އަންހެނަކު ކައިވެނިކޮށްވެސް އަދި ކައިވެނި ރޫޅުމުންވެސް ދުވަސްތަކެއް އެކަނި ހޭދަކުރުމަކީ އޭނާގެ ބަލިކަށިކަން ކަމުގައި ނުދެކޭށެވެ. އަދި އޭނާއަކީ ފިރިއަކަށް ބޭނުން ނުވާ އަންހެނެއްކަމަށްވެސް ދެކެގެންނުވާނެއެވެ.
ފުރަތަމަ ކަމަކަށް މިޒަމާނުގެ ސްމާޓް، ހޭލުންތެރި އަންހެނުން ބައްދަލުވާހައި މީހަކާއިއެކު ލޯބީގެ ގުޅުން ހިންގާކަށް ބޭނުމެއް ނުވާނެއެވެ. ކައިވެނިނުކޮށް ލޯބިވެގެން އުޅޭކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ އޭނާގެ އިޙްޞާޞްތައް ދެނެގަނެ ބޭނުންތައް ފުއްދައިދޭނެ މީހަކާއި ކައިވެނިކުރާށެވެ. ދީންވެރި އަންހެނުން އެކަމަށް ބޮޑަށް ސަމާލުކަންދޭނެއެވެ.
ހަމައެފަދައިން ކައިވެނި ރޫޅުމުން އެކަނިވެރިވާ އަންހެނުންވެސް އެކަންކަމަށް ސަމާލުކަންދޭނެއެވެ. ބޭނުންވާނީ އޭނާ ބަލަންޖެހޭ ދަރިއަކު ނުވަތަ ދަރިން ތިބިނަމަ ދަރިންނާއި އޭނާ ގޮވައިގެން ދިރިއުޅެވޭނެ މީހަކާއި ކައިވެނިކުރާށެވެ. އަދި ދެވަނަ ބައިވެރިއަކު އިޚްތިޔާރުކުރާއިރު ކުރިން ކުރަންޖެހުނު ފަދަ ހިތި ތަޖުރިބާތައް ކުރަން ނުޖެހޭނެ ގޮތްތަކަށްވެސް ވިސްނާނެއެވެ.
ވީމާ އަވަސް އަރުވާލައިގެން ކައިވެނިނުކޮށް ކެތްތެރިވެގެން ތިބޭ އަންހެނުންނަކީ ބަލިކަށި. ނިކަމެތި، ނުވަތަ އުނި ބައެއްކަމަށް ދެކެގެން ނުވާނެއެވެ.
މިވާހަކަކޮޅު ބުނެލަން މިޖެހުނީ އަންހެނަކު ލޯބިވެރިއަކު ނުހޯދައި ނުވަތަ ކައިވެނިނުކޮށް ލަސްކޮށްލާނަމަ އެކަނބަލުންނަށް ނިކަމެތި ބަސްތައް ބުނެވޭތީއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ.
ކުރިން މިބަޔާންކުރި ފަދައިން އަންހެނަކު އެކަނި ހުންނަނަމަ ފުރަތަމަ ކަމަކަށް އޭނާ އެގޮތް އިޚްތިޔާރުކުރާ ސަބަބު އޮޅުންފިލުވާށެވެ. ހެޔޮލަފާ ބައިވެރިއެއްގެ އިންތިޒާރުގައި ހުރިނަމަ އެފަދަ ބައިވެރިއަކު ހޯދައިދޭން އެހީތެރިވެދޭށެވެ. އެހެނަސް ނަމަނަމަ އެކަމުގައި އޭނާއަށް އިތުރު އަނިޔާއެއް ލިބިދާނެ ގޮތަކަށް ކަންކަން ނުކުރާށެވެ. ޤަޞްދުގައި އެފަދަ ކަމެއް ކޮށްފިނަމަ އެކަންވާނީ ނިކަމެތި ޙާލުގައިވާ އަންހެނަކަށް ދެވުނު އަނިޔާއަކަށެވެ. އެއީ ފާފަވެރިވާނޭ ކަމެކެވެ.
- އަލަފް