ޒަވާޖީ ޙަޔާތަކަށް ފަށާނަމަ ފުރަތަމަވެސް މިކަންކަމަށް އިސްކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޒަވާޖީ ޙަޔާތަކަށް ފަށާނަމަ ފުރަތަމަވެސް މިކަންކަމަށް އިސްކަންދޭށެވެ!

ތިބާއަށްޓަކައި ﷲ ތަޢާލާ ނިޢުމަތެއް ލައްވަވާފައިވާނަމަ ފަރުބަދައެއްގެ އަޑީގައި ވަޅުލެވިފައި އޮތްނަމަވެސް ތިލަވެ ތިބާއާއި ހަމައަށް ފޯރުއްވަވާނެތެވެ. އެކަމަށް ޝައްކުވެސް ކޮށްގެން ނުވާނެތެވެ. އަދި ތިބާއަށް ދެއްވަވަން އިރާދައިގައި ނެތްކަމެއް ޙާޞިލުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. 

މިއަދު އެންމެ ގިނަ ބައަކަށް ކުރިމަތިވާ އެއް މައްސަލައަކީ ކަމެއް ޙާޞިލްކުރަން ބޭނުންވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލެވޭކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަކާއިމެދު ވިސްނައިވެސް ނުލެވޭ ކަމެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. 

ކިތަންމެ ބޮޑަށް ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ޢަމަލެއް ނުކުރާށެވެ. އަދި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަންކަން ކުރުން ގިނަކުރާށެވެ. 

ޒުވާން ކަނބަލުންނޭވެ! ތިބާއަށް ލޯބިވެވެނީ އިންތިހާއަށް ތަނަވަސް މީހަކު ދެކެ ކަމަށްވެސް ވެދާނެއެވެ. އަދި ވަރަށް ރީތި މީހަކުދެކެ ކަމަށްވެސް ވެދާނެއެވެ. އެޙާލަތުގައި އޭނާ ޙާޞީލްކުރުމަށްވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ހަމަ އެއްވެސް ޢަމަލެއް ނުކުރާށެވެ! 

ތިބާ އެމީހަކު ދެކެ ލޯބިވުމަކީ ޙައްލެއް ނޫނެވެ. ޙައްލަކަށްވާނީ އޭނާވެސް ތިބާދެކެ ލޯބިވުމެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ދެމީހުންގެ ގުޅުން އަވަހަށް ޙަލާލްކޮށްލާށެވެ! އެއީ އިސްލާމް ދީނުގައި ކުރަން އެންމެ ފަސޭހަ އެއް ކަންތަކެވެ. 

ދިރިއުޅުމެއް ބާއްޖަވެރިކުރަން މުހިންމީ ތަނަވަސްކަމެއްވެސް ނޫނެވެ. ބައިވެރިޔާގެ ރީތިކަމެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ވީމާ ޒަވާޖީ ޙަޔާތެއް ފެށުމުގައި މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. އުފާވެރި ދިރިއުޅުމެއް ދެއްވަވާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އަލަފް 

 

މިއަދު އޮންލައިން