އެއާޔަތެއް ބާވައިލެއްވެވުމުން އިބިލީސް ލޮލުން ކަރުނައަޅައި ރުއި އާޔަތް- މުސްލިމުންނަށް އެންމެ އުފާވެރި އާޔަތް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އެއާޔަތެއް ބާވައިލެއްވެވުމުން އިބިލީސް ލޮލުން ކަރުނައަޅައި ރުއި އާޔަތް- މުސްލިމުންނަށް އެންމެ އުފާވެރި އާޔަތް-!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފަކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސްތަކަށް އަނިޔާވެރިވެއްޖެ ނަމަ، (އެބަހީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް އެއުރެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި، ފާފަތައް ފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ޙާލް އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (އާލްޢިމްރާން :135) 

އަނަސް ބިން މާލިކް (ރޢ) ގެ އަރިހުން ރިވާވެގެންވާ ގޮތުގައި މި އާޔަތް ބާވައި ލެއްވެވުމުން އިބިލީސް ލޮލުން ކަރުނައަޅައި ރުޔެވެ. އެއީ އޭނާ ކިތަންމެ މަސައްކަތެއް ކޮށްގެން ،މީސްތަކުން މަގުފުރެއްދައި ނުބައި ޢަމަލުތައް ކުރުވި ނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތުމުންނެވެ. 

މިއާޔަތުގައި އެވަނީ އެންމެ ގިނައިން މީސްތަކުންނަށް ކުރެވޭނެ ފާފައިގެ ވާހަކައެވެ. އެއީ ފާހިޝް ޢަމަލުކުރުމެވެ. އިންސާނުންގެ ނަފްސަށް ބަލާއިރު ކިތަންމެ ބޮޑު ތަޤްވާވެރިއަކަށްވެސް ފާހިޝް ޢަމަލެއް ކުރެވިދާނެއެވެ. މިއާޔަތުގައި އެވަނީ އެފަދަ ޢަމަލެއް ކުރެވުމުން ތައުބާވެއްޖެނަަމ އެމީހާގެ ފާފަ ފުއްސަވައިދެއްވަވާނެ ކަމެވެ. އަދި މީސްތަކުންނަށް އޮތީ ފާފަ ތަކުރާރު ނުކުރަން މަސައްކަތްކުރުމެވެ. އީމާންކަމުގައި ށާބިތުވާން މަސައްކަތްކުރުމެވެ. 

ހަމަ އެއާޔަތާއިވިދިގެން އޮތް އާޔަތުގައި އެވަނީ ތައުބާވުމުން ދެއްވަވާނެ ރަހްމަތުގެ ބޮޑޫކަމެވެ. 

"އެއުރެންގެ ޖަޒާއަކީ އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެ ތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލުކުރާމީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ." ( އާލްޢިމްރާން :136)

މީސްތަކުންނޭވެ! އިންސާނުން ކަމުގައިވީތީ ފާފަތައް ކުރެވޭނެއެވެ. ފާފައެއް ކުރެވުމުން އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ތައުބާވުމަށް އަވަސްވެގަތުމުން އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވައި ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. މީހަކަށް ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގެންފިނަމަ އިބިލީސް ކަރުނައަޅައި ރޯނެއެވެ. އެއީ އޭނާ ކުރި ހުރިހާ މަސައްކަތެއް ފޭލްވެގެންދާތީއެވެ. މަސައްކަތްކުރަންވީ އިބިލީސް ހެއްވުމުެ ބަދަލުގައި ރޮއްވާ މީހަކަށްވުމަށެވެ. އެފަދަ މީހަކަށް ވެވުމުން އެމީހަކަށް ﷲ ތަޢާލާ ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން