އަހުރެން އިސްލާމްވީ ހަމަ ހުރެފައި ކަމެއް ކުރުމަކަށް ނޫނެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮޔތުގައި އީމާންވެގެންނެވެ. ކީރިތި ޤުރްޢާން ޤަބޫލުކޮށްގެންނެވެ. ކީރިތި ޤުރްއާން ޤަބޫލުކޮށްގެން ﷲ ތަޢާލާއަށް އީމާންވުމަށްފަހު އެފޮތުގައިވާ އެއްޗެއް ޤަބޫލުނުކޮށް އަދި ޢަމަލުނުކުރާނަމަ އިސްލާމްވި ބޭނުމެއް ނުވިސްނެއެވެ. އެހެންވެ އަހުރެން މިދަނީ ވީހާފުރިހަމައަށް ޤުރްއާނަށް ޢަމަލުކުރަމުންނެވެ.
އަހުރެން އިސްލާމްވާން ނިންމި އެންމެ ބޮޑު ސަބަބަކީ ކްރިސްޓިއަނުން އެމީހުންގެ ދީނަށް ޢަމަލުކުރާ ގޮތެވެ. އާދީއްތަ ދުވަހު ފައްޅިއަށްދާނެއެވެ. އެކަމަކު ހަފްތާގެ ދުވަސްތަކުގައި ކުރަނީ ބައިބަލްގައި ކުރުން މަނާކޮށްފައިވާ ކަންކަމެވެ. ހަފްތާ ބަންދު އައުމުން އިމުންނައްޓައި މާމައްޗަށް ކަންކަން ގެންދެއެވެ.
އަހުރެންނަށް ވިސްނުނީ މިއީ އެއްވެސް ގޮތަކުން ހަމަޖެހޭ ކަންކަން ނޫންކަމަށެވެ. ދީނަކަށް އުޅޭނަމަ އެދީނުގެ ފޮތަށް ޢަމަލުކުރަންޖެހޭނެ ކަމެވެ.
މިއީ އަލަށް އިސްލާމްވި އަންހެނަކު އޭނާގެ އަމިއްލަ ވިސްނުމަށް ބުރަވެ ބުނެފައިވާ ބަސްކޮޅެކެވެ. މިބަސްކޮޅަށް ބަލައި ވިސްނައިފިނަމަ ޙައިރާންކަން ނުލިބެންވީ ސަބަބެއް ނެތެވެ. އެހެން މިބުނަނީ އަހުރެމެން މުސްލިމުންނަށް މިއަދު ޢަމަލުކުރެވެމުން މިދާ ގޮތުންނެވެ.
ކްރިސްޓިއަނުން އުޅޭ ގޮތްކަމަށް ބުނެ އޭނާ އެ ސިފަކުރާ ގޮތަށް އުޅެމުން އަންނަ މުސްލިމުން މަދީހެއްޔެވެ؟ ހަމައެކަނި ހުކުރަށްދާ ފިރިހެނުންނާއި ހުކުރަށް ނުދާ މީހުންވެސް މަދީހެއްޔެވެ؟ ހަފްތާގެ ކޮންމެ ދުވަހަކު ބޮޑެތި ފާފަތަކަށް އަރައިގަންމުންދާ މީހުން މަދީހެއްޔެވެ؟
ދުޢާއަކީ ހުރިހާ މުސްލިމުންނަށްވެސް ހެޔޮ ވިސްނުން ދެއްވެވުމެވެ. ސުވަރުގެ ވައްދަވާނެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމުގެ ތައުފީޤް ދެއްވެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން