ގޮތް ދޫނުކުރާ މީހަކަށް ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަކީ ކުރެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ގޮތް ދޫނުކުރާ މީހަކަށް ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަކީ ކުރެވޭނެ ކަމެއް ނޫން!

ޒަވާޖީ ޙަޔާތް ކާމިޔާބު ނުކުރެވި ދެމަފިރިން ވަކިވާންޖެހޭ އެންމެ ޢާންމު އެއް މައްސަލައަކީ ގޮތް ދޫނުކުރުމެވެ. އެއީ ބޮޑާކަމާ ކިބުރުވެރިކަމުގެ ޢަލާމާތެކެވެ. ބޮޑާ، ކިބުރުވެރި މީހުންނަށް ސުވަރުގެއިންވެސް ޖާގަ ނުލިބޭފަދައިން ދުނިޔޭގައިވެސް އުފާވެރިކަމެއް ނުލިބެއެވެ. ވީމާ މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ.

ހިތާމައެއް ކުރިމަތިވުމުން ވަރަށް ގިނަ މީހުން ރޮއި ކަރުނަ އަޅައި ހަދައެވެ. ދެރަވެ ނުކައި ނުބޮއިވެސް އުޅެއެވެ. އެންމެ ކުޑަމިނުން ފެންވަރައި ޒީނަތްތެރިވުންވެސް ހުއްޓައިލައެވެ. ސުވާލަކީ މިހުރިހައި ކަންކަންކޮށް އަމިއްލަ ނަފްސަށް އަނިޔާ ދޭއިރު އެކަމުން އެއްވެސް ޢިބްރަތެއް ޙާޞިލުކުރެވުނު ހެއްޔެވެ؟ ޢިބްރަތް ޙާޞިލު ނުކުރެވޭނަމަ ކަރުނަ އެޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި ކުރިން މި ބުނި ފަދަ އެއްވެސް ކަމެއް ކުރުމުގެ ބޭނުމެއް ނެތެވެ.

އެއް ދުވަހަކު ބައްދަލުވި އަންހެނެކެވެ. ދިރިހުރި ނަމަވެސް އޭނާ ހުރީ މަރުވެފައި ހުރި މީހެއް ފަދައިންނެވެ. ހަށިގަނޑުގައިވެސް ވާހަކަ ދެއްކުމުގައިވެސް އެއްވެސް ދިރުމެއް ނެތެވެ. އޭނާ ބުނީ 2 ކައިވެނިކޮށްގެންވެސް ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން ގޮތް ހުސްވެ ދިރިއުޅުމާއިމެދު ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށެވެ.

އެފަދަ ހާލެއްގައި ހުންނަ މީހަކަށް ވެވެން އޮތް ވަރަކުން އެހީތެރިވެދޭންޖެހޭނެތީ ވަރިވާން ޖެހުނު ސަބަބާއިމެދު ސުވާލުކޮށްލުމުން އެނގުނީ ދެ ކައިވެނިވެސް ރޫޅުނީ ގޮތް ދޫނުކުރެވުމުގެ ސަބަބުން ކަމެވެ. ދޫ ދޭން ޖެހޭ ތަންތަނުގައި ދޫ ނުދެވުމުގެ ސަބަބުން ކަމެވެ. ހަރުކަށިވުމުން ލިބިދާނ ގެއްލުމަށް ވިސްނައިނުލެވުމުންކަމެވެ.

ކަމެއް ކުރިމަތިވުމުން އެކަމަކުން ޢިބްރަތް ޙާޞިލު ނުކުރާނަމަ ފަހުން ހިތާމަކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ ބުނީ ގޮތް ދޫނުކުރުމަކީ އޭނާގެ ޠަބީޢަތުގައި ހުންނަ ސިފައެއް ކަމަށެވެ. ޖަވާބުގައި އަހަރެން ބުނެދިނީ ޠަބީޢަތުގައި ހުންނަ އެއްވެސް ސިފައަކީ ދޫކޮށްނުލެވޭނެ ނުކުރެވޭނެ ސިފައެއް ނޫން ކަމަށެވެ. އެމީހަކު ބޭނުންވާ ނަމަ އެމީހަކަށް ޠަބީޢަތް ބަދަލު ކުރެވޭނެ ކަމަށެވެ. ޖެހޭނީ ކެތްތެރިކަމާއިއެކު އެކަމަށް މަސައްކަތްކުރަން ކަމަށެވެ. އެގޮތުން އޭނާއަށް ވަރަށް ގިނަ ނަޞޭޙަތް ދިނީމެވެ.

އެއިގެ ހަތަރު ވަރަކަށް އަހަރު ފަހުން ފިރިހެނަކާއިއެކު ހަމަ އެ އަންހެން މީހާ އާއި ބައްދަލުވިއެވެ. ބުނީ ކައިވެންޏަށް 3 އަހަރު ވެއްޖެ ކަމަށާއި ދިރިއުޅެމުން ގެންދަނީ އުފާވެރިކަމާއިއެކުގައި ކަމަށެވެ.

މިބުނީ އެންމެ ކަމެއްގެ ވާހަކައެވެ. މިފަދަ ތަފާތު އެތައް ކަންތައްތަކެއް ވަނީ ފެނިފައެވެ. ރަނގަޅަށް ވިސްނާށެވެ! ކޮންމެ ކަމެއް ކުރިމަތިވާނީ އެމީހާގެ ކިބައިގައި ހުންނަ އުނިސިފައެއްގެ ސަބަބަކުން ނޫނެވެ. ދުނިޔެއަކީ މައްސަލަތަކުން ފުރިފައިވާ ތަނެކެވެ. ވީމާ މައްސަލަތައް ކުރިމަތިވާނެއެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމާއިމެދު ފުންކޮށް ވިސްނާށެވެ! ހެޔޮ ލަފާ މީހުންނާއި މަޝްވަރާކުރާށެވެ!

ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. މުޞީބާތުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުމެވެ. ޔަޤީންކުރަންވީ ކޮންމެ ހިތްދަތިކަމަކާއިއެކު އުފާވެރިކަން ލިބޭނެކަމެވެ. ކޮންމެ މުޞީބާތަކާއިއެކުގައިވެސްމެއެވެ. އެއީ ކީރިތި ޤުރްއާނުން އެނގިޔަޤީންކުރެވެން އޮތް ކަމެކެވެ.

ވީމާ ކޮންމެފަދަ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކަށް ކުރިމަތިލާށެވެ! ގޮތްދޫކުރާށެވެ! ތިމާއަށް އެކަމަކުން އެންމެ ފައިދާ ބޮޑުވާނެ ގޮތް ޔަޤީންކުރުމަށްފަހުގައި ނޫނީ ޢަމަލުނުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން