ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައްޕައަކު އެދަރިންގެ މަންމަގެ ހިތުގައި ޖައްސުވައި ރޮއްވުމަކީ ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައްޕައަކު އެދަރިންގެ މަންމަގެ ހިތުގައި ޖައްސުވައި ރޮއްވުމަކީ ކުރާނެ ކަމެއް ނޫން!

ބައެއް އަންހެނުން ޤަބޫލުކުރާ ގޮތުގައި އެމީހުން ދެކެ ލޯބިވާނަމަ ކުރަން އޮތްކަމަކީ ގިނަގިނައިން ހަދިޔާދިނުމެވެ. ތަނަވަސްކަން ހުރިނަމަ އަގުބޮޑު ހަދިޔާތައް ނުވަތަ ތަނަވަސްކަން ހުރިވަރަކުން އަނބިންނަށް ހަދިޔާދޭންވީއެވެ. އެކަމަށް ދެކޮޅުހަދާކަށް ނެތީމެވެ. 

އެހެނަސް އަނބިން، ދަރިން ދެކެ ލޯބިވާ މިންވަރު ބަލަންޖެހޭނީ އަތަށް ލައިދޭ ހަދިޔާތަކަކުން ނޫނެވެ. އަނބިދަރިންނަށްޓަކައި ފިރިމީހާވާ ޤުރްބާނީންނެވެ. ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ސަމާލުކަންދޭވަރުންނެވެ. ތެދުވެރިކަމާ ވަފާތެރިކަމުންނެވެ. 

ތަނަވަސްކަން ހުރިނަމަ އަގުބޮޑު ހަދިޔާތައް ކިތަންމެ ގިނައިންވެސް ދެވިދާނެއެވެ. ނަމަވެސް އެމީހެއްގެ ކިބައިން އަނބިދަރިންނަށް ލިބެންޖެހޭ މިބުނި ކަންކަން ނުލިބޭނަމަ އޭނާއަކީ އަނބިމީހާ ދެކެވެސް އަދި ދަރިންދެކެވެސް ލޯބިވާ މީހަކަށްވާނީ ކިހިނަކުންހެއްޔެވެ؟ 

އަދިވެސް އެއް ކަންތައް ފާހަގަކޮށްލާނަމެވެ. ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައްޕައަކު މަންމަގެ ހިތުގައި ޖައްސުވައި ރޮއްވުމަކީ ކުރާނެ ކަމެއް ނޫނެވެ. އެކަމުގެ އަސަރު ދަރިންނަށް ކުރާނެތީއެވެ. ހިތްދަތި ޙާލުގައި އިންނަންޖެހޭ މައިންގެ ކިބައިން ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވޭނެތީއެވެ. 

ވީމާ ދަރިން ލިބުމަށްފަހު އަނބިމީހާއަށް ހެޔޮކޮށްހިތުން އިތުރުކުރަންޖެހޭނެއެވެ. ލޯތްބާއި އަޅައިލުން ދިނުންވެސް އިތުރުކުރަންޖެހޭނެއެވެ. އަނބިމީހާ ހިތްދަތިވާނެ ކަންކަން ކުރުން ހުއްޓާލަންޖެހޭނެއެވެ. 

ބައެއް ފިރިން އަނބިމީހާއާއިމެދު ހިތަށް އެރިހައި ގޮތަކަށް ކަންކަން ކޮށްފައި ގެއަށް ވަދެ ދަރިންނަށް އަޅައިނުލެވިހުރެގެން އަނބިމިހާދެކެ އެބަ ރުޅިއައުދެއެވެ. މިއީ ކޮން އިންޞާފެއް ހެއްޔެވެ؟ އަނބިމީހާއަކީވެސް އިންސާނެކެވެ. ކޮންމެ އިންސާނަކަށްވެސް ފިކުރުތަކާއި ހިތްދަތިކަމުން ސަލާމަތްވެވިފައިވާ ހިތެއް ބޭނުންވާނެއެވެ. އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެވޭނީ އެއިރުންނެވެ. 

- އަލަފް

މިއަދު އޮންލައިން