކޮންމެއަކަސް އެކުޑަކުޑަ ނަރުކޮޅު ދަމާނެރުނުފަހުން ބައްޔަށް ލުއިވަމުން އައިސް ބަލި ފަސޭހަވެއްޖެއެވެ. ބަލިން ސަލާމަތް ވެވިއްޖެއެވެ.
ޑޮކްޓަރުންވެސް އަދި އެހެން މީހަކުވެސް ކުށްވެރިކުރާކަށް ނެތީމެވެ. ބުނެލަން ބޭނުންވަނީ ކިތަންމެ ފެންވަރު ރަނގަޅު ޑޮކްޓަރުން ލައްވައި ބޭސްކުރިނަމަވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާށެވެ! ޝިފާ ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަންޏެވެ.
އަޅުގަނޑަކީވެސް މިއަދުނޫހުގައި ލިޔަމުން ގެންދާ މިބާވަތުގެ ލިޔުންތައް ކިޔާ މީހަކަށްވާތީ އަޅުގަނޑަށްވެސް ތަޖުރިބާކުރެވިފައިވާ ކަމެއްގެ ވާހަކަ ދަންނަވައިލީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް