މާނަ ނުއެނގުނަސް ސަމާލުކަންދީގެން ޤުރްއާން ކިޔަވާނަމަ ކިޔަވަމުންދާއިރު ނަރަކައިން ސަލާމަތްކޮށް ދެއްވެވުމަށާ ސުވަރުގެ ދެއްވެވުން އެދި ދުޢާކުރެވޭނެ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މާނަ ނުއެނގުނަސް ސަމާލުކަންދީގެން ޤުރްއާން ކިޔަވާނަމަ ކިޔަވަމުންދާއިރު ނަރަކައިން ސަލާމަތްކޮށް ދެއްވެވުމަށާ ސުވަރުގެ ދެއްވެވުން އެދި ދުޢާކުރެވޭނެ މަގު-!

ޤުރްއާން ބާވައިލެއްވެވީ ޢަރަބިބަހުންނެވެ. ހުރިހާ މުސްލިމުންނަކަށް ޢަރަބިބަހެއް ނުއެނގެއެވެ. ވީމާ ކިޔަވަންދާއިރު މާނައެނގުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމާއިއެކުގައިވެސް ކޮންމެ މުސްލިމަކަށްވެސް އެނގޭނެ މިންވަރެއްވެއެވެ. ކިޔައިޑޭން މިއުޅެނީ އެކަމުގެ ވާހަކައެވެ.

ހުދައިފާ (ރޢ) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ރަސޫލް ()ގެ ފަހަތްޕުޅުގައި ދަމުނަމާދެއް ކުރެއްވެވީމެވެ. ފުރަތަމަ ސޫރަތުގައި ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއި ނިސާ ސޫރަތް ވިދާޅުވިއެވެ. މިއިން ކޮންމެ ސޫރަތެއްގައިވެސް ސުވަރުގޭގެ ވާހަކަ އަތުވެއްޖެނަމަ އާޔަތް ވިދާޅުވުމަށްފަހު ސުވަރުގެ ވައްދަވައިދެއްވެވުން އެދި ދުޢާ ކުރެއްވެވިއެވެ. އަދި ނަރަކައިގެ ވާހަކަ ބަޔާންވެގެންވާ ކޮންމެ އާޔަތެއް ނިމިވަޑައިގަތުމުން ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. 

މީސްތަކުންނޭވެ! ހުދައިފާގެ ބަސްފުޅުން އެނގިގެންދަނީ ކީރިތި ޤްރުއާން ކިޔަވަމުންދާއިރުވެސް ދުޢާ ކުރުމުގެ މުހިންމުކަމެވެ. އެކަން ކުރެވޭނީ ކިޔެވޭ އެއްޗެއް އެނގިގެންނެވެ. ކިޔަވާ އެއްޗެއްގެ މާނަ އަހަރެމެންނަށް އެނގޭނީ މާނަކިޔައި ވިސްނުމުންނެވެ. ވީމާ ކީރިތި ޤްރުއާން ކިޔަވަންވީ މިހުރިހާ ފައިދާތައްވެސް ޙާޞިލުކުރެވޭނެ ގޮތަށެވެ. 

ޤުރްއާން ކިޔަވާއިރު އެއިގެ މާނަ ނުއެނގުނު ނަމަވެސް ސުވަރުގެއާއި ނަރަކައިގެ ވާހހަކަ އައުމުން ދުޢާކުރަންއެނގޭނެއެވެ. "ޖަހައްނަމަ" އަތުވެއްޖެނަމަ އެއީ ނަރަކައިގެ ވާހަކައެވެ. "ޖައްނަތު" އަތުވެއްޖެ ނަމަ އެއީ ސުވަރުގޭގެ ވާހަކައެވެ. ކިޔަވާއިރު މިވަރު ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. 

ކީރިތި ޤްރުއާން ކިޔެވުމުގައި ބަލަންވީ ގިނަ ޚަޠިމް ކުރުމަކަށް ނޫނެވެ. ގިނަ ޚަޠިމްކުރުމަކީ ކިތަންމެހައިވެސް ރަނގަޅު ކަމެކެވެ. ނަމަވެސް މަސައްކަތްކުރަންވީ އެކަމުގެ ފައިދާ އެންމެ ބޮޑަށް ޙާޞިލުކުރެވޭނެ ގޮތަށް ކިޔަވައި ޚަޠިމް ކުރުމަށެވެ. 

ދުޢާކުރަންވެއްޖެ ނަމަ އަހަރެމެންނަށް މިއޮންނަނީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ދުޢާ ކުރުމަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. އެހެން ނަމަވެސް ރަސޫލް () އެންމެ ބޮޑު ސަމާލުކަމެއް ދެއްވެވީ ދުޢާ ކުރެއްވެވުމަށެވެ. ވީމާ މިކަމަކީ ކޮންމެ މީހަކުވެސް ކުރަން އޮތްކަމެއްކަން ސުންނަތުން ސާބިތުވާއިއރު އެކަމަށް ސަމާލުކަންދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން