ކައިވެނި ރޫޅާލަން ބޭނުންވެގެން އަހުރެންގެ ގާތުގައި މަޝަވަރާކުރާ މީހުންނަށް އަހުރެން ވިސްނައިދެމެވެ. ސުވާލުކުރަމެވެ.
"ރޫޅައިލަން ތިއައުޅެނީ ޢާއިލާއެވެ! ބައިވެރިޔާގެ އިތުރުން ދަރިން އެބަތިއްބެވެ. އެދަރިންނަކީ ތިބާގެ މުސްތަޤްބަލް އުޖާލާކޮށްދޭނެ ދަރިންނެވެ. ތިބާއަށް އެހީތެރިވެދޭން ތިބި ބައެކެވެ.
އެއެންމެން ދޫކޮށްލާފައި ތިބާ ތިއަގުޅެނީ އެހެންމީހަކާއެވެ. ކުރިން މިބުނި ފަދައިން ޢާއިލާއަށްވުރެ ބޮޑަށް އެ އެންމެ މީހަކު ތިބާއަށް އަޅާލައި އެހީތެރިވެދޭނެކަމަށް ޤަބޫލުކުރެވެނީހެއްޔެވެ؟"
ނަތީޖާވެސް ރަނގަޅެވެ. ގިނަބައަކު އަހުރެންދައްކާ ވާހަކަ އަޑުއެހުމަށްފަހު ވިސްނުން ބަދަލުކުރެއެވެ. ކައިވެނި ރޫޅާނުލައި ކެތްތެރިވެއެވެ.
ކައިވެނި ރޫޅާލަން ނިންމަނީ ދެމީހުންކުރެ ކޮންމެ މީހަކު ނަމަވެސް ހަމަމިވިސްނުމުން ވިސްނައިލާށެވެ! މީހަކު ދެކެ ލޯބިވެވޭއިރަށް ޢާއިލާ ޢާއި ވަކިވަން ހެޔޮވާނެކަމާއިމެދުގައެވެ. ޢާއިލާޢިން ތިމާއަށް ކުރާނެ ފައިދާއާއިމެދުގައެވެ.
އަދިވެސް ވިސްނައިލާށެވެ! ޒަވާޖީ ޙަޔާތެއް ފަށައި ދަރިން ލިބުމުން ފިރިމީހާ ދަރިންނަށް ޚަރަދުކުރެއެވެ. ދުވަސްކޮޅެއވާއިއރު އެތައް ބައިވަރު ފައިސާތަކެއް ޚަރަދުކުރެއެވެ. ވަޒީފާ އަދާނުކުރާ މަންމައަކުނަމަ ދަރިންބަލަން ބޮޑެތި ޤުރްބާނީޔަކެއް ވެއެވެ. ތިމާ އެހައި ލޯބިން ގެންގުޅުނު ދަރިންކޮޅު ނިކަމެތިކޮށްލަންވެދާނެ ހެއްޔެވެ؟
މައްސަލައެއް ނެތެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނީއެވެ. އެހިސާބުން ވިސްނައިލަންވީ ޖެހުނު މައްސަލައާއި ގުޅިގެން ކައިވެނި ރޫޅާލައިފިނަމަ ބޮޑީ ތިމާއަށް ގެއްލިގެންދާބައިހެއްޔެވެ؟ ފަހުން ހޯދި ލޯބިވެރިޔާގެ ބުރަދަން މިހުރިހާ ކަންކަމަށްވުރެވެސް ހަމަ ބޮޑީ ހެއްޔެވެ؟
އަހުރެން ބުނާނީ ހަމައެއްގޮތަކަށްވެސް ބުރަނުވާނެ ކަމަށެވެ. ވީމާ ވަރިވުމުގެ ކުރިން ނުވަތަ ވަރިކުރުމުގެ ކުރިން މިކަންކަމަށް ފުންކޮށްވިސްނައިލާށެވެ. އެއިރުން ހެޔޮ ގޮތް ވިސްނޭނެއެވެ. އިން ޝާ ﷲ
- އަލަފް