އަހުރެމެންނަށް މިއަދު މިވަނީ ވަރަށް ނުބައި ގޮތްތަކެއްވެފައެވެ. އެއީ އަބަދުވެސް އުޅެވެނީ ދެއްވެވި މިންވަރު މަދުވެގެންނެވެ. އަބަދުހެން ހިތުގައި ޝަކުވާ ކުރެވެނީ އަނެކާއަށް ދެއްވެވި މިންވަރު ގިނަވެގެންނެވެ.
މި ދެ ޙާލަތުންވެސް އަންގައިދެނީ އެއްކަމެކެވެ. އެއީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭ ކަމެވެ.
ދެން ބަލައިލަންވީ ޝުކުރުވެރިވުމުން ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށާއި ޝުކުރުވެރި ނުވުމުން ދެއްވަވާ ޢަޛާބަށެވެ.
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."
(އިބްރާހީމް: 7)
މީސްތަކުންނޭވެ! ކޮންމެ ކަމެއް ނަމަވެސް، ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތެއް ނަމަވެސް އިތުރުކޮށްދެއްވެވުމަށް އެދޭނަމަ ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމުގެ އެންމެ މަދުމިންވަރީ ފަރުޟުތައް އަދާކުރުމެވެ. ފުރަތަމަ ކަމަކަށްވެސް ފަރުޟު 5 ނަމާދު އަދާއަށް ކުރުމެވެ.
ހަމައެއާއިއެކު ހަނދާންކުރާށެވެ! އެކުވެރިޔާއަށް ދެއްވަވާވަރު ގިނަވެގެން ޙަސަދަވެރިވެވޭނަމަ އެކަމުން އަނގައިދެނީ ޝުކުރުވެރި ނުވެވޭކަމެވެ. ތިބާ ޙަސަދަވެރިވާކަން އެކުވެރިޔާއަށް ނުވަތަ އެހެން ބައަކަށް ސިއްރުކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެހެން މީހަކަށް ދެއްވަވާ އެއްވެސް ނިޢުމަތަކަށް ޙަސަދަވެރިނުވާށެވެ. އެކުވެރިއަކަށް ގިނައިން ދެއްވަވާނަމަ އަދިވެސް އިތުރަސް ދެއްވެވުން އެދި ދުޢާކުރާށެވެ! އެދުޢާގެ ސަބަބުންވެސް ތިބާއަށް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން