ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ އާއިމެދު ޝައްކުކުރެވިއްޖެނަމަ ޒުވާބުނުކޮށް މިފަދަ ޙިކުމަތްތައް ބޭނުންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ އާއިމެދު ޝައްކުކުރެވިއްޖެނަމަ ޒުވާބުނުކޮށް މިފަދަ ޙިކުމަތްތައް ބޭނުންކުރާށެވެ!

އަޅުގަނޑުގެ ފިރިމީހާ ބޭވަފާތެރިވަމުން އަންކަން އެނގޭތާ އަހަރެއްހައި ދުވަސްވެއްޖެއެވެ. އެކަމަކު އެއްބަހެއް ނުވެއެވެ. ކުރެވޭ ކޮންމެ ތުހުމަތެއް ދޮގުކުރެއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭނެ އެންމެ މުހިނަމު އެއް މައްސަލައެވެ. ވީމާ ވިސްނުންތެރިކަމާއިއެކު ޢަމަލުކުރާށެވެ! ޝައްކެއްގެ މައްޗަށް ބުރަވެ ކައިވެނުި ރޫޅައިނުލާށެވެ. ބުއްދިވެރި ކޮންމެވެސް އުކުޅެއް ބޭނުންކުރާށެވެ. ތިރީގައިވާ ވާހަކައިގައި އަންހެނަކު ބޭނުންކޮށްފައި އެވަނީވެސް ވަރުގަދަ އުކުޅެކެވެ. އެފަދަ ވަރުގަދަ އުކުޅެއް ވިސްނައި ޢަމަލުކުރާށެވެ. 

ފިރިމީހާގެ ކިބައިން ނުބައިކަމަކަށް ޝައްކުކުރެވިއްޖެނަމަ ގިނަ އަންހެނުން އަވަސްވެގަންނާނީ ސުވާލުތައްކޮށް ޒުވާބުކުރުމަށެވެ. އެކަންކަމުގެ ނަތީޖާ އެހައި ރަނގަޅުނުވެދާނެއެވެ. އެހެނީ ކުރެވުނީ ނުބައި ޝައްކަކަށްވެސް ވެދާނެއެވެ. ބުއްދިވެރި އަންހެނުންނަކީ ވިސްނުން އިސްކޮށް ކަމުގެ ދެނެގަންނަން މަސައްކަތްކުރާ މީހުންނެވެ. 

އަހަރެންގެ އެކުވެރި ޒީނާއަކީ ބުއްދިވެރި އަންހެނެކެވެ. އެހެންވެ އޭނާގެ ފިރިމީހާ އާއި ޝައްކުކުރެވެން ފެށުމުން ޢަމަލުކުރިގޮތް ކިޔައިދޭނަމެވެ. 

ޒީނާގެ ފިރިމީހާ ހެނދުނު ތެދުވެ ފާޚާނާއަށް ވަނުމުން ލިޔުނީ ނޯޓެކެވެ. "އަހަރެމެން ދެމީހުން އެކުގައި ދިރިއުޅެން އުޅެގެން ދެން ކުރިއެރުމެއް ލިބޭނެ ކަމަށް ޤަބޫލެއް ނުކުރަމެވެ. އެހެންވެ އަހަރެން މިދަނީއެވެ. އެހެން ގެއަކަށް ނޫނެވެ. 10 ގެ ފްލައިޓުން ރަށަށެވެ. ތިބާއަށް އުފާވެރި މުސްތަޤްބަލަކަށް އެދެމެވެ." 

ފިރިމީހާއަށް ފެންނަ ގޮތަށް ނޯޓް ބާއްވާފައި ޒީނާ ހުރީ ކޮޓަރީގައި ފިލައެވެ. ނޯޓްކިޔާފައި ފިރިމީހާއަށް ކުރާ އަސަރު ބަލައިލުމަށެވެ. ޢަމަލުކުރާ ގޮތް ދެކެލުމަށެވެ. 

ފިރިމީހާއަށް ނޯޓް ފެނުމުން ކިޔައިލިއެވެ. ކިޔައިނިމުނުއިރު ހުރީ ހިނިތުންވެފައެވެ. އަވަސްއަވަހަށް ފޯނު ނެގިއެވެ. އަދި ކޮންމެވެސް ނަންބަރަކަށް ގުޅާފައި އަނބިމީހާ އޭނާ ދޫކޮށްލާފައި ހިނގައްޖެކަމަށާއި އަވަހަށް އެގެއަށް އައުމަށް އެދުނެވެ. ހަމަ އެވަގުތުން ފެށިގެން އެކުގައި ދިރިއުޅެން ފަށައި ކައިވެނި ކުރުން އަވަސްކުރަންވީކަމަށް ބުންޏެވެ. 

ޒީނާ ހުރިތަނުން ނުކުތެވެ. ފިރިމީހާ އާއި އިތުރު ވާހަކައެއް ނުދައްކައެވެ. ޒީނާގެ ހެދުންކޮޅާއި ގެންގުޅޭ ސާމާނު ފޮށްޓަކަށް އަޅައިގެން ގެއިން ނުކުމެގެން ދިއައީއެވެ. 

ޒީނާ ޢަމަލުކުރީ ވެސް ނޯޓުގައި ލިޔުނު ގޮތަށެވެ. ޓެކްސީއަކަށް އަރައިގެން ރަށްޓެއްސެއްގެ ގެއަށް ގޮސް އެގޭގައި ހުރެ ޓިކެޓް ހަމަޖައްސައިގެން އެއާޕޯޓަށް ގޮސް ރަށަށް ދިއައީއެވެ. 

އެއިގެ 3 އަހަރު ފަހުން ފިރިމީހާގެ ވިޔަފާރި ބަނގުރޫޓުވެ ދެވަނަ އަނބިމީހާވަރިވެ ނިކަމެތިވުމުން ޒީނާ ހޯދަން ގުޅިއިރު ޒީނާ ހުރީ ރަށުން މީހަކާ ކައިވެނިކޮށްގެންނެވެ. ދަރިއަކުވެސް ވަނީ ލިބިފައެވެ. 

ކުރީގެ ފިރިމީހާ އެންމެފަހު ވާހަކައެއްގެ ގޮތުން ސުވާލުކުރިއެވެ. "އެއުކުޅު ހަދައި އަހަރެންގެ ޙަޤީޤަތް އެހައި ފަސޭހައިން ދެނެގަތީ ކާކުދިން ނަޞޭޙަތަކަށް ހެއްޔެވެ؟" ޖަވާބުގައި ޒީނާ ބުންޏެވެ. "ފޭސްބުކުން ފެނުނު ވީޑިއޯއެއް ބަލައިގެންނެވެ." 

މިއަދުނޫހުގެ ލޮބުވެތި ކިޔުންތެރިންނަށް ބުނެލަން އޮތީ ފައިދާހުރި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާށެވެ! ވަރަށް ގިނަ ރަނގަޅު ކަންކަން ދަސްވާނެއެވެ. ދިރިއުޅުމުގެ ކަންކަމުގައި އަމަލުކުރާނެ ރަނގަޅު ގޮތްތައްވެސް ދަސްވާނެއެވެ.

 

- ޞޯބިރާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން