އަންހެނުން އެކަނބަލުންގެ ހަށިގަނޑުގެ އަގު އަމިއްލައަށް ވައްޓައިނުލާށެވެ! އެއީ ﷲ ގެ އަމާނާތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަންހެނުން އެކަނބަލުންގެ ހަށިގަނޑުގެ އަގު އަމިއްލައަށް ވައްޓައިނުލާށެވެ! އެއީ ﷲ ގެ އަމާނާތެކެވެ!

އަހުރެން މިހެން ބުނީމާ އެކަކުވެސް އަހުރެން ދެކެ ރުޅި ނުއަންނާށެވެ. ރަނގަޅަށް ވިސްނައިލާށެވެ.

އަހުރެމެން މިދައްކަނީ އަންހެނުން ކުރިއަރަމުން އަންނަ ވާހަކައެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ގިނަ ޢަދަދެއްގެ އަންހެނުން މިއަދު ވަނީ ވަރަށް ގިނަ ގޮތްގޮތުން ފިރިހެނުންނާއި އެއްސަފަކަށް ކުރިއަރައިފައެވެ. ވަޒީފާގައި އަދި އަމިއްލަ މަސައްކަތްކުރުމުގައިވެސް މެއެވެ. 

އެކަމަކު ސުވާލަކީ އެހެންކަމަށްވާއިރު ކައިވެނީގެ ބޭޜުން ތިމާގެ ހަށިގަނޑު ހިލޭފިރިހެނުން ބޭނުން ގޮތަކަށް ބޭނުންކުރަން ދެވުނީމާ އެއެރުނީ ކުރިއަށް ހެއްޔެވެ؟ ނުވަތަ އެކަންވާނީ ފަހަތަށް ދެވުމަށް ހެއްޔެވެ؟ ހަމަ ޤައިމުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދެވުނީ އެންމެ ފަހަތަށެވެ. 

އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތަކީ އޭނާގެ ހަށިގަނޑެވެ. އޭނާގެ ގުނަވަންތަކެވެ. އެަިގެ ތެރެއިން ވަކި ގުނަވަންތަކެއް ޚާއްޞަކޮށް ރައްކައުތެރިކުރަން އަންގަވާފައި އެއޮތީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ. 

އަންހެނަކު އޭނާގެ ހަށިގަނޑު ހިލޭ ފިރިހެނުންނާއި ޙަވާލުކުރާނަމަ އަހުރެން ބުނާނީ އޭނާ އެކަން އެކުރަނީ ވަރަށް ނުބައި ވިސްނުމެއްގައި ހުރެގެން ކަމަށެވެ. އޭނާގެ އަތުގައި ފިރިހެން މީހާއާއި ޙަވާލުކުރާނެ އެހެން އެއްވެސް އެއްޗެއް ނެތްކަމަށް ޤަބޫލުކުރެވިގެންކަމަށެވެ. މިއީ ހުޅަނގުގައި މިހާރު ފެތުރި ޢާންމުވެފައިވާ އެންމެ ބޮޑު ވަބާއެވެ. މިވަބާ މުސްލިމުންގެ ތެރެއަށްވެސް އަންނަޏީ ފެތުރެމުންނެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ހަށިގަނޑަކީ ތިއަކަނބަލުންގެ ޙައްޤެއް ނޫނެވެ. އެއީ ﷲ ތަޢާލާ ތިއަ ލޮބުވެތިކަނބަލުންނާއި ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު އެއް އަމާނާތެވެ. އެއަމާނާތަށް ރައްކައުތެރިވާންޖެހޭނެއެވެ. 

ތިބާއަތުގައި އޮންނަ އަގުބޮޑﷲު ކާރު އެކުވެރިއަކު ދުއްވާލަންދޭ އުޞޫލުން ތިބާގެ ހަށިގަނޑު އެއްވެސް މީހަކާއި ޙަވާލުނުކުރާށެވެ. ހަށިގަނޑު ޙަވާލުކުރަންވާނީ ޢަބުރުވެރިކަމާއި ޝަރަފުވެރިކަމާއިއެކުގައެވެ. އެއީ ކައިވެންޏަށްފަހު ޙަވާލުކުރުމެވެ! އެހެން ނޫންނަމަ ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ. 

- އަލަފް

 

މިއަދު އޮންލައިން