ދިރިއުޅެން އަންހެނުން ކުރަންވީ ކޮންމަސައްކަތެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދިރިއުޅެން އަންހެނުން ކުރަންވީ ކޮންމަސައްކަތެއް؟

ދިރިއުޅެން އަންހެނުން ކުރަންވީ ކޮންމަސައްކަތެއްކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. އެފަދަ މީހުންނަށް އަހުރެން ބުނަން އޮތީ ހުރިހާ ކަމެއް އިހަށް އެއްފަރާތުގައި ބަހައްޓާށެވެ! ﷲ ތަޢާލާ ތިމާ އާއި ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކޮބައިކަމާއިމެދު ވިސްނައިލާށެވެ.

އަންހެނަކަށް ފުރަތަމަ މަސްއޫލިއްޔަތަކީ ފިރިމީހާއަށްޓަކައި ތިމާގެ ދެއަތުން ކޮށްދޭންޖެހޭ ކަންކަމެވެ. ދަރިން ލިބުމަށްފަހު އެދަރިންނަށްޓަކައި ތިމާ ކޮށްދޭންޖެހޭ ކަންކަމެވެ. މިއިން އެއްވެސް މަސްއޫލިއްޔަތަކީ ކިތަންމެ ތަނަވަސް ނަމަވެސް އެހެން މީހަކާއި ޙަވާލުކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. ޙަވާލުކޮށްފިނަމަ، ކޮންމެވެސް ދުވަހަކު، ކޮންމެވެސް ހިސާބަކުން އެކަމަށް ދެރަވެ ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ. 

އެކަން އެހެން ދިމާއެވަނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަސްއޫލިއްޔަތުގެ ކުރިއަށް އެހެންކަންކަން ނެރެވޭތީއެވެ. މުޅި ދުނިޔެ މިބަހާއި ނުރުހުނަސް މިކަން ހިނގަމުންދާނީ މިގޮތަށެވެ. އެހެނީ ﷲ ތަޢާލާ ކޮންމެ މީހަކާއިވެސް މަސްއޫލިއްޔަތުތައް ޙަވާލުކުރައްވަވަނީ އެކަމަކުން އެމީހަކަށް އެންމެ ބޮޑަށް ފައިޑާކުރާނެ ގޮތަށްކަމުގައިވާތީއެވެ. އެހެންކަމަށްވާއިރު އެއަށްވުރެ މޮޅު ގޮތެއް އަހުރެމެން ހޯދާނީ ކިހިނަކުންހެއްޔެވެ؟ 

މިކަންކަން ކުރަން ހުރަސް ނުއެޅޭ ގޮތަށް، މިކަންކަން ކުރަމުން ޢަބުރުވެރިކަމާއި ޝަރަފްވެރިކަމާއިއެކު އަދާކުރަންލިބޭ އިތުރު މަސައްކަތްތައް ކުރުމަކީ މައްސަލައެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް އަންހެނުންވަނީ ވިޔަފާރިކޮށްފައެވެ. އެނޫން އެހެން މަސައްކަތްތައްވެސް ކޮށްފައެވެ. އެކަމުން އަންގައިދެނީ އަންހެނުންނަކީވެސް ހަަމ މަސައްކަތްކުރަންވީ ބައެއް ކަމެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން