ކޮންމެ ޢަމަލެއް ކުރަން ފަށަމުންވެސް މިފަދައިން ދުޢާކޮށް ތިމާކުރަން މަސައްކަތްކުރާ އެ އަމަލު ޤަބޫލުފުޅު ކުރެއްވެވުމަށް އެދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޮންމެ ޢަމަލެއް ކުރަން ފަށަމުންވެސް މިފަދައިން ދުޢާކޮށް ތިމާކުރަން މަސައްކަތްކުރާ އެ އަމަލު ޤަބޫލުފުޅު ކުރެއްވެވުމަށް އެދޭށެވެ!

އަހަރެމެން ކުރާ ޢަމަލު ހެޔޮ ޢަމަލަކަށްވެ އެކަމުން ފައިދާކުރާނީ އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ހެޔޮ އަމަލެއް ކުރަން ފަށަމުންވެސް، ކުރަމުން ގެންދާއިރުވެސް އަދި ކޮށް ނިމިގެންވެސް އެމީހެއްގެ ކިބައިން ﷲ ތަޢާލާ އެ އަމަލު ޤަބޫލުފުޅުކުރައްވަވާތޯ ދުޢާކުރާށެވެ! އެއީ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އެކަމުގައި މީސްތަކުން ދަނީ އިހްމާލްވަމުންނެވެ.

އެންމެ ކުޑަމިނުން ޞަދަޤާތެއް ދިނުން ފަދަ ހެޔޮ އަމަލެއް ކުރިނަމަވެސް މި ބުނި އުޞޫލުން ދުޢާކުރާށެވެ! އެންމެ ކުޑަމިނުން މީހަކަށް އެހީތެރިވުމުގެ ގޮތުން ކިތަންމެ ކުޑަކަމެއް ކުރި ނަމަވެސް އެ ޢަމަލު ޤަބޫލުފުޅު ކުރައވަވައިދެއްވަވާތޯ ދުޢާކުރަންވާނެއެވެ.  

މިސްކިތެއް އެޅުން ފަދަ ބޮޑު މަޝްރޫޢެއް ހިންގި ނަމަވެސް ހަމަ އެފަދައިން ދުޢާކުރަމުން ގެންދާށެވެ! ބައެއް މިލިއަނަރުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން މިސްކިތް އެޅުން ފަދަ މަޝްރޫޢުތައް އެބަ ހިންގައެވެ. ނަމަވެސް ދުޢާ ކުރާކަށް ހަނދާނެއް ނުހުރެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަޝްރޫޢަށް ބޭނުންވާ ފައިސާ ޚަރަދުކުރުމުން ނިމުނީ ކަމަށެވެ. ނަމަވެސް ފައިސާ ޚަރަދުކުރުމާއިއެކު ދުޢާކުރުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި އެމީހެއްގެ އަތުން މަސައްކަތްކުރި ނަމަވެސް މެއެވެ.  

ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގައި ވަނީ ﷲ ތައާލާގެ އަމުރުފުޅަށް އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ގެފުޅު ބިނާކުރައްވަމުން ގެންދެވިއިރު ކުރެއްވެވި ދުޢާއެވެ. ކީރިތި ޤްރުއާނުގައި މިފަދަ ދުޢާތައް ބަޔާންކުރައްވަވާފައި އެވަނީ އެފަދަ ދުޢާތައް ކުރުމުގެ މުހިންމުކަން ބަޔާން ކުރެއްވެވުމުގެގޮތުންނެވެ.  

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ العَلِيمُ 

"އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވެވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލް ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން